ގެއަށް އެންމެ ބޮޑަށް ގެއްލުން ލިބެނީ އަލިފާނުގެ ހުޅަކުން ނޫން- ޙަސަދައިގެ ހުޅުން!: ޔާސްމީން މުޤާހިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ގެއަށް އެންމެ ބޮޑަށް ގެއްލުން ލިބެނީ އަލިފާނުގެ ހުޅަކުން ނޫން- ޙަސަދައިގެ ހުޅުން!: ޔާސްމީން މުޤާހިދު

ގޭގައި އަލިފާން ރޯވެ އަނދަނީއެވެ. އެޙާލަތުގައި އަލިފާން ނިއްވާލަން މަސައްކަތް ނުކޮށް އަތް އުރާލައިގެން ތިބުމަކީ ކެތްތެރިވުންކަމަކަށް ނުވާނެއެވެ. އަދި ނިއްވައި ލެވެން ނެތްނަމަ ވީހައި އަވަހަކަށް ގެއިން ނުކުމެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ނުކޮށް ގޭގައި މަޑުކޮށްގެން ތިބުމަކީވެސް ކެތްތެރިވުން ކަމަކަށް ނުވާނެއެވެ. 

ހަމަޤައިމުވެސް ބުއްދި ސަލާމަތުން ހުރި މީހަކު ނަމަ އަވަސްވެގަންނާނީ އެޅެން އޮތް ފިޔަޥަޅު އެޅުމަށެވެ. އެގޮތުން ނިއްވާލަން މަސައްކަތްކުރުން ނުވަތަ ގެއިން އަވަހަށް ނުކުންނަން މަސައްކަތްކުރާނެއެވެ. ތިމާގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކޮށެއް ނުލާނެއެވެ. 

ގޭގައި އަލިފާން ރޯވުމަކީ ހަމައެކަނި ހުޅުހިފުމެއް ނޫނެވެ. އެއަސްވުރެ މާނުރައްކައުތެރި އަލިފާނެއްވެއެވެ. އެއީ ފިތުނައިގެ އަލިފާނެވެ. ޙަސަދައިގެ އަލިފާނެވެ. މިފަދަ އަލިފާނަށް މާބޮޑަށް ބިރުވެތިވާންޖެހޭނެއެވެ.

އެހެނީ ހުޅުރޯވެ އަނދާނީ ނުވަތަ ފިހޭނީ އެނގިގެންނެވެ. ޙަސަދައިގެ އަލިފާނުން އަނދައިގެންދާއިރު ގިނަ ފަހަރަށް އެކަން ކުރިމަތިވަނީ ނުވެސް އެނގިހުއްޓައެވެ. ޙަސަދައިގެ އަލިފާން އަނދަނީ އަނެކާގެ ހިތުގައެވެ. އެއިގެ ހޫނުކަން އަނެކާއަށް ފޯރަނީ އޭނާއަށް ނުވެސް އެނގިހުއްޓައެވެ. 

ކޮންމެއަކަސް ގޭތެރޭގައި ޙަސަދަވެރިކަން އުފެދިއްޖެނަމަ އެގެއެއްގައި އަބަދުވެސް އޮންނާނީ ފިތުނަވެރިކަމެވެ. ރުޅިވެރިކަމާއި ނަފްރަތެވެ. އެކަންކަމުގެ ސަބަބުން މުޅި ގެއަށް (ގޭގައި އުޅޭ އެންމެންނަށް) އަސަރުކުރާނެއެވެ. 

ވީމާ ފުރަތަމަ މަސައްކަތްކުރަންވީ ޙަސަދަވެރިކަން ނައްތައިލެވޭތޯއެވެ. އެކަން ނުކުރެވިއްޖެނަމަ އޮތީ އެގެއެއް ދޫކޮށް ދެވެންއޮތްނަމަ ގެއިން ނުކުމެގެން ދިއުމެވެ. އެހެން ނޫންނަމަ އަބަދުވެސް އުޅެންޖެހޭނީ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައެވެ. 

ގެއެއްގައި ޙަސަދައިގެ އަލިފާން ރޯވެއްޖެނަމަ އެގެއަކަށް މައްސަލަތައް ކުރިމަތިވާނެއެވެ. ޝައިޠޯނުން ހާލިހަދާނެއެވެ. ރިޒުޤް ދަތިވާނެއެވެ. އެކަމުން އެންމެންނަށް ދާނީ ގެއްލުން ލިބެމުންނެވެ. ދީނުގައި އެކަކު އަނެކަކަށް ޙަސަދަ ނުލައި ހިތް ޠޯހިރުކޮށްގެން އުޅެން އޮތީ މިފަދަ އެތައް ސަބަބުތަކަށްޓަކައެވެ. 

- ޔާސްމީން މުޤާހިދުގެ ދަރުސަކުން

މިއަދު އޮންލައިން