ގެދޮރުވެރިކަމުގެ ބޮޑު ބިޔަ މަޝްރޫޢު ފެށި ބާރަށް ކުރިއަށްދާނެ!: ރައީސް ޑރ.މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 30ސ
ގެދޮރުވެރިކަމުގެ ބޮޑު ބިޔަ މަޝްރޫޢު ފެށި ބާރަށް ކުރިއަށްދާނެ!: ރައީސް ޑރ.މުޢިއްޒު

ރައްޔިތުން އެންމެ ބޮދަށް ބޭނުންވެގެން ތިބި ގެދޮރުވެރިކަމުގެ ބޮޑު ބިޔަ މަޝްރޫޢު ކުރިން އިޢުލާނުކުރެއްވި ފަދައިން ފެށި ބާރަށް ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އާ ގަޑިބުރު އިފްތިތާޙް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ:   

އެންމެ މުހިންމު ކަންތައް އަޅުގަނޑު ދަންނަވާނުލާ، ގަސްތުގައި މި ލަސްކޮށްލީ. އެއީ، ގެދޮރުވެރިކަން. ގެދޮރުވެރިކަމުގެ ބޮޑު ބިޔަ މަޝްރޫޢު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަޢުދުވީ ގޮތަށް، ހަފްތާ 14 ގައި އިޢުލާނުކުރި ގޮތަށް ފެށިގެންދާނެ. މާނަޔަކީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި. ޢަޒުމަކީ އެއީ. ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން، ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށޭނެ. އެ މަސައްކަތް ފަށާގޮތަށް ގޮސް ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ނިމޭނީ. އެއީ، ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ޖާގައިގެ ތިންގުނަ ބޮޑު ޖާގައެއްވީމާ، ވަރަށް ބިޔަވާނެ. ގާތްގަނޑަކަށް 1200 ހެކްޓަރު ހުންނާނެ. އެހެންވީމާ، އެވަރު ބޮޑު ފަޅެއް މި ހިއްކަނީ، ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަން ޙައްލުކޮށްދިނުމަށްޓަކައި. 

އަޅުގަނޑުމެންގެ ސަރުކާރުގައި އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި، ނޫނީވިއްޔާ ޙައްލުކުރަން ބޭނުންވާ އެންމެބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑު ތަކުރާރުކޮށް ކެމްޕެއިންގައި ދަންނަވަމުން އައި ވާހަކައަކީ، ޤައުމީ މައްސަލަތައް ނަގާފައި، ގެދޮރުވެރިކަން ކަމަށް. 

އަދި އެންމެ ގިނަ ރައްޔިތުން އުޅެނީ މި ސަރަޙައްދުގައި ކަމަށްވާތީ، އެންމެބޮޑު މަޝްރޫޢު މިއޮތީ މި ސަރަޙައްދަށް ކަނޑައެޅިފައި. އެހެންވީމާ، ގްރޭޓަރ މާލެ، ނޫނީ މާލެ ސަރަޙައްދުގައި މި ގެދޮރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢާއި، އަދި މިހާރު ހިނގަމުންދާ ގުޅިފަޅާއި ގިރާވަރު ފަޅުގެ މަޝްރޫޢު އިތުރަށް ފުޅާކޮށް، އޭގެ ތަނަވަސްކަން އިތުރުކޮށް، އަދި ގިރާވަރު ފަޅާ ހަމަޔަށް ބްރިޖުގެ މަސައްކަތްވެސް، މިހާރު އެ މަޑުޖެހިފައި އޮތް އޮތުން، ނޫނީވިއްޔާ ދާ ސްޕީޑް، ތަންކޮޅެއް ލަސްކޮށްދާ ދިޔުން ރަނގަޅުކޮށް، އެ މަޝްރޫޢުވެސް ބާރަށް ގެންދިޔުމަށް، މިފަދަ ކަންތައްތައް ކުރުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މަސައްކަތް ފެށިގެންދާނެ. 

