ފިރިމީހާދެކެ ލޯބިވާން ޖެހޭނީ ތިމާގެ ސަލާމަތަށް ބަލައިގެން!: ޔާސްމީން މުގާހިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ފިރިމީހާދެކެ ލޯބިވާން ޖެހޭނީ ތިމާގެ ސަލާމަތަށް ބަލައިގެން!: ޔާސްމީން މުގާހިދު

އަނބިންނަކީ ފިރިން ދެކެ ލޯބިވާންޖެހޭ ބައެކެވެ. ޒަވާޖީ ހަޔާތް ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނީވެސް ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވީ މިންވަރަކުންނެވެ. އެހެންކަމާއިއެކުގައިވެސް ވިސްނައިލަން ޖެހޭ ކަމެއް އެބައޮތެވެ. 

އެއީ އަނބިން ފިރިން ދެކެ ލޯބިވުމުގައި އިމެއް ގެންގުޅެން ދީނުގައި އެބައޮތްކަމެވެ. ތިމާގެ މުޅި ހިތް ފިރިމީހާއަށް ދިނުމެއް ނެތެވެ. މުޅި ހިތް ދޭންޖެހެނީވެސް އެންމެ ބޮޑަށް ލޯބިވާންޖެހެނީވެސް ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ.

އަންހެނުންނަކީ މީހަކަށް ހިތްދީފިނަމަ އެކަމުން ސަލާމަތްނުވެވިގެން އުޅެންޖެހޭ ބައެކެވެ. އެކަމުން ލިބޭ ހިތާމައިން ސަލާމަތްނުވެވި ބަލިޙާލުގައި އުޅެންޖެހޭ ބައެކެވެ. ފިރިހެނުންގެ ތެރެއިން މިފަދަ ގޮތެއް މެދުވެރިވާނީ ޙާލަކުން ފިރިހެނަކަށެވެ. މިކަންކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ.

ކޮންމެއަކަސް ދިރިއުޅުމުގެ ކަންކަން ބަލަންވާނީ އެއިރެއްގައި މުޖުތަމަޢުގައި ކަންކަން އޮންނަ މަގަކުންނެވެ. ކަންކަން ހިނގަމުންދާ ގޮތަކަށެވެ. އެގޮތުން ވިސްނާއިރު ތަނަވަސްކަން ހުންނަ ގިނަފިރިން ބޭނުންވާނީ އެމީހުންގެ އަނބިންނަކީ ޣޭގައި ތިބޭ ބައަކަށް ވުމަށެވެ. ގެވެހި ބައަކަށްވުމަށެވެ.

އެކަމަކު ކަންކަން ވެގެންދަނީ ކިހިނަކުން ހެއްޔެވެ؟ އަނބިމީހާ ގެވެހިކުރުވައި ގޭގައި ބައިންދާފައި ތިމާމެން ބޭރަށް ނުކުމެ ދުވަނީ ކޮންބައެއްގެ ފަހަތުން ހެއްޔެވެ؟ ގޭގައި މަޑުނުވެ އެންމެންގެ ފަހަތުން ދުވާ އަނހެނުންގެ ފަހަތުންނެވެ.

ވީމާ އަނބިންނަށް މިއަދު ތިބެންޖެހިފައިމިވަނީ މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ކޮންމެ ވަޤުތަކުވެސް "ބެކްފަޔަރ" ކޮސްފާނެ ކަމަށް ވިސްނައިގެންނެވެ. އެފަދަ ޙާލަތަކަށްދާއިރު ހިތް އޮތީ އެކުގައި ފިރިމީހާއަށް ދެވިފައިކަމަށް ވެއްޖެނަމަ އެއަންހެނަކަށް ޖެހެނީ މުޅި ޢުމުރަށް ކަރުނައަޅާށެވެ. ބައެއް އަންހެނުންނަށް ދެވަނަ ދިރިއުޅުމެއް ފެށުމުގެ ހިތްވަރުވެސް އޮންނަނީ ނުލިބިފައެވެ. ދެވަނަ ދިރިއުޅުމެއް ފެށިނަމަވެސް ދިރިއުޅެނީ ދިރިހުރި ޤަބުރެއް ފަދައިންނެވެ.

މިޙާލަތުން ސަލާމަތްވެ ތިބެވޭނެ ހަމައެކަނި ގޮތަކީ ހިތް އެކުގައި ﷲ ތަޢާލާއަށް ދީގެން ފިރިމީހާ އާއިއެކު ދިރިއުޅެން މަސައްކަތްކުރުމެވެ. އެއިރުން ފިރިމީހާ ދެކެވެސް ލޯބިވެވޭނެއެވެ. ފިރިމީހާއަށް ވަފާތެރިވެސްވެވޭނެއެވެ. ކިޔަމަންތެރިވެސް ވެވޭނެއެވެ. ސަބަބަކީ އެކަންކަމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމުގައިވާތީއެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމަށް އަބަދުވެސް ލޯބިކުރެވޭނެތީއެވެ.

- ޔާސްމީން މުގާހިދުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން