ޙަރާމް ކަންކަން ޙަރާމް ކުރެއްވެވި ސަބަބާއިމެދު ސުވާލެއް ނުއުފެދޭނެ! އޮތީ ބަލައިގަތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޙަރާމް ކަންކަން ޙަރާމް ކުރެއްވެވި ސަބަބާއިމެދު ސުވާލެއް ނުއުފެދޭނެ! އޮތީ ބަލައިގަތުން!

މިވެނިކަމެއް ޙަރާމް ކުރައްވަވާފައިވަނީ ކީއްވެގެންކަން ނުއެނގޭކަމަށް ބުނެ އެކަމެއް ކުރުމުގެ ހުއްދަ އެއްވެސް މުސްލިމަކަށް ލިބިގެނެއް ނުވެއެވެ. އެހެނީ އަހުރެމެންނަށް އެކަމުގެ ސަބަބު ނުއެނގުނަސް އެކަން ޙަރާމް ކުރައްވަވާފައިވަނީ ހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ ކަމުގައިވާތީއެވެ. 

އަހުރެމެން ޔަޤީންކުރަންޖެހޭނެ ކަމަކީ ﷲ ތަޢާލާ އަހުރެމެންނަށް އެއްވެސް ކަމެއް ޙަރާމްކުރައްވަވާނީ އެކަމެއް ކުރުމުން އަހުރެމެންނަށް ލިބޭނެ ގެއްލުންތަކެއް ހުރުމުން ކަމެވެ. އެއީ ޝައްކުކުރަންވެސް ޖެހޭ ކަމެއް ނޫނެވެ. އެހެނީ އިސްލާމް ދީނުގައި ޙަރާމްކުރައްވަވާފައިވާ ކޮންމެ ކަަމކީ އެކަމެއް ކުރުމުން މީސްތަކުންނަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމެއްކަން ކާފިރުންވެސް ޤަބޫލުކުރެއެވެ. ސައިންސުގެ ހޯދުންތަކުންވެސް އެކަން ޔަޤީންކުރެވެއެވެ. އަދި އިޖުތިމާޢީ މިންގަނޑުތަކުންވެސް އެކަން އެންމެންވެސް ޔަޤީންކުރެވެއެވެ. 

ރަނގަޅަށް ހަނދާނުގައި ބަހައްޓާށެވެ! މުސްލިމަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ފާފައަކީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ޙަލާލްކުރުމާއި ޙަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ޙަލާލްކުރުމެވެ. އެއިރުން އެކަންވާނީ ﷲ ތަޢާލާގެ އަމުރުފުޅަށް ގޮންޖެހުން ކަމަށެވެ. އެކަމެއް އެންމެ މޮޅަށް އެނގެނީ ތިމާއަށް ކަމަށް ޤަބޫލުކުރެވުމަށެވެ. 

މީސްތަކުންގެ ތެރެއިން ކިތަންމެ ގިނަ ބައަކު އެކަމެއް ކުރިނަމަވެސް ﷲ ތަޢާލާ ޙަޜާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކުރާށެވެ. ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އެއްވެސް ކަމެއް ދުނިޔޭގެ އެންމެން ކުރިނަމަވެސް އެކަމުގެ ޙުކުމަކީ ހަމަ ހަޜާމެވެ. އެޙުކުމް ބަދަލެއް ނުވާނެއެވެ. 

މިހާރަކަށް އައިސް ބައެއް ޒާތުގެ ބޮޑެތި ފާފަތައް ކުރުން ޢާންމުވެފައިވާ މިންވަރު ބޮޑުކަމުން އެއީ ޙަރާމް ކަމެއް ކަމަށް ނުދެކޭ ބައަކުވެސް އެބައުޅެއެވެ. މިއީ އެއްގޮތަކަށްވެސް ދެކޮޅުޖެހޭ ކަމެއް ނޫނެވެ. ކޮށްގެންވާނެ ކަމެއް ނޫނެވެ. މުސްލިމުންނަށް ޙަރާމް ކަންކަން ކަނޑައެޅުމާއި ހަލާލް ކަންކަން ކަނޑައެޅުމުގެ އެއްވެސް ބާރެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އޮތީ ﷲ ތަޢާލާގެ ނިންމެވުމަށް ޢަމަލުކުރުމެވެ. އެހެން އެއްވެސް ގޮތެއް އެކަމުގައެއް ނެތެވެ. 

ވީމާ ފާފަތަކުން ސަލާމަތްވެ ހުންނަން އެދޭމީހާއަށް އޮތީ ޙަރާމް ޙަލާލް އާއިމެދު ސުވާލު އުފެއްދުމެއް ނޫނެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރުމެވެ. ޙަރާމް ކަންކަން ނުކޮށް ހުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން