ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ ކިބައިގަ ދީންވެރިކަމާ ރިވެތި އަޚްލާޤް ހުރިނަމަ އަނބިމީހާ ދޮށިވުމަކީ ކައިވެނި ނުކުރަން އޮތް ސަބަބެއް ނޫންކަން ތަޖުރިބާކުރި ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 49ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ ކިބައިގަ ދީންވެރިކަމާ ރިވެތި އަޚްލާޤް ހުރިނަމަ އަނބިމީހާ ދޮށިވުމަކީ ކައިވެނި ނުކުރަން އޮތް ސަބަބެއް ނޫންކަން ތަޖުރިބާކުރި ޒުވާނެއްގެ ވާހަކަ-

ކައިވެނި ކުރާއިރު އަންހެންމީހާ ދޮށިނަމަ އެއީ ކައިވެނިކުރަން އޮތް ހުރަހެއްކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ. ފިރިހެން މީހާ ދޮށިވުމަކުން މިމައްސަލައެއް ނުނުކުމެއެވެ. އެކަންވަނީ އެންމެން ބަލައިގަންނަ ކަމަކަށެވެ.

ތިރީގައި އެވަނީ ވަރަށް ޢިބްރަތްތެރި ކައިވެންޏެއްގެ ވާހަކައެވެ. ޢަރުޝީގެ ހިޔާވަހިކަން ހޯދަން މަސައްކަތްކުރުމުން ދުނިޔޭގައިވެސް ރަން ދުނިޔެއެއް ދެއްވެވި ޒުވާނެއްގެ ވާހަކައެވެ. 

އެއިރު އަހަރެންގެ ޢުމުރަކީ ހަމަ އެންމެ 26 އަހަރެވެ. މަސައްކަތް ކުރަމުން އައީ މުއްސަނދި އަނހެން ކުއްޖެއްގެ ކުންފުނީގައެވެ. އޭނާގެ މަންމައަކީ ތަނަވަސްކަމަށް މަޝްހޫރު އަންހެނެކެވެ. ދަރިފުޅު ވިޔަފާރި ކުރަމުން އައީ މަންމަގެ ތަނަވަސްކަން ބޭނުންކޮށްގެންނެވެ. 

އަޅުގަނޑު މަސައްކަތްކުރީ މާކެޓިންގ މެނޭޖަރަކަށެވެ. އެއްފަހަރު ދުބާއީގައި އޮތް ފެއާއަކަށް ދަމުން ބޮސް 3 މުވައްޒިފުން ގެންދިއައެވެ. އެކަކަށް ގެންދިއައީ އަޅުގަނޑެވެ. އެއިރުވެސް މެޑަމް އަޅުގަނޑަށް ވަރަށް ރަނގަޅެވެ. ވަރަށް ގާތްކަން ބާއްވައެވެ. ހިތްވަރުދެއެވެ. ހިތްހެޔޮކޮށް ވާހަކަދައްކައެވެ. ދޭތެރެދޭތެރެއިން ކުދކުދި އެހީވެސް ވިއެވެ. 

ދުބާއީގައި ތިބިއިރު މެޑަމް ބުނީ އެރޭ މެޑަމްގެ ރައްޓެއްސަކާ ބައްދަލުކުރަން ދާނެ ކަމަށާއި ދާނީ އަޅުގަނޑު ގޮވައިގެން ކަމަށެވެ. އެހެންކިޔާފައި މެޑަމް އަޅުގަނޑު ގެންދިއައީ ރެސްޓޯރަންޓަކަށެވެ. އެތަނުން ކައިގެން ދުއްވާލަންވެސް ގޮސްފައި ހޮޓަލަށް ދިއައީ ވަރަށް ލަސްވީފަހުންނެވެ. ހޮޓަލުގައި ތިބީ އެއް ފަންގިފިލާއެއްގައެވެ. ފަންގިފިލާއަށް ގޮސްފައި މެޑަމް ބުނީ ވާހަކަ ދައްކާލަން މެޑަމްގެ ކޮޓަރިއަށް ދިއުމަށެވެ. 

ވާހަކަ ދެއްކުމުގެ ތެރެއިން ބުނެވުނެވެ. "މެޑަމް އެވެ. އަހަރެމެން މިބުނަނީ މިއީ ފަހުޒަމާން ކަމަށެވެ. ޤިޔާމަތް ކައިރިވެއްޖެ ކަމަށެވެ. އެކަމަކު ބިރުގަންނަ މީހަކު މަދެވެ. ހީވަނީ ފަހުޒަމާން އައުމުން ހުރިހާ ފާފަތަކެއް ކުރަން ހުއްދަވާ ސަބަބެއްކަމަށް ޤަބޫލުކޮށްގެން އުޅޭހެންނެވެ." 

މެޑަމް ބުންޏެވެ. "އެހެންވީއިރު ތިބާ ބިރުގަންނަން ހެއްޔެވެ؟ ތިބާއަށް ހިތް އުފާކުރާނެ ފުރުޞަތެއް ލިބިއްޖެނަމަ ބޭނުން ނުކޮށް ބިރުން ދުވެފިލާނީހެއްޔެވެ؟" 

ޖަވާބުގައި ބުނީމެވެ. "ހަމަހޭގައި ހުރެގެން ފާފައެއް ނުކުރާނަމެވެ. ދުއްވައި ނުގަނެވުނިޔާ ފިރުކިފައިވެސް ފާފަކުރުމުން ސަލާމަތްވާން މަސައްކަތްކުރާނަމެވެ. މައިންބަފައިން ދަސްކޮށްދީފައިހުރީ އެގޮތެވެ." 

މިޒާތުގެ ވާހަކަތަކެއް ދައްކަން ތިބެފައި ދެމީހުން ވަކިވީއެވެ. 

ފެއާއިން އެނބުރި އައިތާ ހަފްތާއެއްހައި ދުވަސްވެސް ނުވަނީސް އެއް ދުވަހު މެޑަމް އަޅުގަނޑު ގެންގޮސްފައި ބުންޏެވެ. "މިގޮވާލީ އާދައާ ޚިލާފް ވަޒީފާއެއް ދީ މުޅިން ތަފާތު ޕްރަމޯޝަނެއް ދޭން ބޭނުންވެގެންނެވެ. ޤަބޫލުކުރާނަން ހެއްޔެވެ؟" 

މެޑަމް އެބުނީ ކީކޭކަން ކޮންމެވެސް ވަރަކަށް ވިސްނުނެވެ. ޔަޤީން ނުވިނަމަވެސް ރިސްކް ނަގާފައި ޤަބޫލުކުރާނަން ކަމަށް ބުނުމުން މެޑަމް ވާހަކަދައްކަން ފެށިއެވެ. "އަހަރެން ތިބާއަށްވުރެ 5 އަހަރު ދޮށްޓެވެ. 2 ދަރިންވެސް އެބަތިއްބެވެ. ކައިވެނި ރޫޅުނީ ކުރީރޭ ދުބާއީގައި ތިބާ ބުނި ފަދައިން ފަހުޒަމާން އަތުވެއްޖެކަން އެނގުނަސް ބިރުނުގަންނަ ފިރިއަކާއިއެކު ނޫޅެވިގެންނެވެ. ތިބާ ރުހޭނަމަ ކައިވެނިކުރަން ބޭނުމެވެ. މިހެން މިބުނަނީ އަހަރެން 5 އަހަރު ދޮށިކަމާއި 2 ދަރިންވެސް ތިބިކަން އެނގިހުރެއެވެ. ފަށަމުން އެކަން ފާހަގަކުރީވެސް އެހެންވެގެންނެވެ." 

ޖަވާބުގައި ބުނީމެވެ. "މެޑަމްއަށް އެނގެންވީ އެންމެ ކަމެކެވެ. އަޅުގަނޑަކީ ފަޤީރެއްކަމާއި މުސްކުޅި މައިންބަފައިން ބެލުމުގެ ޒިންމާ އުފުލަންޖެހޭ ނިކަމެތި މީހެއް ކަމެވެ. އެއިރުން އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތެވެ. އެންމެން ކައިވެނިކުރާނީ އަލަކަށްވެސް ނޫނެވެ. އަދި އެއް އުމުރުގެ ނުވަތަ ތިމާއަށްވުރެ ހަގު މީހުންނަކާއެއްވެސް ނޫނެވެ. އެއީ މައްސަލައެއް ކަމަކަށް ނުދެކެވެ. ދަރިން ނުލިބެނީސް ދޮންދަރިން ލިބުމަކީވެސް މައްސަލައެއް ކަމަކަށް ނުދެކެވެ. ދޮނަސް ކަޅަސް ދަރިންނަކީ ދަރިންނެވެ." 

މެޑަމް ބުނި ބުނުމަށް އެހާ ފަސޭހައިން އެއްބަސްވެވުނީ މެޑަމްގެ އަމަލުތަކުންނާއި ދައްކާ ވާހަކަތަކުން މިފަދަ ފުރުޞަތެއް ލިބިދާނެކަމަށް ކުރިންވެސް އުންމީދުކޮށްގެން ހުރެވުނީތީއެވެ. އަދ ދުބާއީގައި އެރޭ ދެއްކި ވާހަކަތަކުން އެކަން ވަރަށް ބޮޑަށް ޔަޤީންކުރެވިފައި އޮތުމުންނެވެ. 

ކޮންމެއަކަސް ކައިވެންޏަށް 7 އަހަރުފުރިއްޖެއެވެ. އަމިއްލަ ދެ ދަރިންވެސް އެބަތިއްބެވެ. މިއުޅެވެނީ ހަމަ އުފަލުގައެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑަށް މިހައި ރަނގަޅު އަނތްބަކު ލިބުނު ސބަބަކީ ފަހުޒަމާން އަތުވެއްޖެކަމާއި ފަހުޒަމާން އައުމަކީ ފާފަކުރުން ހުއްދަވާ ސަބަބެއް ނޫންކަމަށް އަޅުގަނޑު ޤަބޫލުކުރަމުން އައި އައުމެވެ. ދުވެފައި ނުދެވުނިއްޔާ ފިރުކެމުން ނަމަވެސް ފާފަކުރުމާއި ދުރުވާން ޢަޒުމް ކަނޑައަޅައިގެން ހުރުމެވެ. 

ހިތްހަމަޖެހުން ލިބެނީ ތަނަވަސް ދިރިއުޅުމެއް ލިބުމަކުން ނޫނެވެ. 3.30 ވުމުން ނިދިއަ ނުދީ ނަމާދުކުރަން ހޭލައްވާ އަންތބަކު ލިބުމުންނެވެ. މުއްސަނދި ނަމަވެސް އަމިއްލަ ދެއަތުން އަޅުގަނޑުގެ މައިންބަފައިންނަށްވެސް ޚިދުމަތްކުރާނެ އަންތބަކު ލިބުމުންނެވެ. 

- އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން