މިއީ ހަމަ ގިނަގިނައިން ހަނދާންކުރަންޖެހޭނެ ކަމެކެވެ. އެހެންކަމުން އެންމެ ހެޔޮކަން ބޮޑު، ﷲ ތަޢާލާއަށް ފުރިހަމައަށް ލޯބިވާ އަދި ދަރީންދެކެ ޙަޤީޤީ ލޯބިވާ މައިންނަކީ ކޮބައިކަން ބަޔާންކުރައްވައި ޝައިޚް އާދަމް ނިޝާން ޢަލީ ވިދާޅުވެފައިވާ ބަސްފުޅެއްގެ ހަނދާން އައުކޮށްލާނަމެވެ.
ޝައިޚް އާދަމް ނިޝާން ވިދާޅުވެފައިވަނީ "ﷲ އަށް ފުރިހަމައަށް ލޯބިވާ އަދި ދަރީންދެކެ ޙަޤީޤީ ލޯބިވާ މައިންނަކީ މިސްކިތަށް ދަރިން ނަމާދަށް ގެންދާ މައިން" ކަމަށެވެ. ޚާއްޞަކޮށް ފަތިސް ނަމާދުގެ ޖަމާއަތުން ދުވަސް ފަށަން ދަރިންނަށް ދަސްކޮށްދީ ތަރުބިއްޔަތުކުރާ މައިން ކަމަށެވެ.
ޝައިޚް އާދަމް ނިޝާން މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ ޢުމުރުން ނުވައެއް، ދިހައެއް ވަރަކަށް އަހަރުގެ ކުޑަކުއްޖަކު ގޮވައިގެން އެކުއްޖާގެ މަންމަ މިސްކިތަށް ގޮސް އެކުއްޖާ ފަތިސް ނަމާދުގެ ޖަމާޢަތަށް މިސްކިތަށް އެރުވުމަށް ފަހު އެނބުރި ދިއަ މަންޒަރު ފެނިވަޑައިގަތުމުންނެވެ. "އެމަންޒަރަކީ ވަރަށް އުފާވެރި މަންޒަރެއް ކަމަށް ވިދާޅުވެ އެ ކުއްޖާގެ މަންމައަށް ޝައިޚް އާދަމް ނިޝާން ވަނީ ތަޢްރީފް ކުރައްވައިފައެވެ.
الحمد لله... މިރޭ ފަތިސް ނަމާދަށް ދިޔައިރު ފެނުނު ވަރަށްވެސް އުފާވެރި މަންޒަރެކެވެ."
ޝައިޚް އާދަމް ނިޝާން ވިދާޅުވީ "އާޚިރަތުގެ މަތިން ހަނދާން ނައްތާލާ، ދަރިންނަށް ހަމައެކަނި ދުނިޔެ ހޯދައިދިނުމަށް މަސައްކަތް ކުރާ މީހުންގެ ބަދަލުގައި އެންމެ ފުރަތަމަވެސް އާޚިރަތަށްޓަކައި ތިމާގެ ދަރިން ތަރުބިއްޔަތުކޮށް ބަލާ ބޮޑުކުރާ މަޔަކަށްވުރެ، މިބިންމަތީގައި ވަކިން ހެޔޮކަން ބޮޑުވެގެންވާ މަޔަކީ ފަހެ ކޮބައި ހެއްޔެވެ؟ ސްކޫލްތަކުގެ ބަންދަށް ފަހު ކިޔެވުން ފެށޭ ފުރަތަމަ ދުވަހުވެސް އެންމެ އިސްކަމެއް އެދިނީ ފަތިސް ނަމާދަށް، މިސްކިތުގެ ޖަމާޢަތަށް ދަރިފުޅު ގެނައުމަށެވެ."
ޝައިޚް އާދަމް ނިޝާން ވަނީ އެ ތަޤްވާވެރި، ދަރިން ދެކެ ޙަޤީޤީ ލޯބިވާ މަންމައާށާއި އޭނާގެ ދަރިންނަށްޓަކައި ހެޔޮ ދުޢާ ކޮށްދެއްވައިފައެވެ. އެފަދަ މައިންނަށާއި އެފަދަ ކުދިންނަށްޓަކައި އަޅުގަނޑުމެންވެސް މިފަދައިން ދުޢާ ކުރަމާތޯއެވެ.!
اللهم بارك لها واجعل أولادها من مقيمي الصلاة واجعلهم قرة عين لها.
ޔާ ﷲ! އެއަންހެނާއަށް ބަރަކާތް ލައްވާ އޭނާގެ ދަރީންނަކީ ނަމާދު ޤާއިމްކުރާ ބައެއްކަމުގައި ލައްވާ، އެކުދިންނަކީ އޭނާގެ ލޮލުގެ ފިނިކަންކަމުގައި ލައްވާންދޭވެ
آمين يا رب العالمين
ޝައިޚް އާދަމް ނިޝާންގެ ބަސްފުޅުތައް މިއަދުނޫހުން ތަކުރާރުކޮށްމިލީ އެބަސްފުޅުތަކުގެ މުހިންމުކަން ބޮޑުކަމުންނެވެ. ފަތިސް ނަމާދުގެ ބަންގިއަށް ސަމާލުކަން ނުދީ ސްކޫލަށް ގަޑިއަށް ގެންދަން ސަމާލުކަންދިނުމަކީ ދަރިންދެކެ ޙަޤީޤީ ލޯބިވުންކަމުގައި ނުވާތީއެވެ. އަދި އެއީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ޢަމަލުކުރާ މީހަކު ކަންތައް ކުރާނެ ގޮތް ކަމުގައިވެސް ނުވާތީއެވެ.