އެއްވެސް މީހަކު ކުރާ ފާފައަކީ އޭނާގެ އަމިއްލަ މައްސަލައެއް ކަމަށްބުނެ ނިންމައެއް ނުލެވޭނެ! ގެއްލުން އެންމެންނަށް ފޯރާނެ!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
އެއްވެސް މީހަކު ކުރާ ފާފައަކީ އޭނާގެ އަމިއްލަ މައްސަލައެއް ކަމަށްބުނެ ނިންމައެއް ނުލެވޭނެ! ގެއްލުން އެންމެންނަށް ފޯރާނެ!: ޝައިޚް މުޙައްމަދު ހޮބްލޮސް

އިސްލާމީ އުންމަތުގެ ކޮންމެ މީހަކު، އެންމެ ފާފައެއް ކުރި ނަމަވެސް އެކަމުގެ ނިކަމެތިކަން މުޅި އިސްލާމީ އުންމަތަށް ލިބިގެންދެއެވެ. ވީއިރު އަހަރެން މިކުރާ ފާފައަކީ އަހަރެންގެ އަމިއްލަ މައްސަލައެއް ކަމަށް ބުނެ ނިންމައެއް ނުލެވޭނެއެވެ. އެކަން ވާނީ ހަމަ އެންމެންގެ މައްސަލައަކަށެވެ. ޙައްދުތަކަށް އަރައިގަތުމުން ތަންފީޒުކުރަން ޖެހޭ ޙައްދުތައް ބާވައިލައްވަވާފައި ވަނީ އެ ސަބަބަށްޓަކައެވެ. ޙައްދުތައް ތަންފިޒު ނުކުރާ ނަމަ އެކަމުގެ އަސަރު މުޅި އުންމަތަށް ކުރާނެއެވެ. އެކަމުގެ ގެއްލުން ދާނީ ލިބެމުންނެވެ.

ޝަހާދަތް ކިޔައި އިސްލާމް ދީން ޤަބޫލުކުރާ ހަމައިން އެމީހަކު އެހެރީ އިސްލާމީ އުންމަތުގެ ކުޑައިގެ ހިޔަލުގައެވެ. އެގޮތަށް ހުރެ ކުރާ ކޮންމެ ފާފައެއްގެ އަސަރު މުޅި އުންމަތަށް ކުރާނެއެވެ. ބައެއް ޤައުމުތަކުގައި މުސްލިމުންނަށް ވަރަށް ނިކަމެތި ޙާލުގައި ތިބެން ޖެހިފައި އެވަނީ ހަމަ މުސްލިމުންނަށް ކުރެވޭ ފާފައިގެ ސަބަބުންނެވެ.

ކޮންމެ ކަމެއް މެދުވެރިވި ނަމަވެސް މިހާރަކަށް އައިސް އަބަދުވެސް މި އަޑު އިވެނީ އެއީ މިވެނި މީހެއްގެ ސަބަބުން ނުވަތަ މިވެނި ބައެއްގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށް ބުނާ އަޑެވެ. އެކަމުގައި އެމީހެއްގެ ޒިންމާ އެއް އޮތް ކަމަށް ޤަބޫލުކުރާ ހަމައެކަކުވެސް ހުންނަ ކަމަކަށް ނުވެއެވެ. ކޮންމެ ކަމެއްވެސް މިއަޅުވަނީ އެހެން ކޮންމެވެސް ބައެއްގެ ބޮލުގައެވެ.

ނަމަވެސް ޙަޤީޤަތަކީ އެއީ އެއް ނޫނެވެ. މުސްލިމުންނަށް މިއަދު ކުރިމަތިވަމުން މިދާ މައްސަލަތަކުގައި އެމީހެއްގެ ޒިންމާއެއް ނެތްކަމަށް ބުނެވޭނެ ހަމަ އެކަކުވެސް ނެތެވެ. އެންމެންވެސް މިވަނީ އިހްމާލުވެފައެވެ. އެންމެން އެއް ވަރަކަށް ނޫނެވެ. އެކި މީހުން އެކިވަރަށެވެ.

ޢަލީގެފާނުގެ ބަސްފުޅަށް މިއަދު މިވަނީ ވަރަށް ބޮޑަށް ވިސްނަން ޖެހިފައެވެ.

ޢަލީގެފާނުގެ ޚަލީފާކަމުގައި ބައަކު ގޮސް ޢުމަރުގެފާނުގެ ޚަލީފާ ކަމުގެ ދުވަސްވަރުގެ ކަންކަން އިންތިހާއަށް ރަނގަޅު ކަމަށާއި ނަމަވެސް މިހާރު ކަންކަން ވަރަށް ގޯސް ކަމަށާއި އެހެން އެވަނީ ކީއްވެގެންތޯ ޢަލީގެފާނާއި ސުވާލުކުރިއެވެ. އެމީހުންނަށް ޖަވާބު ދެއްވަމުން ޢަލީގެފާނު، އެކަލޭގެފާނުގެ މޭފުޅުގައި އަތްޕުޅު ޖައްސަވާލައްވާފައި ވިދާޅުވީ އެއިރު ޢުމަރުގެފާނުގެ އަރިއަހުގައި ތިބީ އަހަރެމެން ފަދަ ބައަކު ކަމަށެވެ. އަދި އެމީހުންނަށް އިނގިލިފުޅު ދިއްކުރައްވާފައި ވިދާޅުވީ ތިމަން ކަލޭގެފާނުގެ އަރިއަހުގައި މިއަދު ތިއަ ތިބީ ތިއަބައި މީހުން ފަދަ ބައަކު ކަމަށްވުމުން ކަމަށެވެ.

ފާޑުފާޑަށް ވާހަކަ ދައްކާއިރު މިއުންމަތުގެ މިސާލު ރަސޫލް (ﷺ) ދެއްކެވި ގޮތް އެނގޭ މީހަކު ހުރި ކަމަކަށްވެސް ނުވެއެވެ. އެހެނީ ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ މުޅި އިސްލާމީ އުންމަތަކީ އެއް ހަށިގަނޑެއް ކަމަށެވެ. އެހެންކަމުން އެންމެ މީހަކަށް ވޭނެއް ލިބުނު ނަމަވެސް އެއީ މުޅި އުންމަތަށް ލިބޭ ވޭނެއް ކަމަށެވެ.

ނިކަން ބުނެބަލާށެވެ! މިކަން ޤަބޫލުކުރަނީ މިއަދު ކާކު ހެއްޔެވެ؟ އަމިއްލަ މައިންބަފައިންނާއި އަނބިދަރިން ނުހަނު ވޭނުގައި އުޅެމުން ގެންދާއިރު އެކަމުގެ ވޭން އަޅަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ހެއްޔެވެ؟

މީސްތަކުންނޭވެ! މިހާލަތުން އިސްލާމީ އުންމަތް ސަލާމަތް ކުރަން މަސައްކަތް ކުރުމުގައި އެއްވެސް މީހަކު އިސްތިސްނާ ކުރުމެއް ނެތި އެންމެންގެ މަސްއޫލިއްޔަތު ވެސް އެބަ އޮތެވެ. ވީމާ އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރަން އެމީހަކު އަވަސްވެގަންނާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ! އެމީހަކަށް ސަލާމަތް ވެވޭނީވެސް އަދި އިސްލާމީ އުންމަތް ސަލާމަތް ކުރެވޭނީވެސް އެއިރުންނެވެ.

--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން