ދެބާވަތެއްގެ ނަމާދު ވެއެވެ. އެއްބާވަތަކީ އިމާމް މީހާގެ ފަހަތުގައި ކުރާ ނަމާދެވެ. އިމާމް މީހާގެ ފަހަތުގައި ކުރާ ނަމާދުތަކުގައި އަހުރެމެންނަށް އޮތީ އިމާމް މީހާ އާއިއެކުގައި ޙަރަކާތްކުރުމެވެ. އެއއރުކުނުން އަނެއް ރުކުނަށް ދިއުމެވެ.
ދެވަނަ ބާވަތަކީ އެކަނިހުރެ ކުރާ ނަމާދެވެ. އެކަނިހުރެ ނަމާދުކުރާނަމަ އެމީހަކު ބޭނުންހައި އިރެއް ހޭދަކުރެވިދާނެއެވެ. މިޘާލަކަށް ކިތަންމެ ދިގު ސޫރަތެއްވެސް ކިޔަންވީއެވެ. ސަޖިދައިގައި ކިތަްނމެ ގިނަ ވަޤުތެއްވެސް ހޭދަކުރަންވީއެވެ.
އަހުރެން ބުނަން ބޭނުންވާ ވާހަކައަކީ ސަޖިދައަށް ދެވުމުން ތެދުވަން އަވަސްވެނުގަންނާށެވެ. އެހެނީ އަހުރެމެންނަށް ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަޤުތަކީ ސަޖިދައިގައި ހޭދަކުރެވޭ ވަޤުތެވެ.
ވީމާ ސަޖިދައަށް ދެވުމުން ޛިކުރުކުރުމުގެ އިތުރުން ތިމާއަށް ބޭނުންވެފައި ހުރި ހުރިހާ ކަންކަމުގެ ވާހަކަ ﷲ ތަޢާލާއަށް ދަންނަވަން ވާނެއެވެ. ދަންނަވަންވީ އެންމެ ސަޖިދައެއްގައެއްވެސް ނޫނެވެ. ކުރާ ކޮންމެ ސަޖިދައއެއްގައިވެސް ދަންނަވަންވާނެއެވެ. ސަޖިދަ ދިގުކުރަންވީ ވަކިމިނަކަށް ނޫނެވެ. އެމީހަކު ބޭނުންހައި ވަރަކަށެވެ.
އެކުވެރި އަޚުންނާއި އުޚުތުންނޭވެ! ބައެއް ޢިލްމްވެރިން ފާހަގަކުރައްވާ ގޮތުގައި ސަޖިދައިގައި އަވަސްއަރުވައިލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި އެއީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ މީހަކު ކުރާނެ ކަމެއް ނޫނެވެ. އަދި ބައެއް ޢިލްމުވެރިން ދެކެލައްވާ ގޮތުގައި އެއީ އަދަބާއިވެސް ޚިލާފް ކަމެކެވެ.
ވީމާ ތިމާ އެކަނިހުރެ ކުރާ ނަމާދުތަކުގައި ސަޖިދައިގައި ވީހާގިނަ ވަޤުތު ހޭދަކުރަން މަސައްކަތްކުރާށެވެ. އެމީހާގެ ހުރިހާ މައްސަލަތަކެއް ﷲ ތަޢާލާ ޙައްލުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ
ހަމަ އެއާއިއެކު ވިސްނައިލާށެވެ. ﷲ ތަޢާލާ ނިޢުމަތެއް މިންވަރުކުރެއްވެވުމުންވެސް އަދި މުޞީބާތެއް ކުރިމަތިކުރެއްވެވުމުން އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އަވަސްވެވަޑައިގަންނަވަނީ 2 ރަކްޢަތް ނަމާދެއް ކުރެއްވެވުމަށެވެ. އެއީ އަހުރެމެންވެސް ޢަމަލުކުރަން އޮތްގޮތެވެ. ވީމާ މިބުނި 2 ޙާލަތުގައި ކުރާ ނަމާދުގެ ސަޖިދައިގައިވެސް ވީހާ ގިނަ ވަޤުތު ހޭދަކުރަން މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން