ދަރިން ދީނަށް ޢަމަލުކުރަން ފެށުމުން މާޔޫސް ނުކުރުވާށެވެ! އޮތީ ހިތްވަރުދިނުމެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ދަރިން ދީނަށް ޢަމަލުކުރަން ފެށުމުން މާޔޫސް ނުކުރުވާށެވެ! އޮތީ ހިތްވަރުދިނުމެވެ!: މުފްތީ މެންކް

ފާފަ ކުރެވޭ މީހަކު ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށައިފިނަމަ އެމީހާ ކުރާ އަޅުކަން މަދުވެގެން އެބަ ޝަކުވާ ކުރެވެއެވެ. އެމީހާގެ ތަޤްވާވެރިކަން އަދިވެސް ނެތްކަމަށް ބުނެ އެމީހަކު މާޔޫސްވާފަދަ ވާހަކަތައް އެބަ ދައްކަމުއެވެ.

އެފަދަ ވާހަކަތައް ދައްކާ މީހުންނަށް ކުރަން ޖެހޭ ސުވާލަކީ ތިބާގެ ކިބައިގައި މިހާރުހުރި ތަޤްވާވެރިކަން ތިބާގެ މުޅި ޢުމުރުގައިވެސް ހުރިހެއްޔެވެ؟ މިހާރު ތިއަކުރާހައި ގިނައިން އަޅުކަން އަބަދުވެސް ކުރީމު ހެއްޔެވެ؟ 

އަހުރެންނަށް ވިސްނޭ ގޮތުން އެއީ ވަރަށް މަދު މީހަކަށް ނޫނީ ޙާޞިލްކުރެވިފައި އޮންނާނެ ކަމެއް ނޫނެވެ. ވީމާ އެހެން މީހުންނަށްވެސް ވަޤުތުދޭންޖެހޭނެއެވެ. ކުއްލިއަކަށް ހުރިހާ އަޅުކަން ކުރަން ފަށަންޖެހޭނެ ކަމަށް ނުވިސްނާށެވެ. 

ކުރިން ދީނަށް ޢަމަލުނުކުރާ މީހަކު ތައުބާވެ ފުރަތަމަ ކަމަކަށް ފަރުޟު 5 ނަމާދުކުރަން ފެށިނަމަވެސް އެކަން ބަލައިގަންނާށެވެ. އެއީވެސް ވަރަށް ބޮޑުކަމެއް ކަމަށް ޤަބޫލުކޮށް އޭނާއަށް ތަޢްރީފްކުރާށެވެ. ހިތްވަރުދޭށެވެ. މާޔޫސްވެދާނެ ފަދަ ބަހެއްވެސް ނުބުނާށެވެ. 

ބައެއް ޢާއިލާތަކުގައިވެސް މިމައްސަލަ ކުރިމަތިވެއެވެ. ދަރިން ނަމާދުނުކޮށް އެތައް ދުވަހެއް ވަންދެން އުޅެފައި ނަމާދުކުރަން ފެށުމުން އެވަރު މަދުވެގެން އެބަ ޝަކުވާކުރެވެއެވެ. ގިނަ ފަހަރަށް އޭނާ ނަމާދުނުކޮށް އެހައި ގިނަ ދުވަހު އުޅުނުއިރު އެކަމަށް އޮންނަނީ އަޅައިވެސް ނުލެވިފައެވެ. އެއިރު ކަންބޮޑުނުވެފައި އޭނާ ނަމާދުކުރަން ފެށުމުން ދެން ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ ދެން އޮތީ ހިތްވަރުދިނުމެވެ. 

ތަކުރާރުކޮށްލާނަމެވެ. އެއްވެސް މީހަކު ކުރިއަށްވުރެ ބޮޑަށް ދީނަށް ޢަމަލުކުރަން ފަށައިފިނަމަ އެމީހެއްގެ ހިތްވަރު އެލޭފަދަ ބަހެއްވެސް ބުނެގެންނުވާނެއެވެ. އޮތީ ހިތްވަރުދިނުމެވެ. ފުރަތަމަ ހިތްވަރުދޭންވީ ފަރުޟު ފަސްނަމާދުކުރުމަށެވެ. ދެން ރަވާތިބް ސުންނަތް ކުރުމަށެވެ. ދެން ރޭއަޅުކަން ކުރުމަށެވެ. 

މިހުރިހާ ކަމަކީ ހަމަ ކުއްލިއަކަށް މީހަކަށް ކުރެވޭނެ ކަންކަން ކަމަށް ދެކެގެން ނުވާނެއެވެ. ކުރިންވެސް ބުނި ފަދައިން އަހުރެމެންގެ ތެރެއިން ގިނަ މީހުންނަކީވެސް އަބަދު އެކަންކަން ކުރެވެމުން އައި ބައެއް ނޫނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން