އަޅުގަނޑުގެ އެކުވެރިއަކަށް ކޮޅަށް ހުރެވެނީ ނަފްސާނީ ބަލީގެ ބޭސްކައިގެންނެވެ. އެބޭސްތައް ކާން ހަދައިގެން މިހާރު އޭނާގެ ނާރުތައް އަންނަނީ ބަލިކަށިވަމުންކަން އަޅުގަނޑުމެންނަށް ފާހަގަކުރެވެއެވެ. ތުރުތުރުވެސް އަޅައެވެ.
މިފަދަ ޙާލަތެއްގައި ހުރި މީހަކަށް އެހީތެރިވެދޭން ކުރެވޭނީ ކޮންކަމެއްތޯ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ނަފްސާނީ ބަލީގެ ފަރުވާއަކީ ﷲ ނަހީކުރެއްވެވި އަމަލުތައް ކުރުމާއި ބޭސްކެއުންކަމަށް ދެކޭ މީހުން މިލިޔުން ކިޔާލުން ވަރަށް މުހިންމުކަމަށް ދެކެމެވެ.
މިލިއަނަރެއްގެ ދަރިފުޅަކު އޭނާއަށް ނަފްސާނީ ގޮތުން އަނިޔާތަކެއް ލިބޭ ކަމަށްބުނެ ފަރުވާ ހޯދަން ޑޮކްޓަރެއްގެ ގާތަށް ދިއައެވެ. އޭނާގެ ވާހަކަތައް ޑޮކްޓަރަށް ކިޔައި ދިނުމަށްފަހު ބުނީ ފަރުވާގެ އަގު ކިތަންމެ ބޮޑު ނަމަވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ބޭނުންވަނީ ވަގުތުން ބަލި ފަސޭހަވުމަށް ކަމަށެވެ.
ޑޮކްޓަރު ބުނީ ނަފްސާނީ ބަލީގެ ފަރުވާއަކީ ބިލިއަނުން ޑޮލަރު ޚަރަދު ކުރި ނަމަވެސް ގަނެވޭނެ ފަރުވާއެއް ނޫން ކަމަށެވެ. އަދި ނަފްސާނީ ބަލީގެ ފަރުވާ ހޯދުމުގައި 90 އިންސައްތަ ޙާޞިލުކުރެވޭނީ އެމީހެއްގެ އަމިއްލަ މަސައްކަތުން ކަމަށެވެ.
ޑޮކްޓަރު މިފަދައިން ބުނުމާއިއެކު ޑޮކްޓަރުގެ މޭޒުމަތީގައި އޮތް ބަރެއް ނަގައި ޖެހިޖެހީނުން ޑޮކްޓަރުގެ ބޯ ފަލައިލިއެވެ. މިފަދަ ކަންކަމަކީ ޑޮކްޓަރަށް އައު ކަމަކަށް ނުވާތީ އަނގައިންވެސް ނުބުނެ ގޮސް ބޮލުގައި ބޭސް އަޅާލައިގެން އައިސް އޭނާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ކޮންމެ އިންސާނެއްގެ ހަޔާތަށް ބެލި ނަމަވެސް އެންމެ މުހިންމު ކަންކަމަކީ ކެތްތެރިކަމާއި ތަޤްވާވެރިކަމެވެ. މި ދެ ސިފަ އެމީހެއްގެ ކިބައި ނެތް ނަމަ އަބަދުވެސް އުޅެން ޖެހޭނީ ކޮންމެވެސް ކަމަކާއިމެދު ކަންބޮޑުވެގެންނެވެ. އެގޮތަށް ކަންބޮޑުވާ ކަންބޮޑުވުން އެއްވެސް ބޭހަކުން ފިލުވައެއް ނުލެވޭނެއެވެ. ކިތަންމެ ބޮޑު އަގުދީފައި ބޭސް ގަތް ނަމަވެސްމެއެވެ. މީހާ ހިތް ހަމަޖައްސާލަން ބޭހުގެ އަގު ބޮޑުކުރެވިދާނެއެވެ. ނަމަވެސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ބޭހުގެ އަސަރު ފިލާއިރަށް ކަންބޮޑުވުންތައް އެނބުރި އަންނާނެއެވެ. ވީމާ އެކަން ޙައްލު ކުރެވޭނީ ހަމަ ކެތްތެރިކަމާއި ތަޤްވާވެރިކަމުންނެވެ. ބޭސްވެސް ކާށެވެ! ނަމަވެސް ކެތްތެރިކަމާއި ތަޤްވާވެރިކަން އިތުރުކުރާށެވެ.
މިދޭ ބޭހުގެ އަގު މާބޮޑެއް ނުވާނެއެވެ. 50 ވަރަކަށް ޑޮލަރަށް ބޭސް ލިބޭނެއެވެ. ބޭސްކަމުން ގަދަ އަޅައި މަސައްކަތްކުރަންވީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ކެތްތެރިކަން އިތުރުކުރުމަށެވެ. ހުސްވަގުތު މަދުކުރާށެވެ. ހުސް ވަގުތެއް ލިބޭ އިރަށް ޛިކްރުކުރުން ފަދަ ހެޔޮ ކަމެއް ކުރާށެވެ! ފަރުވާ ލިބިގަތުމަށް އެއްވެސް އަގެއް ވެސް ބޭނުމެއް ނޫނެވެ. މިބުނި ގޮތަށް ކަންތައް ކުރުމަށްފަހު ބޭސް ހުސްވުމުން އެނބުރި އަންނާށެވެ! ބޭސް ބޭނުން ކުރި ނަމަވެސް މިބުނި ކަންކަން ނުކުރެވޭ ނަމަ އެނބުރި އައުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހެނީ ދޭނެ އެއްވެސް އިތުރު ފަރުވާއެއް ނެތެވެ.
އޭނާ ވަރަށް ލަދުން ހުރެ އެނބުރި ދިއައީއެވެ. ކުރެވުނު ކަންތަކާއިމެދު ހިތާމަކުރަމުންނެވެ. އެވަރުގެ ގޯސް އަމަލެއް ކުރެވުމުން ވެސް ޑޮކްޓަރު ދެއްކި ސާބިތުކަމާއިމެދު ޙައިރާންވެ ހުރެއެވެ. ޑޮކްޓަރުގެ އޯގާތެރިކަމާއި ހިތް ހެޔޮކަމަށް ޝުކުރު އަދާކުރަމުންނެވެ.
ބޭސް ހުސްވުމުގެ 2 ދުވަސް ކުރިން އޭނާ ގޮސް ޑޮކްޓަރާއި ބައްދަލު ކުރިއެވެ. އަދި އޭނާގެ ބަލީގެ 95 އިންސައްތަ މުޅިން ރަނގަޅުވެފައިވާ ކަމަށްވެސް ބުންޏެވެ. އަދި ޝިފާ ލިބުނީ ބޭހުން ނޫން ކަމާއި ޑޮކްޓަރު ބުނި ގޮތަށް އަމަލުކުރުމުން ކަމަށްވެސް ބުންޏެވެ.
ހަމައެކަނި އޭނާ ހިތް ހަމަޖައްސައިދިނުމުގެ ގޮތުން ޑޮކްޓަރު ވަރަށް އާދައިގެ ބޭހެއް ލިޔެލަދީފައި ކުރިއެކޭ އެއްފަދައިން ކުރިއަށް ދިއުމަށް ނަޞޭޙަތްތެރިވިއެވެ. އަގު ދޭން އުޅުމުން އެދުވަހުވެސް ޑޮކްޓަރު އަގެއް ނުހިފައެވެ.
އެފަހަރުގެ ބޭސް ހުސްވާން ކައިރިވުމުން އޭނާ ޑޮކްޓަރާއި ބައްދަލުކުރިއެވެ. އަދި މިހާރު އޭނާ ވަނީ މުޅިން ރަނގަޅުވެފައިކަމަށާއި އެއްވެސް ބޭހެއް ބޭނުން ނުވާ ކަމަށްވެސް ބުންޏެވެ. އެދުވަހު އޭނާ ވަރަށް އާދޭސްކުރުމުން ހަދިޔާއެއްގެ ގޮތުގައި އެނާ ދިން ފައިސާގެ ބޭނުން ޑޮކްޓަރު ކުރިއެވެ. އަދި އޭނާ ދިއައީ ގިނަގިނައިން ޑޮކްޓަރާއި ބައްދަލުކުރާނެ ކަމަށްވެސް ބުނެފައެވެ.