ތިބާއަކީ ﷲ ތަޢާލާ މިފަދަ މޭރުމަކުން ވަޙީކުރައްވަވާނެ އަޅަކަށް ނިކަންވެބަލަ! އެއްވެސް ކަމަކަށް ދަތިވެގެން އުޅޭކަށް ނުޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ތިބާއަކީ ﷲ ތަޢާލާ މިފަދަ މޭރުމަކުން ވަޙީކުރައްވަވާނެ އަޅަކަށް ނިކަންވެބަލަ! އެއްވެސް ކަމަކަށް ދަތިވެގެން އުޅޭކަށް ނުޖެހޭނެ! އިން ޝާ ﷲ

މިޘާލަކަށް ﷲ ތަޢާލާ މަލާއިކަތުންނަށް ވަޙީކުރައްވަވަނީއެވެ. 

"ނިކަން ދެކިބަލާށެވެ! އެންމެން ނިދާފައި ތިއްބައި އަހުރެންންގެ އަޅާ ތެދުވެ ނަމާދުކޮށް ދެއަތް އުފުލައި އެހެރަ ދުޢާކުރަނީއެވެ. ލޮލުން ކަރުނަ އަޅަނީއެވެ. އެއީ އޭނާއަށް އެއްވެސް ކަމަކަށް ދަތިވެގެނެއް ނޫނެވެ. ތިމަން ﷲ އޭނާއަށް ދެއްވެވި އެއްވެސް ނިޢުމަތެއް އަނބުރާ ގެންދަވައިގެނެއްވެސް ނޫނެވެ. އޭނާ އެދުޢާކުރަނީ އޭނާއަށް ތިމަން ﷲ ރަޙްމަތް ލެއްވެވުން އެދިގެންނެވެ. ސުވަރުގެ އެދިގެންނެވެ. އޭނާއަށް ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެންނެވެ."  

ﷲ ތަޢާލާ އެމީހަކާއިމެދު ފަޚުރުވެރިވެވޮޑިގެން މިފަދަ މޭރުމަކުން ވަޙީކުރައްވަވާ އަޅަކަށް ވެވިއްޖެނަމަ ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއިއެވެ. އެފަދަ އަޅަކަށް ވުމާއި ނުވުން އޮތީ އަހުރެމެންގެ އަތްމަތީގައެވެ. އެފަދަ އަޅަކަށް ވުމާއި ނުވުމުގެ އިޚްތިޔާރުވަނީ އަހުރެމެން އެންމެންނަށްވެސް ދެއްވަވައިފައެވެ.  

އެފަދަ އަޅަކަށް ވެވިއްޖެނަމަ އެއްވެސް ކަމަކަށް ދަތިވެގެން އުޅޭކަށް ނުޖެހޭނެ! އިން ޝާ ﷲ. އެފަދަ އަޅަކަށް ވެވޭނީ ތިމާ އެކަމަށް މަސައްކަތްކޮށްގެންނެވެ. ރޭގަނޑުގެ ފަހުދަންފަޅީގައި ހޭލައި ނަމާދުކޮށް ޛިކުރުކޮށް ދުޢާކުރާ އަޅަކަށް ވެވިގެންނެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ގަދައަޅައި މަސައްކަތްކުރަންވީ ދުނިޔެ ލިބިގަތުމަކަށް ނޫނެވެ. ތިމާއަކީ މިބަޔާންކުރި ފަދައިން ﷲ ތަޢާލާ ފަޚުރުވެރިވެ ވޮޑިގަންނަވާނެ އަޅަކަށްވުމަށެވެ. އެއިރުން އެމީހަކު ކުރާ ދުޢާ އެމީހަކަށް އެންމެ ފައިދާހުރި ވަޤުތުގައި ޢިޖާބަ ކުރައްވަވާނެތެވެ. އިން ޝާ ﷲ 

"އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލު، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ".

"ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ."

(އައް ސަޖްދަ: 16،17) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން