ޢަލީ އިޙްޞާން ފިރާޤް
زكريا ويحيى عليهما السلام
زكريّا عليه السّلام އަކީ ބަނީއިސްރާއީލު ބާގައިގެ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި އަރަހުށި މާތްﷲ سبحانه وتعالى، ފޮނުއްވި ނަބީބޭކަލެކެވެ. އެކަލޭގެފާނު ފޮނުއްވުނީ داود عليه السّلام ގެ ދަރިކަލުން سليمان عليه السّلام އަވަހާރަވުމަށްފަހުގައެވެ. މާތް ﷲ سبحانه وتعالى ، ގެ ޙަޟުރަތުގައި އެކަލޭގެފާނު ކުރައްވައިފި ކޮންމެ ދުޢާއެއް އިޖާބަ ކުރައްވައެވެ. މަރްޔަމުގެފާނާއި، ޔަޙުޔާގެފާނުގެ ބެލެނިވެރިއެއްގެ ޝަރަފު އެކަލޭގެފާނުވަނީ ޙާޞިލު ކުރައްވައިފައެވެ.
ނަންފުޅާއި ނަސަބުފުޅު
އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. އަލްޙާފިޡު އިބްނު އަސާކިރު އޭނާގެ ތާރީޚުގައި ވިދާޅުވެފައިވެއެވެ. زكريّا عليه السّلام ގެ ފުރިހަމަ ނަންފުޅަކީ زكريّا بن برخيا އެވެ. އެހެން ރިވާޔަތެއްގައިވަނީ زكريّا بن دان ކަމުގައެވެ. އެހެން ރިވާޔަތެއްގައި ވަނީ زكريّا عليه السّلام ގެ ނަސަބުގެ ކެވެލިފަތި ސަލާމްލެއްވި ދާވުދުގެފާނާ ގުޅިފައިވާކަމަށެވެ. ނަސަބުފުޅުގެ ސިލްސިލާއަކީ، زكريا بن لدن بن مسلم بن صدوق بن حشبان بن داود بن سليمان بن مسلم بن صديقة بن برخيا بن بلعاطة بن ناحور بن شلوم بن بهفاشاط بن اينا من ابن رحبعام بن سليمان بن داود އެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 394-395}
މަރްޔަމުގެފާނު ބެލެހެއްޓެވުން
زكريّا عليه السّلام ގެ ޙަޔާތްޕުޅުގައި ފާހަގަކޮށްލެވޭ އެއްދައުރަކީ، މަރްޔަމުގެފާނުގެ ކަފާލާތުގެ ކަންތައްތަކާ އެކަލޭގެފާނު ޙަވާލުވެވަޑައިގެންނެވުމެވެ. މައިކަނބަލުންގެ ނަދުރުފުޅުގެ ސަބަބުން މަރްޔަމުގެފާނު ވެވަޑައިގެންނެވީ ބައިތުލްމަޤުދިސުގެ ޚިދުމަތަށް ޚާއްޞަކުރެވިފައިވާ ބޭކަނބަލަކަށެވެ. މަރްޔަމުގެފާނުގެ ބެލެނިވެރިކަން زكريّا عليه السّلام އަށް ލިބިވަޑައިގެންނެވީ ޤުރްޢަތު ލައްވައިގެންނެވެ. ކީރިތި ޤުރްއާނުގެ އާލު ޢިމްރާނު ސޫރަތުގެ 44 ވަނަ އާޔަތުގައި މިވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.
ذَٰلِكَ مِنْ أَنبَاءِ الْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَامَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ ﴿٤٤﴾
މާނައީ: [އެއީ، غيب ގެ خبر ތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحى ކުރައްވާ خبر ތަކެވެ. مريم ގެފާނު ބެލުމާ حوال ވާނީ، އެއުރެންގެ ތެރެއިން ކާކުތޯ ބެލުމަށްޓަކައި (قرعة ލުމުގެ ގޮތުން) އެއުރެންގެ قلم ތައް އުކި ހިނދު، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި، އެއުރެން (އެކަމުގައި) ދެބަސްވެ خلاف ވީ ހިނދުގައިވެސް، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ.]
ޢިކްރިމާ ވިދާޅުވެފައިވާކަމަށް އިބްނު ޖަރީރު ރިވާކުރައްވައިފައިވެއެވެ. މަރްޔަމުގެފާނުގެ މައިކަނބަލުން އެކަމަނާއާގެން ރައްކައުވެވަޑައިގެން، އެދަރިކަނބަލުން ފޮތިކޮޅަކަށް ލައްވައި ބައިތުލްމަޤުދިސްގެ އަޚްބާރުންގެ އަރިހަށްވަޑައިގެންނެވިއެވެ. އެ އަޚްބާރުންނަކީ ހާރޫނުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ބައެކެވެ. އެބޭކަލުންނަކީ އެ ޒަމާނުގައި ބައިތުލްމަޤުދިސް ބެލެހެއްޓުމާ ޙަވާލެވެވަޑައިގެން ތިއްބަވާ ދީނުގެ ޢިލްމުވެރިންނެވެ. މައްކާގެ މީސްތަކުން ކަޢުބާ ބަލަހައްޓަމުން ގެންދާފަދައިން އެބައިމީހުން ބައިތުލްމަޤުދިސް ބަލަހައްޓަމުން ގެންދެއެވެ.
މަރްޔަމުގެފާނުގެ މައިކަނބަލުން އެބައިމީހުންގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. [މިކުއްޖާއަކީ މިސްކިތުގެ ޚިދުމަތަށްޓަކައި އަޅުގަނޑު ނަދުރުގެންފައިވާ ކުއްޖެކެވެ. އަޅުގަނޑުވަނީ އެދަރިކަނބަލުން ދުނިޔަވީ އެންމެހައި މަސައްކަތްތަކަކުން މިނިވަންކޮށްފައެވެ. ހަމައެކަނި މިސްކިތުގެ ޚިދުމަތަށް ޚާއްޞަކޮށްފައެވެ. މިދަރިކަނބަލުން އަލުން އަނބުރާ ގެއަށް ރައްދުކުރުމެއްނެތެވެ.]
އެކަމަނާގެ ވާހަކަފުޅު ނިމުމުން އަޚްބާރުންގެ މީސްތަކުން ބުންޏެވެ. [އެދަރިކަނބަލުންނަކީ އަހަރެމެންގެ އިމާމުގެ ދަރިކަނބަލުންނެވެ. އަހަރެމެންނާގެން އިމާމުވެވަޑައިގެން ނަމާދުފުޅު ކުރައްވަނީ އެދަރިކަނބަލުންގެ ބަފައިކަލުން ޢިމްރާނެވެ. ޤުރްބާންކުރުމުގެ ކަންތައްތަކާ ޙަވާލުވެވަޑައިގެން ހުންވަނީވެސް އެކަލޭގެފާނެވެ.]
އަޚްބާރުންގެ މީސްތަކުން މިވާހަކަ ދައްކަން ތިއްބާ زكريّا عليه السّلام ވަޑައިގެން ވިދާޅުވިއެވެ. [އެދަރިކަނބަލުން އަޅުގަނޑާ ޙަވާލުކުރައްވާށެވެ. އެދަރިކަނބަލުން އެންމެ ޙައްޤުކަން ބޮޑުވެގެންވަނީ އަޅުގަނޑަށެވެ. އެހެނީ އަޅުގަނޑު ކާވެނިކޮށްގެން މިއުޅެނީ އެދަރިކަނބަލުންގެ މައިފުށެގެ ބޮޑުދައިތައާއެވެ.]
زكريّا عليه السّلام މިހެން ވިދާޅުވުމުން ބައިތުލްމަޤުދިސް ބަލަހައްޓާ އަޚްބާރުން އެކަމަކަށް ނުރުހުނެވެ. އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. [ތިޔަގޮތާ ރުހުމަކީ އަހަރެމެންގެ ހިތްތަކަށް ފަސޭހަގޮތެއްނޫނެވެ. އެހެނީ އެދަރިކަނބަލުންނަކީ އަހަރެމެންގެ އިމާމުގެ ދަރިކަނބަލުންނެވެ.] ދެން އެބައިމީހުން ނިންމީ ޤުރުޢަތު ލުމަށެވެ. އެބައިމީހުން ތައުރާތު ލިޔާންގެންގުޅޭ ގަލަންތައް ބޭނުންކޮށްގެންނެވެ. އެބައިމީހުން އެ ޤުރުޢަތުލުމުން ޤުރުޢަތުން ހޮވިވަޑައިގެންނެވީ زكريّا عليه السّلام އެވެ. ދެން زكريّا عليه السّلام، مريم ގެފާނުގެ ބެލެނިވެރިއެއްކަމުގައި ހަމަޖެހިގެންދިޔައެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދެވަނަ ޖިލްދު ޞަފްޙާ 158}
މަރްޔަމުގެފާނު އިންނެވުމަށްޓަކައި زكريّا عليه السّلام ވަކިން ޚާއްޞަ މިހުރާބުގެއެއް ހައްދަވައިދެއްވިއެވެ. އެ މިހުރާބުގެއަކީ، زكريّا عليه السّلام ފިޔަވައި އެހެން މީހަކު ނުވަދެވޭ ތަނެކެވެ. މަރްޔަމުގެފާނު ބޮޑުފުޅުވަމުން ތަރުބިޔަތުވަމުން އައީ ނަބިއްޔެއްގެ ފުރިހަމަ އިނާޔަތުގެ ދަށުންނެވެ. زكريّا عليه السّلام އެކަމަނާއަށް ދީނުގެ ކަންތައްތައް އޮޅުން ފިލުއްވައިދެއްވަމުންގެންދެވިއެވެ. ނަތީޖާއެއްގެ ގޮތުން އެކަމަނާ ވެވަޑައިގެންނެވީ ނުހަނު ތަޤްވާވެރި ވަރަޢަވެރި ބޭކަނބަލަކަށެވެ. އަބަދާއި އަބަދު މާތްﷲ سبحانه وتعالى ، އަށް ތަސްބީހަ ވިދާޅުވުމަކީ އެކަމަނާގެ ޚާއްޞަ އުފާފުޅެކެވެ.
މަރްޔަމުގެފާނުގެ އަޅުވެރިކަމުގެ ސަބަބުން އެކަމަނާއަށް ވަނީ މާތްﷲ سبحانه وتعالى ޙަޟުރަތުގައި ޚާއްޞަ އިމްތިޔާޒީ މަޤާމެއް ލިބިވަޑައިގެންފައެވެ. އެކަލާނގެ ވަލީވެރިއެއްގެ ދަރަޖަ އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. އެހެންކަމުން އެކަމަނާގެ ފަރާތްޕުޅުން ކަރާމާތްތަށް ފާޅުވާފެށިއެވެ. ނުމޫސުމުގެ މޭވާ އަބަދުވެސް ތިޔާގިކަމާއެކު އެކަމަނާގެ އަރިހުގައި ހުރެއެވެ. އެތަންދެކެވަޑައިގެން زكريّا عليه السّلام ޙައިރާންވެވަޑައިގެން ސުވާލުކުރައްވައި އުޅުއްވައެވެ. މިވާހަކަ އާލު ޢިމްރާނު ސޫރަތުގެ 37 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފުޒުތަކުނެވެ.
فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّـهِ ۖإِنَّ اللَّـهَ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ ﴿٣٧﴾
މާނައީ: [ފަހެ، އެކަމަނާގެ ވެރިރަސްކަލާނގެ ރިވެތިވެގެންވާ قبول އަކުން އެކަމަނާ قبول ކުރައްވައިފިއެވެ. އަދި، ރިވެތިވެގެންވާ ބޮޑުކުރެއްވުމަކުން އެކަމަނާ ބޮޑުކުރެއްވިއެވެ. އަދި، زكرياّ ގެފާނާ، އެކަމަނާ ބެލެހެއްޓެވުން حوال ކުރެއްވިއެވެ. އެކަމަނާގެ އަރިހަށް محراب ގެ ތެރެޔަށް زكريّا ގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވެތެވެ. އޭ مريم އެވެ! ކަމަނާއަށް މިތަކެތި ލިބިވަޑައިގަންނަވަނީ ކޮންތާކުންތޯއެވެ؟ އެކަމަނާ ވިދާޅުވެތެވެ. އެއީ، اللَّه ގެ حضرة ންނެވެ. ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެއްވެސް حساب އެއްނެތި رزق ދެއްވަތެވެ.]