މިއަދުގެ ޚުޠުބާ: ޤިޔާމަތް ދުވަހު ޖައްސަވާނެ ޗޭނުން ސަލާމަތްވެވޭނީ ކޮންވެރިއަކަށް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
މިއަދުގެ ޚުޠުބާ: ޤިޔާމަތް ދުވަހު ޖައްސަވާނެ ޗޭނުން ސަލާމަތްވެވޭނީ ކޮންވެރިއަކަށް؟

ދިގު ޒަމާންތަކަކަސްފަހު މިއަދު އަޑުއިވިގެންދިއަ ޚުޠުބާއަކީ ގިނަ ބައަކު ވަރަށް ބޮޑަށް ސަމާލުކަން ދިން ޚުޠުބާއެކެވެ. ހަމައެކަނި ޤައުމުގެވެރިންނެއް ނޫނެވެ! މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ކޮންމެ މީހަކަށްވެސް ވަރަށް މުހިންމު ޚުޠުބާއެކެވެ. ފިރިންނަށްވީނަމަވެސް އަދި  މައިންބަފައިންނަށްވީނަމަވެސްމެއެވެ.  

"އަމާނާތްތެރިކަމާއި މަސްއޫލިއްޔަތު" މި ސުރުޚީގެ ދަށުން އިމާމުން ވިދާޅުވި ޚުޠުބާގައި މަޤާމަށް ދަހިވެތިވުމުގެ ހުރި ނުބައިކަމާއި މަސްއޫލިއްޔަތު ޙަވާލުކުރެވުމުން މަސްއޫލިއްޔަތަށް އަމާނާތްތެރި ނުވުމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ވަނީ ވަރަށް ފުރިހަމައަށް ބަޔާންކުރައްވައިފައެވެ.  

"ދިހަ މީހެއްގެ ނުވަތަ އެއަށްވުރެ ގިނަ ބައެއްގެ ވެރިއަކަށް އިސްވި މީހާ، ﷲ ގެ ޙަޟްރަތަށް ގެނެވޭނީ ކަސްތޮޅު އެޅުވިގެންވާ ޙާލުގައެވެ. ނުވަތަ އެކަސްތޮޅުން އޭނާ ނައްޓުވައި ދެވޭނީ އޭނާގެ ހެޔޮ ޢަމަލުތަކެވެ. ނުވަތަ އެކަސްތޮޅުން އޭނާ ބާރަށް ބަނދެލާނީ އޭނާގެ ނުބައި ޢަމަލުތަކެވެ. ޢަދުލުވެރި ނުވެވޭނަމަ، ވެރިކަމުގައި ފުރަތަމަ އޮތީ މީސްތަކުންގެ މަލާމާތެވެ. މެދުތެރޭގައި އޮތީ އެކަމަށް ހިތާމަކުރުމެވެ. އެންމެފަހުން ޤިޔާމަތް ދުވަހުން އޮންނާނީ ދެރަކަމާއި ނިކަމެތިކަމެވެ."  

ޚުޠުބާގައި ވަނީ މިޙަދީޘްފުޅު ހިމަނުއްވައިފައެވެ. ސުވާލަކީ މިޙަދީޘްފުޅުގައިވާ ޗޭނުން ސަލާމަތްވެވޭނީ ކޮން ވެރިއަކަށް ހެއްޔެވެ؟ އެހެންކަމުން މިއީ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުމާއިއެކު އެމަނިކުފާނަށާއި އެހެންވެސް މަޤާމްތަކަށް އިސްކުރެވޭ ވެރިންނަށް ދެވިފައިވާ ވަރަށް ވަރުގަދަ މެސެޖެކެވެ.  

ވެރިންގެ ގައިގައި ޤިޔާމަތް ދުވަހު އެޅުއްވޭނެ މިކަސްތޮޅުން ނެއްޓެވެން މިއޮތީ ހެޔޮ ޢަމަލުކޮށްގެންނެވެ. ހެޔޮ ޢަމަލުކުރުމަކީ ހަމައެކަނި އޭނާކުރާ އަޅުކަމެއް ނޫނެވެ. އޭނާ އާއި ޙަވާލުކުރެވުނު މަސްއޫލިއްޔަތު އަދާކުރި ގޮތްވެސްމެއެވެ.

 

މިއަދު އޮންލައިން