ރައްޔިތުން ބޭނުންވުމުންވެސް ކުރިން ސަރުކާރުން ހުއްދަނުދިން ހުރިހާ މަޝްރޫޢުތަކެއް ދެން ބާރަށް ކުރިއަށް ދާނެ!: ރައީސް ޑރ.މުޢިއްޒު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 5މ 41ސ
ރައްޔިތުން ބޭނުންވުމުންވެސް ކުރިން ސަރުކާރުން ހުއްދަނުދިން ހުރިހާ މަޝްރޫޢުތަކެއް ދެން ބާރަށް ކުރިއަށް ދާނެ!: ރައީސް ޑރ.މުޢިއްޒު

ރައްޔިތުން ބޭނުންވުމުންވެސް ކުރިން ސަރުކާރުން ހުއްދަނުދިން ހުރިހާ މަޝްރޫޢުތަކެއް ދެން ބާރަށް ކުރިއަށް ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އާ ގަޑިބުރު އިފްތިތާޙް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ: 

އެގޮތުން، މާލޭގައިވެސް، އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި ހުއްދަ ނުދިން، ރައްޔިތުން އެދިފައި ހުރި ހުރިހާ މަޝްރޫޢެއްވެސް ދެން ބާރު ސްޕީޑްގައި ހިނގަމުންދާނެ. ޚާއްޞަ ގޮތެއްގައި، ޕާކިންގ ބިލްޑިންގތައް އެޅުމަށްޓަކައި މާލޭސިޓީ ކައުންސިލުން ނިންމާފައި ހުރި މަޝްރޫޢުތައް، އެއްބަސްވުންތަކާ އެއްގޮތަށް އެކަން ކުރުމުގެ ފުރުޞަތު ސަރުކާރުން ދޭނަން. 

އޭގެ ސަބަބުން މާލޭގެ އެކި ސަރަޙައްދުތަކުގައި މަލްޓި ސްޓޯރީ، މަލްޓި ޔޫސް، ނޫނީ އެކިކަހަލަ ބޭނުންތައް ހިފޭފަދަ އުސް ޕާކިންގ އިމާރާތްތައް އެޅިގެންދާނެ. އޭރުން މިހާރު މަގުތަކުގައި މި ޖެހިފައި އޮންނަ ތޮއްޖެހުމަށް ލުއިތަކެއް އަންނާނެ. 

އަދި ހަމަ އެއާއެކީގައި މަގު ހެދުމުގެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ދެން ފެށިގެންދާނެ. އެކަން ކުރުމަށްޓަކައި ބަޖެޓުގައިވެސް މަސައްކަތް ކުރުމަށް ޖާގަ އުފައްދާފައި ވާނެ. އަޅުގަނޑުމެންގެ ވިސްނުމަކީ މިއީ ބޮޑު މަޝްރޫޢަކަށްވާތީ، ބޭރުގެ އެހީތެރިކަންވެސް މިކަމުގައި ހޯދުން. ކޮންމެއަކަސް މާލޭގެ މަގު ހެދުމުގެ މަޝްރޫޢާއި، މާލޭގައި މިގޮތަށް ހުރި މުހިންމު ބޮޑެތި މައްސަލަތައް ޙައްލުކުރުން އެއީ ހަމަ ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައް. 

އަދިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.: 

އާ ގަޑިބުރު އިފްތިތާޙް ކުރުމުގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު 

މާލޭސިޓީގެ އެންމެހައި ލޮބުވެތި ރައްޔިތުން، މާލޭސިޓީ ކައުންސިލްގެ އެކްޓިންގ މޭޔަރ، ކައުންސިލަރުން، ޕައިނިއަރ މޯލްޑިވްސްގެ ވެރިން، މިތަނަށް ވަޑައިގެން ތިއްބެވި، މާލޭގައި ދިރިއުޅުއްވާ އެންމެހައި ލޮބުވެތި ރައްޔިތުން، ދުރާއި ގާތުން މި ޙަފްލާ ބައްލަވާ ލޮބުވެތި ރައްޔިތުން؛ 

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه. 

އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބިގެންދަނީ މި ޙަފްލާ މިއަދު މިގޮތަށް ބޭއްވިގެންދާތީ. އެއީ، ދެންމެ ނަރީޝް ފާހަގަކުރެއްވި ފަދައިން، ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އަޅުގަނޑުމެން ފާސްކުރިއިރުގައި ކުރަން ނިންމި ކަމެއް، މި ކަންތައް މިގޮތަށް ފުރިހަމަވެގެން ގޮސް މިއަދު ހުޅުވިގެންދާތީ އެކަމުގެ އުފާ ވަރަށް ބޮޑަށް ލިބޭ. އެހެންކަމުން، ޑޮކްޓަރ އިކްލީލަށާއި، ކޮމްޕެނީގެ ވެރިން އަދި މާލޭސިޓީ ކައުންސިލްގެ ކައުންސިލަރުންނާއި، ވެރިންނާއި، ހީވާގި މުވައްޒަފުން އަދި މިކަމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ހިތުގެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ!

އަޅުގަނޑު ދެންނެވީ، ކުރީގައި މިތާނގައި ހުރި ގަޑި ހުރި ކޮންސެޕްޓްގައި، އެ ޑިޒައިނާ އެއްގޮތްވާ ގޮތަށް އަދި އެހެން ނަމަވެސް، ޒަމާނީ ގޮތެއްވެސް އެއަށް ގެނެސް، ޑިޖިޓަލައިޒް ކުރުމުގެ ވިސްނުން އެއަށް ގެނެސްގެން ގަޑިބުރު ހައްދަވައިދެއްވާށޭ. ސީ.އެސް.އާރު. މަޝްރޫޢެއްގެ ގޮތުގައި، ކޮމްޕެނީއާއި ސިޓީ ކައުންސިލާ ދޭތެރޭގައި ވެވުނު އެއްބަސްވުމެއްގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދެވުނު. މީގެ ބޭނުމަކީ ޒުވާނުންނަށްވެސް އަދި ޅަފުރައިގެ ކުޑަކުދިންނަށްވެސް، ޖުމްލަކޮށް ހުރިހާ ފަރާތްތަކަށްވެސް މަޤްބޫލު ވިސްނުންތަކެއްވެސް މިއަށް ގެނައުން. އަދި ދެންމެގައި އިޢުލާނު ކުރެވުނު ގޮތަށް، ފާހަގަކުރެވުނު ގޮތަށް ބަންގިގޮވާ އަޑު، ފަސްވަގުތު ބަންގިވެސް ގޮވޭގޮތަށް. އެގޮތަށް ހަމަޖެހިފައި މިއޮތީ. 

ދެން މުހިންމު މެސެޖުތައްވެސް މި ޑިޖިޓަލް ސްކްރީނަށް، ކައުންސިލުން ބޭނުންވާ މެސެޖުތައް އެރުވޭގޮތަށް. އަދި މި ސީ.އެސް.އާރު ޕްރޮޖެކްޓް ހިންގެވި ފަރާތުން ހަމަ އެކަމާ ގުޅިގެން ހަމަ އެކި ފަރާތްތަކަށް އެކިކަހަލަ އިޝްތިހާރުތައް، ވިޔަފާރިތަކަށްވެސް އެއިން ފައިދާއާއި ނަފާވާގޮތަށް. ވީހާވެސް ގިނަ ފަރާތްތަކަށް އޭގެ ފައިދާވާގޮތަށް ފަރުމާކޮށްގެން، އެހެން ނަމަވެސް، ހަމަ އެއާއެކީގައި އަޅުގަނޑުމެންގެ މާޒީ އިޢާދަކޮށްދިނުން. 

އަޅުގަނޑުމެންގެ ތާރީޚާއި ޘަޤާފަތު އިޢާދަކުރަން ބަލާއިރުގައި، ކުރީގައި ކުރެވިފައި ހުރި މިފަދަ ކަންތައްތައް އަނބުރާ ގެނައުމަކީ، ދުނިޔޭގެ ތަހުޒީބު އެހެން ޤައުމުތަކުގައިވެސް އެކަން ކުރާ ގޮތެއް. އެހެންވީމާ، އެ ވިސްނުމުގައި މިކަން ކުރެވިގެންދިޔައީ. މީގެ ސަބަބުން އާރޯކަމެއް އާދޭ. ދިރުމެއް އާދޭ. މާލޭގެ މިގޮތަށް ހުރި އެހެން ދިމާދިމާތައްވެސް، އެހެން ސަރަޙައްދުތައްވެސް ރީވައިޓަލައިޒްކޮށް، އާރޯކަން ގެނެސް، ހިތްފަސޭހަކަން ގެނައުމަކީ ހަމަ ސަރުކާރުގެވެސް ވިސްނުން. އަދި ރާއްޖޭގެ އެހެން ކަންކޮޅުތަކުގައިވެސް މިކަން ކުރުމަކީ ސަރުކާރުގެވެސް ވިސްނުން. 

އަޅުގަނޑު ކެމްޕެއިންގައި ރަށްރަށަށް ދިޔައިރުގައި، ސަލާން ކުރަމުންދާއިރުގައި، ތުއްތުކުދިން އަޅުގަނޑު ގާތުގައި ސިއްރުން އެންމެ ގިނައިން ބުނި ވާހަކައަކީ، ކުރަހާފައި ދިން ގަނޑުތަކުގައިވެސް އޮތީ ތިމަންނާމެންގެ ރަށުގައި ކުޑަކުދިންގެ ޕާކްތައް ހަދައިދެއްޗޭ. އަޅުގަނޑު އެ ވަޢުދުވިން. ކޮންމެ ރަށެއްގައިވެސް ކުޑަކުދިންނަށް ބޭނުންކުރެވޭކަހަލަ، ޢާއިލާތަކަށް ބޭނުންކުރެވޭފަދަ ހިތްގައިމު ކުޑަކުދިންގެ ޕާކެއް ހަދައިދޭނެ ވާހަކަ ވަޢުދުވިން. އިރާދަކުރެއްވިއްޔާ، އެ ވަޢުދު، ވަޢުދުވީގޮތަށް އަޅުގަނޑުމެން ސަރުކާރުން ފުއްދާނަން.

މާލޭގައިވެސް މިގޮތަށް ހުރި ތަންތަނަށް އާރޯކަން ގެނެސް، ފެހިކަން ގެނެސް، ހިތްގައިމުކަން ގެނައުމަކީ، ކައުންސިލާ ގުޅިގެން ކުރިއަށް ހަމަ ގެންދާނެ ކަންތައްތައް. ރަށްރަށުގައިވެސް އެކަން ކުރިއަށް ގެންދާނީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތައް މެދުވެރިކޮށްގެން. 

ކައުންސިލްތައް ބާރުވެރިކުރުމަކީ އަޅުގަނޑުމެންގެ ސަރުކާރުގެ މައިގަނޑު އެއް ވިސްނުން. ކަންދިމާކުރި ގޮތުން، ލާމަރުކަޒީ ނިޒާމުގެ ދެފަރާތުގައި އަޅުގަނޑަށް މަސައްކަތް ކުރަން ޖެހުނީމަ، ކައުންސިލްތައް ނުހިނގަނީ ކިހިނެއްވެގެންކަން ސާފުވާގޮތް ވެފައި އޮތީމަ، އަޅުގަނޑުމެން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ޚާއްޞަ ވުޒާރާއެއް އުފެއްދީ މި. ދެން ފެނިގެންދާނީ އިރާދަކުރެއްވިއްޔާ، ރައްޔިތުން އެދޭގޮތަށް ބާރު ސްޕީޑްގައި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ކައުންސިލްތައް ހިނގަމުންދާތަން.

 

މިއަދު އޮންލައިން