ޢިބްރަތްތެރި ވާހަކަ: ފިރިމީހާއާ ދަރިފުޅު ފަޤީރުކަމުން ދޫކޮށްލާފަ ތަނަވަސް މީހަކާ ގުޅެން ދިއަ މައަކަށް ކުރަންޖެހުނު ހިތްދަތި ތަޖުރިބާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 27ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާއާ ދަރިފުޅު ފަޤީރުކަމުން ދޫކޮށްލާފަ ތަނަވަސް މީހަކާ ގުޅެން ދިއަ މައަކަށް ކުރަންޖެހުނު ހިތްދަތި ތަޖުރިބާގެ ވާހަކަ-

ތަނަވަސް މީހުންގެ މަޅީގައިޖެހެވުމަކީ ޢާންމުކަމެކެވެ. ހަމައެފަދައިން ތަނަވަސް މީހުންގެ މަޅީގައި ޖެހުމުން ކަރުނައަޅަން ޖެހުމަކީވެސް ޢާންމުކަމެކެވެ. އެހެންކަމުން މިއީ ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާ ކަމަކަށްވާތީ މިގެނެސްދެނީ ތަނަވަސްކަމުގައި ދިރިއުޅެން ބޭނުންވެގެން ފިރިމީހާ އާއި ދަރިފުޅު ދޫކޮށްލާފައި ދިއަ އަންހެނަކަށް ދިމާވި ގޮތުގެ ވާހަކައެކެވެ. 

އެއީ އަޅުގަނޑުގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތާމަވެރި ދުވަހެވެ. މަސައްކަތް ނިންމާފައި ގެއަށް އައިއިރު ބައްޕަ އާއި މަންމަ ޒުވާބުކުރަނީ އެވެ. މަންމައަށް ބޭނުންވާ މީރު ކާތަކެތި ގޭގައި ނެތުމުންނެވެ. މަންމަ ބޭނުންވާ ޚަރަދުތައް ބައްޕައަށް ކޮށްނުދެވޭތީއެވެ. 

އަޅުގަނޑު ފެނުމުން އަޅުގަނޑާއި ދިމާއަށްވެސް މަންމަ އެއްޗެތިކިޔަން ފެށިއެވެ. ދެބަފައިންގެ މަސައްކަތުންވެސް ގެއަށް ވެއްދޭ ފައިސާ މަދުކަމުންނެވެ. 

އެހިސާބުން ބައްޕަ އަޅުގަނޑުގޮވައިގެން ބޭރަށް ނުކުމެ ކައިރީ ހޮޓަލަކަށްވަނެވެ. އަދި ކޮފީއަކަށް އޯޑަރުކުރިއެވެ. ބައްޕަ ބުނީ ފައިސާއަކީ ކިތަންމެ ގިނައިން ލިބުނު ނަމަވެސް ހިތް ފުރޭނެއެއްޗެއް ނޫން ކަމަށެވެ. އެންމެ މުހިންމު ކަމަކީ ކުރާ މަސައްކަތަށް ލިބޭ އާމްދަނީއަކުން ފުދިގެން ދިރިއުޅެން ދަސްކުރުން ކަމަށެވެ. 

ކޮފީ ބޮއިގެން ގެއަށް ދިއައިރު މަންމަ ގެއަކު ނެތެވެ. ނޯޓެއް ބާއްވާފައި އޮތެވެ! "އަހަރެން އެނބުރި މިދަނީ އަހަރެންގެ ގެއަށެވެ. މިހައި ފަޤީރު ޙާލުގަ ދިރިއުޅެއުޅެ ވަރުބަލިވެއްޖެއެވެ." 

ނޯޓު ކިޔާފައި ބައްޕަ ބުންޏެވެ. "މަންމަގެ އުމުރުންވެސް އެހެރީ 50 އަހަރާއި ކައިރިވެފައެވެ. ދެބަފައިން ދޫކޮށްލާފައި އެދިއައީ އަހަރެމެން ފަޤީރުކަމުންނެވެ. ވީމާ އަނބުރާ މަންމަ ގެންނަން މަސައްކަތްކުރާކަށް ބޭނުމެއް ނޫނެވެ. ދެބަފައިން އަމިއްލައަށް ކަންކަން ކޮށްލައިގެން އުޅޭނީއެވެ. ދަރިފުޅު ކުރަން އޮތް ކަމަކީ ހެޔޮލަފާ، ފަޤީރު ޙާލުގަ ދިރިއުޅެން އެއްބަސްވާ އަންހެން ކުއްޖަކު ހޯދައިގެން ކައިވެނިކުރަންވީއެވެ. ނަމަނަމަ ތަނަވަސް ކުއްޖަކު ނުހޯދާށެވެ! އެއިރުން ދަރިފުޅުގެ ކަންކަން އޭނާ ބަލަހައްޓާނެއެވެ. ބައްޕަގެ ކަންކަން ބައްޕަ އަމިއްލައަށް ކުރާނަމެވެ. އިން ޝާ ﷲ" 

