ދޫ އޮތަސް ވިސްނާށެވެ! މަރުމަތީގަ ޝަހާދަތް ކިޔޭނީ ވެސް ﷲ އިޛްނަ ދެއްވެވި މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ދޫ އޮތަސް ވިސްނާށެވެ! މަރުމަތީގަ ޝަހާދަތް ކިޔޭނީ ވެސް ﷲ އިޛްނަ ދެއްވެވި މީހަކަށް!

ބައެއް މީހުން އެދޭ ގިނަ ކަންތައްތައް ދުނިޔޭގައިވެސް އެމީހަކަށް ޙާޞިލުކޮށް ދެއްވަވައެވެ. އެހާލަތުގައި ގިނަ ބައަކަށް ކަމުގެ ޙަޤީޤަތް އޮޅިގެންދެއެވެ. މި ނިޢްމަތްތައް މި ލިބެނީ ﷲ ތަޢާލާ ދެއްވެވުމުން ކަން ހަނދާނެއް ނުހުރެއެވެ.

އެއިގެ ތެރޭގައި ބާރުވެރިކަމާއި މަޤާމް ލިބުންވެސް ހިމެނެއެވެ. މިޒަމާނުގައި ވެރިންނާއި މުހިންމު މަޤާމްތަކަށް މީހުން ހޮވަނީ ވޯޓުލައިގެންނެވެ. ކެންޕޭނުކޮށް އިންތިޚާބު ކާމިޔާބު ކުރެވުމުން ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެއީ ހަމަ އެމިހާގެ މޮޅުކަމުން ހޯދައިގަތް ކާމިޔާބެއް ކަމަށެވެ! ﷲ ތަޢާލާ ދެއްވެވި ނިޢްމަތެއްކަން ހަނދާނެއް ނުހުރެއެވެ.

މިހާލަތުގައި އެމީހުންނަކީވެސް ކޮންމެ ވަގުތަކުވެސް މަރުވެދާނެ ބައެއްކަން ވެސް ހަނދާނަކު ނުހުރެއެވެ. އަދި ދެއްވެވި ނިޢްމަތް ކޮންމެ ވަގުތަކުވެސް އަނބުރައި ގެންދަވާފާނެ ކަމެއްވެސް ހަނދާނަކު ނުހުރެއެވެ. ދެއްވެވި ނިޢްމަތުގެ ބޭނުން ހިފަނީ އެމީހަކު ބޭނުން ގޮތަކަށެވެ.

އެމީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މީސްތަކުންނަށް އެމީހުންގެ ޙަޤީޤަތް އޮޅުވައިލި ފަދައިން ﷲ ތަޢާލާއަށްވެސް އޮޅުވައިލެވޭނެ ކަމަށެވެ. މަރުގެ ވަގުތު ޖެހުމުން ކުޑަ ހިނދުކޮޅެއް ހޯދާފައި ތައުބާވުމުން ހުރިހާ ކަމެއް ނިމުނީ ކަމަށެވެ. އެމީހުން ތިބެނީ ކޮންމެވެސް ގޮތަކުން އެ ފުރުޞަތު ހޯދަން ވިސްނައިގެންނެވެ.

މީސްތަކުންނޭވެ! އެއީ ހަމަ އެއްވެސް މީހަކަށް ލިބޭނެ ފުރުޞަތެއް ނޫނެވެ! މަރު ހިއްތަޕަވަން ވަޑައިގަންނަވާ މަލާއިކަތާ ލޮލަށް ފެނުމާއިއެކު ތައުބާގެ ދޮރު ބަންދުވީއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި މަރު ހިއްޕަވާނެއެވެ. އެންމެ ކުޑަމިނުން ޝަހާދަތް ކިޔައިލެވޭނީވެސް ޝަހާދަތުގެ މަތީގައި ދުނިޔޭގައި އުޅުނު މީހަކަށެވެ. މާނައަކީ ޝަހާދަތް ކިޔޭނީ ވެސް އެކަމަށް ﷲ ތަޢާލާ އިޛްނަ ދެއްވި މީހަކަށެވެ. އެއީ ބާރު ގަދަވެ، ފައިސާގިނަވެ އަދި ވެރިކަމުގެ ސަބަބުން ކުރެވޭނެ ކަމެއް ނޫނެވެ!

ކޮންމެ ނިޢްމަތެއްވެސް ދެއްވަވަނީ ﷲ ތަޢާލާއެވެ! ނިޢްމަތް ދެއްވެވުމުން ދެއްވެވި ފަރާތް ގިނަ ބައަކަށް އޮންނަނީ އޮޅިފައެވެ. ޤަބޫލުކުރެވެނީ ތިމާގެ މޮޅުކަމުން ނުވަތަ މިވެނި މީހަކުކޮށްދިން ކަމެއް ކަމަށެވެ. ވީމާ ޝުކުރުވެރިވާން ހަނދާނެއް ނުހުރެއެވެ. އެކަން އިޞްލާޙްކުރަމާ ހިނގާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން