ރައީސް ޑރ. މުޢިއްޒު ދިވެހި ދިދައާ މުޚާޠަބްކޮށް ދެއްކެވި ވާހަކަފުޅު ގިނަ ބައަކު އުފަލުން ރޮއްވާލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 47ސ
ރައީސް ޑރ. މުޢިއްޒު ދިވެހި ދިދައާ މުޚާޠަބްކޮށް ދެއްކެވި ވާހަކަފުޅު ގިނަ ބައަކު އުފަލުން ރޮއްވާލައިފި!

ލޮބުވެތި އެންމެހައި ދިވެހިރައްޔިތުން؛

މި ވާހަކަކޮޅު ނިންމާލައިފައި މި ފިޔަވަޅުމަތިން އަޅުގަނޑު ދުރަށް ޖެހިލުމުގެ ކުރިން، ތިޔަ އެންމެ ބޭފުޅުން، އެހެރަ ލޮބުވެތި ފަޚުރުވެރި ދިވެހި ދިދަޔަށް ބައްލަވައިލަ ދެއްވުން އެދެން! މި ވަގުތު އެ ޝަރަފުވެރި ދިވެހި ދިދަ އަޅުގަނޑުމެންނާ އެބަ މުޚާޠަބު ކުރޭ. 

އެއީ، މިނިވަންކަމުގެ ދިދަ. އެކަން ދައްކައިދިނުމަށްޓަކައި، އަތްވާއި ވާރޭގައި، ރެޔާއިދުވާލު އެ ދިދަ ވިހުރޭ. އެކަމުން ބުނެދެނީ، މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ ހިތްވަރާއި، ބަހައްޓަންޖެހޭ ސާބިތުކަމުގެ ވާހަކަ. އެ ދިދައިގައި ކުލަތައް އެތުރިފައި ހުންނަނީ، ވަކި މިންތަކަކުން ވަކި އިންތަކެއްގައި. އެއިން އެނގެނީ މިނިވަންކޮށް މުޖުތަމަޢެއް ނުވަތަ ޤައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ތިބެގެންކަން. އެހެންކަމުން، އެ ދިދަ އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ދިވެހި ޤައުމު ޙަޤީޤީ ދިވެހި ޤައުމަށް ވާނީ، ދިވެހި މުޖުތަމަޢު ދިވެހީންގެ ޙަޤީޤީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެގެންކަން. އެހީތެރިވެގެންކަން. ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިޞްލާޙުކުރުމުގައި، އެކަކުއަނެކަކަށް އެއްބާރުލުން ދީގެންކަން.

އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! 

ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިޙްސާސް ކުރަން! ތިޔަ ދައްކައިދެނީ ޤައުމު ދިފާޢުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ޤައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިދައަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!

މިއަދު އަޅުގަނޑުގެ އިލްތިމާސަކީ، ދިވެހީން ދިވެހީންގެ ހަރުދަނާ ގޮތްތައް ކުރިއަށް ނެރޭށޭ! އެކުވެރިވާށޭ! ބައިބައިނުވާށޭ!

މިއަދު އަޅުގަނޑުގެ ހިތުގެ ނިދާޔަކީ، ދިވެހީން ދިވެހީންގެ ރިވެތި އަޚުލާޤު ދައްކުވައިދޭށޭ! ހެޔޮބަސް ބުނާށޭ! ނުބައިބަސް ނުބުނާށޭ!

މިއަދު އަޅުގަނޑުގެ އެދުމަކީ، މި ލޮބުވެތި ދިވެހި ފަސްގަނޑުގެ ކޮންމެ ވެލިފުކެއްގެ އަގު ދަސްކުރާށޭ! ފަރުވާކުޑަކޮށް ނުލާށޭ!

ޝައްކެއްނެތް، އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ޝުޢޫރަކަށް ވާންވީ؛

ކޮން ފަދަ ނަސީބެއްތޯއެ މީ، ދޮންވެލި ބިމެއްގައި ލެއްވުމީ

ހަންހާރަވެތި ދިވެހީންގެ މީ، ގިންތީ ތެރޭ ހިމެނުއްވުމީ. 

އޯގާވަންތަ ﷲ މި ފަޚުރުވެރި ދިވެހިރާއްޖެއަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވާށި! ދިވެހީންނަށް އަދަށްވުރެ ފަހި އުޖާލާ މާދަމާއެއް މިންވަރު ކުރައްވާށި! އަޅުގަނޑުމެން މިއަދު މި ފެށި ޤައުމީ ދަތުރަކީ އަމާން، ކާމިޔާބު ދަތުރެއް ކަމުގައި ލައްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ރައީސުލްޖުމްހޫރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ދިދައާއި މުޚާޠަބް ކުރައްވައި މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި އެމަނިކުފާނު ހުވާ ކުރެއްވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ދެއްކެވި މިވާހަކަފުޅާއި އަދި އެވާހަކަފުޅާއި ގުޅުއްވައިގެން ދެން ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން އެމަނިކުފާނުގެ ތަޤްރީރު އަށުއެހި ގިނަ ބައަކަށްވަނީ އުފަލުން ރޮވިފައެވެ. 

ގިނަ ބައަކު ފާހަގަކުރި ގޮތުގައި ޤައުމާއި ރައްޔިތުންނާއި އިސްލާމް ދީނާއި ގުޅުވައިގެން އެމަނިކުފާނު ދެއްވި ތަޤްރީރު ފަދަ ތަޤްރީރެއް ފަހުގެ ތާރީޚުގައިވެސް އަޑުއިވިފައެއް ނުވެއެވެ.

 

މިއަދު އޮންލައިން