ޖެހިގެން އައި އަހަރު އަޅުގަނޑު ކައިވެނިކުރީމެވެ. ކައިވެނީގެ ހަފްލާ ބޭއްވީ ގޭގައެވެ. ހަފްލާއަށް މަންމަވެސް އައެވެ. އަދި އެއީ ގެއިން ދިއަފަހުން ފުރަތަމަ ބައްދަލުވި ދުވަހެވެ. މަންމަގެ ފުރަތަމަ ސުވާލަކަށްވެސްވީ ގެއަށް އަގުބޮޑު ފަރުނީޗަރު ހޯދި ގޮތެކެވެ. ގޭތެރެ މުޅިން ބަދަލުކުރި ގޮތެކެވެ. ހަތަރު ދޮރުފަތްލީ އައިސް އަލަމާރިއެއް ހޯދިގޮތެކެވެ. 

އަޅުގަނޑު ކިޔައިދިނީމެވެ. "މަންމަ ގެއިން ދިއަތާ މާގިނަ ދުވަސްތަކެއް ނުވެ ބައްޕައަށް ޕްރަމޯޝަން ލިބުނެވެ. މުސާރަ ދެގުނައަށް ބޮޑުވިއެވެ. އަޅުގަނޑަށް ބޮޑުމުސާރަ ލިބޭ ވަޒީފާއެއްވެސް ލިބުނެވެ." 

މަންމަ ގޭތެރެއަށް ވަދެގެން ގޮސް ކޮޓަރިތައްވެސް ބަލާފައި އައިސް ބައްޕަ ގާތު ބުނީ ގެއަށް ދާން ބޭނުން ނުވާކަމަށާއި އުޅެން ބޭނުމީ މިގޭގައި ކަމަށެވެ. އަދި ރޮމުން ކިޔައިދިނެވެ. "އަހަރެންނަށް ކުށެއް ކުރެވުނީއެވެ. ތަނަވަސް މީހެއްގެ މަޅީގައި ޖެހެވުނީއެވެ. ނަމަވެސް އޭނާ ފަހުން ބޭނުންވީ ޅަކުއްޖަކާއި ކައިވެނިކުރާށެވެ! ގަތް ލަދުން އެނބުރި އަންނަންވެސް ނުކުރެފިފައި ހުރެވުނީއެވެ." 

ބައްޕަގެ ޖަވާބުން އަޅުގަނޑުވެސް ދިއައީ ސިއްސައިގެންނެވެ. "ތިއައީ ހުރި އެންމެ ދަރިފުޅުގެ މަންމައެވެ. މިގޭގައި އިނދެވޭނެއެވެ. ނަމަވެސް އަހަރެންގެ އަންތބެއްގެ ގޮތުގައި އިންނަން ބޭނުންނަމަ ޖެހޭނީ ދެ އަންތބަށް ކައިވެނިކުރަން ރުހޭށެވެ. މާދަންރޭ އަހަރެންވެސް އެބަ ކައިވެނިކުރަމެވެ. ޅަކުއްޖަކާއެއް ނޫނެވެ. އެއް އުމުރުގެ އަންހެނަކާއެވެ. އޭނާ ހުރީ ލިބުނު އެއްޗެއް ކައިގެން، ބޭނުންކޮށްގެން އުޅޭށެވެ!" 

މަންމަ އެގޮތާއިވެސް ރުހިގެން ގޭގައި އުޅެން ފެށިއެވެ. ނަމަވެސް މަންމައަކަށް ކެތެއް ނުކުރެވުނެވެ. ބައްޕަ އެހެން އަންތބަކާއިއެކު އުޅޭތަން ފެނުމުން ކެތްނުކުރެވުނީ ކަމަށްވެދާނެއެވެ. މަންމަ ގެއިން ދާން އުޅުމުން ހުއްޓުވާނެ ހިތްވަރު އަޅުގަނޑަކަށްވެސް ނުލިބުނެވެ. އެއީ މަންމަ އަމިއްލައަށް ލިބިގަތް ވޭނަކަށްވާތީއެވެ. ނަމަވެސް އަޅުގަނޑުމެން ދެބަފައިންވެސް ކޮންމެ މަހަކުވެސް މަންމައަށް އެހީވަމުއެވެ. 

ގިނަ މައިންނަކީ ވަރަށް ރަނގަޅު މައިންނެވެ. ނަމަވެސް އަޅުގަނޑުގެ މަންމަވީ ވަރަށް ތަފާތު މަންމައަކަށެވެ. ގިނަ މައިންނަށް ފަށްފަށުން ތައްރީފްކުރާ ޙާލު ބުނެލަން އޮތީ އަޅުގަނޑުގެ މަންމަގެ ޙަޔާތުންވެސް ޢިބްރަތް ޙާޞިލުކުރައްވާށެވެ. 

- ޒުހޫރު / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

މިއަދު އޮންލައިން