އެކަމުގައި އިންތިޤާލީ މަރުޙަލާގައި ލިބުނު މަޢުލޫމާތުގެ އަލީގައި، މިހާރު ވަޒީރުކަމާ ހަވާލުވެވަޑައިގެން ތިއްބެވި ކަމާބެހޭ ހުރިހާ ބޭފުޅުން މަސައްކަތްތައް ފަށްޓަވާނެ. ނަތީޖާއަކަށްވާނީ އަޅުގަނޑުމެން ހަމަ ކަނޑައެޅިގޮތަށް، އަޅުގަނޑުމެން ކަނޑައަޅާފައި އޮތްގޮތަށް، ވަޢުދުވީ ގޮތަށް، މި ދައުރުގެ ތެރޭގައި ރާއްޖޭގައި އެއްވެސް ކަންކޮޅެއްގައި ގެދޮރުވެރިކަމަށް ބޭނުންޖެހިފައި ހުރި، އެކަން ޙައްލުނުވާ އެއްވެސް ރައްޔިތަކު ނުހުންނަ މިންވަރަށް އިރާދަކުރެއްވިއްޔާއެ މައްސަލަ ޙައްލުކޮށްދިނުން. އިރާދަކުރެއްވިއްޔާ އެކަން ކޮށްދޭނަން. 

ރާއްޖޭގެ އެންމެ ދެކުނުގަޔާއި، އެންމެ އުތުރުގައި އިންޓަރގްރޭޓަޑް އަރބަން ސެންޓަރތައް ޤާއިމުކުރުމާ އެކީގައި، 7 ސަރަޙައްދެއްގައި 7 އަރބަން ސެންޓަރ ޤާއިމުކުރުމާ އެކީގައި، ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގެ ވިސްނުމުގައި އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާނީ. އޭގެ މާނައެއް ނޫން، އެއްވެސް ރަށެއް ބާކީކުރުން. އެއްވެސް ރަށެއް ބާކީއެއް ނުވާނެ. ކޮންމެ ރަށަކަށްވެސް ހަމަ ފުރިހަމަ އަޅައިލުން ލިބޭނެ. ނަމަވެސް، ހަމަ އެއާއެކީގައި، ޕެރަލަލީ، އެކުއެކީގައި ހިނގަމުންދާނެއޭ، މި ދެންނެވި ސަރަޙައްދުތައް ތަރައްޤީ ކުރުމުގެ މަސައްކަތް. އޭގެ ނަތީޖާއަކަށްވާނީ، މެދު އަދި ދުރު ރާސްތާގައި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްޤީވެގެންދިޔުން. 

އަޅުގަނޑުމެންގެ ތިމާވެށްޓަށްވެސް އަޅުގަނޑުމެން ވިސްނަންޖެހޭ. ކްލައިމެޓް އެޑަޕްޓޭޝަނަށް ވިސްނަންޖެހޭ. މި ހުރިހާ ވިސްނުމެއްގައި އަޅުގަނޑުމެން ރާއްޖެ ކުރިއަށް ގެންދަން ބޭނުންވާއިރުގައި، މިއީ އަޅުގަނޑުމެން މިކަން ކުރަންޖެހޭނެގޮތް ކަމަށްވާތީ، އެކަން އެގޮތަށް ކުރަން ރާވާފައި އެއޮތީ. 

އަޅުގަނޑުމެންގެ މަސައްކަތް ޙަޤީޤަތުގައި މިއަދު ފެށިއްޖެ. ހެނދުނު ހެނދުނާ އަޅުގަނޑުމެން، ހޮނިހިރު ދުވަހެއްވިޔަސް އަޅުގަނޑު އޮފީހަށްދިޔަގޮތަށް ގެޔަށް އާދެވުނުއިރުގައި ހަގަޑިބައި ވެއްޖެ. ބޭރުގެ ވަރަށްގިނަ ވަޒީރުންނާއި، އެކިއެކި އެމްބެސެޑަރުންނާއި، ސްޕެޝަލް އެންވޯއިންނާ، މިފަދަ ބޭފުޅުންނާ ބައްދަލުކުރެވުނު. އެ ހުރިހާ ބޭފުޅުންވެސް ދެއްވި ޔަޤީންކަމަކީ، ތިމަންނާމެން މިތިބީ އަޅުގަނޑުމެންނާ އެކީގައި، ދިވެހި ރައްޔިތުންގެ ޙައްޤުގައި ކުރިއަށްދާން ތައްޔާރަށް ކަމަށް. އެހީތެރިކަންވެސް ފޯރުކޮށްދޭނެ ކަމަށް. އެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުމެންނަށް ލިބިގެން އެބަދޭ. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު އޮންނާނީ، ގުޅިގެން އެކުވެރިކަމާ އެކީގައި، އެކުއެކީގައި ކުރިއަށްދިޔުމުގެ، މަޝްވަރާކޮށްގެން ކުރިއަށް ދިޔުމުގެ ސިޔާސަތު.

އެހެންވީމާ، އަޅުގަނޑުމެންނަށް ވާހަކަ ނުދެއްކޭނެ ފަރާތެއް ނޯންނާނެ. ދިވެހިރާއްޖޭގެ މަޞްލަޙަތު އިސްކޮށްގެން، ރާއްޖެ އިސްކޮށްގެން، ރާއްޖެއަށްޓަކައި ރާއްޖޭގެ މަޞްލަޙަތު އިސްކޮށްގެން އަޅުގަނޑުމެން ކުރިއަށްދާން ވާހަކަ ނުދައްކާނެ އެއްވެސް ފަރާތެއް ނޯންނާނެ. އެ ވިސްނުމުގައި ޤައުމު ޙިމާޔަތް ކުރުމުގެ ޔަޤީންކަން ހާސިލުކުރަމުން، ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި އެކިއެކި ފަރާތްތަކާ އަޅުގަނޑުމެން މަޝްވަރާކޮށް، ކާމިޔާބީ ހޯދަމުންދާނަން އިރާދަކުރެއްވިއްޔާ. 

އާދެ، މާދަމާ އެކިއެކި ވުޒާރާތަކުގެ މަސައްކަތްތައް ފެށިގެންދާއިރުގައި، އަޅުގަނޑުމެންގެ ޢަޒުމަކީ، ލަހުންދިޔަ ސްޕީޑް، ބާރު ސްޕީޑަށް ބަދަލުކޮށް، ވަރަށް ހަލުވި މިނެއްގައި ކަންތައްތައް ކުރިއަށް ގެންދިޔުން. ހުރިހާ ވަޒީރުން އެ ތިއްބެވީ ކެތްމަދުވެފައި. ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރުމަށް ތައްޔާރަށް. ރެޔާއިދުވާލު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެގޮތުގައި މަސައްކަތް ކުރަމުން ދާނަން. އަޅުގަނޑުމެން މަސައްކަތް ކުރާނީ ރައްޔިތުންނާ އެކީގައި. ރައްޔިތުން އެއްކައިރިކޮށްފައި އަޅުގަނޑުމެންނެއް މަސައްކަތެއް ނުކުރާނަން. ރައްޔިތުންނަށް ބޭނުންވާ ކަންކަން، ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންގެ ކިބައިން އޮޅުންފިލުވަމުން، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ. ގުޅިލާމެހިގެން ހިނގަމުންދާނީ. އިރާދަކުރެއްވިއްޔާ އެގޮތުގައި ކުރިއަށްދާ ތަން ފެންނާނެ. 

އާދެ، އަދިވެސް އެއްފަހަރު، މި އުފާވެރި މުނާސަބަތުގައި، މި ސަރަޙައްދަށް ނިސްބަތްވާ ބޭފުޅުންނަށް ޚާއްޞަގޮތެއްގައި މަރުޙަބާ ދަންނަވަމުން، ޖުމްލަކޮށް މާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށްވެސް މަރުޙަބާ ދަންނަވަން. އަދި ހަމަ ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާލަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. ދިވެހިރާއްޖެއަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

 

މިއަދު އޮންލައިން