"އަޅުގަނޑު ޢަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅުއަޅާނެ!" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައެވެ.
ވަޑައިގެން ތިއްބެވި ޢިއްޒަތްތެރީން، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުން؛
ފަހަރެއްގައި ތިޔައިން ބޭފުޅެއްގެ ސުވާލަކަށް ވެދާނެ. އަޅުގަނޑުމެންގެ ސަރުކާރުގެ ސޫރަޔަކީ، ސިފަޔަކީ ކޮބައިތޯ؟ އަޅުގަނޑު ތިޔަބޭފުޅުންގެ ކުރިފުޅުމަތީ ހުއްޓިލީ، ތިޔަ ސުވާލަށް ޖަވާބެއް އަރުވަން ގަސްތުކޮށްގެން.
އަޅުގަނޑު ޢަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅުއަޅާނެ! ސަރުކާރުގެ ދެފުށް ފެންނާނެ. ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ.
މާތް ﷲގެ ހެޔޮ ތައުފީޤާއެކު، އިރާދަކުރެއްވިއްޔާ، ވީ ވަޢުދު ފުއްދާނެ. ހީލަތްތެރިއެއް ނުވާނެ! އަޅުގަނޑުމެންގެ ސަރުކާރު، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި، ފަސްގަނޑު ދިފާޢުކުރާނެ. ޣަދަރުވެރިއެއް ނުވާނެ! އަޅުގަނޑުމެން ވާނީ، ބިނާކުރާ ބަޔަކަށް. އަޅުގަނޑުމެންގެ ސަރުކާރުގައި، ދިވެހީންގެ ގެދޮރާއި ދިވެހީންގެ ސިކުނޑިތައް ބިނާކުރާނެ! ހުވަފެނެއް ނުދައްކާނެ! ނިކަން ރަޙުމާއި، ކުލުނާއި އަގަލު ހުންނާނެ! އަނިޔާވެރިއެއް ނުވާނެ! ރައްޔިތުންގެ އަޑުއެހުމުގައި، ރައްޔިތުންގެ ހާލުބަލައި، ކަންކަން ހައްލުކޮށްދިނުމުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އިޚުލާޞްތެރިކަމާއެކު ދެމިތިބޭނަން. އަޅުގަނޑު މި އުފައްދާ ސަރުކާރު ބުނާނީ، އެކަކު އަނެކަކަށް ހިނިތުންވާށޭ! ގުޅުންތައް ދަމަހައްޓާށޭ! ލޯތްބާއި އިޙްތިރާމާއި، އެކަކު އަނެކަކަށް ޤަދަރުކުރުމުގެ މާތް ސިފަ މުޅިރާއްޖޭގައި އާލާކުރާށޭ! ހިތްފަސޭހަ، ހިތްގައިމު ދިވެހި މުޖުތަމަޢެއް ބިނާކުރާށޭ!
- ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން