ބިންވެރިކަމާ ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނީ، މި ފެށުނު ރިޔާސީ އާ ދައުރުގައި!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ބިންވެރިކަމާ ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނީ، މި ފެށުނު ރިޔާސީ އާ ދައުރުގައި!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މި ފެށުނު ރިޔާސީ އާ ދައުރުގައ. ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައެވެ.  

ލޮބުވެތި އެންމެހައި ދިވެހިރައްޔިތުން؛

ބިންވެރިކަމާއި ގެދޮރުވެރިކަމަކީ، ރާއްޖޭގައި ވަރަށް ޙައްސާސީ މައްސަލައެއް. އެކަމުގެ ސަބަބުން، އާއިލީ އިޖުތިމާޢީ މައްސަލަތައް ނިކުމޭ. ދީނީ، އަޚްލާޤީ މައްސަލަތައް އުފަންވޭ. ހަމަ އެހެންމެ، ޞިއްޙީ އެތައް ގެއްލުންތަކަކަށް ރައްޔިތުން ހުށަހެޅޭ. އިރާދަކުރެއްވިއްޔާ، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނީ، މި ފެށުނު ރިޔާސީ އާ ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ކުރަހައި ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ޝަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ. 

މީގެ އިތުރަށް، އަޅުގަނޑު ދެކޭގޮތުގައި ރާއްޖެއަށް ދެމެހެއްޓެނިވި ޢަދުލުވެރި ތަރައްޤީގެ ނިޒާމެއް ބޭނުންވޭ. އަޅުގަނޑުމެން މި ފަށާ އާ ސަރުކާރުން ތަރައްޤީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ މި ވިސްނުމުގެ ތެރެއިން. އެއީ ސަރަހައްދީ ތަރައްޤީ ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްޤީއާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފުހޫމެއް. އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ، މެދުރާސްތާގެ އަމާޒުތަކަކާއި، ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައަޅާލެވޭނެ.  

އަދި މިކަމުގައި ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންގެ އުންމީދުތަކާއި ވިސްނުންތައް އަޅުގަނޑުމެންނާ ހިއްސާ ކުރެއްވުމަށް އެކަމުގެ ފުރުޞަތު އަޅުގަނޑުމެން ހުޅުވާލާނަން. ރާއްޖޭގެ ޢިލްމީ އެކި ދާއިރާތަކާއި، ފަންނީ އެކި ދާއިރާތަކުގެ ބޭފުޅުން، އެ ބޭފުޅުންގެ ޢިލްމީ ދިރާސާތަކާއި ތަޖުރިބާއިން މިކަމުގައި ސަރުކާރަށް އެހީތެރިވެވަޑައިގެން ދެއްވުން ވަރަށް ބޮޑަށް އެދެން.  

އިރާދަކުރެއްވިއްޔާ ލަހެއްނުވެ އެކަމަށް ފުރުޞަތު ހުޅުވައިލެވޭނެ. ބޭނުމަކީ ދިވެހިރައްޔިތުންގެ ހުވަފެންތަކާއި ތަޞައްވުރުތަކުގެ އެހީގައި ރައްޔިތުން އެދޭގޮތަށް ދިވެހިރާއްޖޭގެ މުސްތަޤްބަލް ކުރަހައި ބައްޓަންކުރުން. ރައްޔިތުންގެ އެ ހުށަހެޅުންތަކުގެ މައްޗަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވައިލައި، އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދިނުން. މި ވަގުތަށް އެކަށައެޅިފައި ހުރި ކަންކަމަށް ބަލާއިރުވެސް، ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ޤާއިމުކުރެވޭނެ. ހަމަ އެހެންމެ، ރާއްޖޭގެ އެހެން ސަރަހައްދުތައް ޝާމިލުވާހެން، 7 އަރބަން ސެންޓަރެއް، ނުވަތަ ޢުމްރާނީ ބިނާވެށީގެ 7 ބިނާވެށްޓެއް، ރާއްޖޭގެ 7 ސަރަހައްދެއްގައި ފައްކާކުރެވޭނެ. 

- ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން

 

މިއަދު އޮންލައިން