އަންހެނުންނަށާ ޒުވާނުންނަށް އަދި އިސް ރައްވެހިންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދުވަނީ ވަރަށް އުފާވެރި، ވަރަށް ޚާއްޞަ މެސެޖްތަކެއް ދެއްވައިފައެވެ.
ހީވާގި ދިވެހި ކަނބަލުން، ދިވެހި ޒުވާނުން؛
ތިޔައީ، ޤައުމު ހިންގުމުގެ އިންޖީނު. ޤައުމު ދެމިއޮތުމުގެ ހަކަތަ. ކަނބަލުންގެ ޙައްޤުތައް އަޅުގަނޑުމެން ރައްކާތެރިކޮށްދޭނަން. ޒުވާނުންނާއި ކަނބަލުންނަށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދޭނަން. ސިޔާސީގޮތުން ބާރުވެރި ކުރުވާނަން. ޒުވާނުންގެ ހުނަރުވެރި އާ އީޖާދުތަކާއި އުފެއްދުންތަކުން ވިޔަފާރިކުރުމަށް، ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް ދުނިޔެއާ ގުޅުވައިލާނަން. އިރާދަކުރެއްވިއްޔާ، ދިވެހި ޒުވާނުންނަކީ، ކްރިއޭޓަރ އިކޮނޮމީގެ މަހުޖަނުން ކަމުގައި ހަދައިދޭނަން.
ޚިދުމަތްތެރި އިސްރަށްވެހީން؛
ތިޔައީ، ތިޔަބޭފުޅުންގެ ކޮނޑުފުޅުމަތީގައި މިއަދުގެ ޖީލުތަކާ ހަމައަށް މި ޤައުމު އުފުލައިދިން އަމާނާތްތެރި ހިންމަތްތެރީން. ނެތް ވަސީލަތުގައި ހައިހޫނުކަމާއެކު ނުހަނު ދަތިހާލުގައި ރާއްޖެ ބިނާކުރުމުގައި އިއްޔެ އަވަދިނެތި އުޅުއްވީ ތިޔަބޭފުޅުން. މިކަންކަމުގެ ތަފުސީލު، އަދުގެ ޖީލުތަކަށް ފޯރަންޖެހޭ. رَسُولُ ٱللَّهِ صـلّى الله عَلـَيـهِ وَسَـلّم ގެ ޙަދީޘްފުޅެއްގެ މާނައިގައި އޮންނަނީ، ދޮށީއުމުރުގެ މީހުންނަށް ޤަދަރުނުކުރާ އަދި ކުޑަކުދީންނަށް ކަމޭނުހިތާ މީހަކީ ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިން ހިމެނިގެންވާ މީހެއް ނޫންކަމަށް. އެހެންވީމާ، މިކަމުންވެސް ތިޔަބޭފުޅުންނަށް ލިބެންޖެހޭ އިޙްތިރާމު އެބަ ކަށަވަރުވޭ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ތިޔަ ޢިއްޒަތްތެރި އިސްރަށްވެހީން، މުޖުތަމަޢުގައި ހަވާސާއެއް ނުކުރާނަން. އޭގެ ބަދަލުގައި އަޅުގަނޑު މި އުފައްދާ ސަރުކާރު ވާނީ އިސްރަށްވެހީންނާ ކަވާސާ ސަރުކާރަކަށް.
- ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން