ސަމާސައަށްވިޔަސް މީހަކު ދެރަކޮށްލައި ހިތުގަ ޖެއްސުވުމަކީ ކުރެވޭ ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ސަމާސައަށްވިޔަސް މީހަކު ދެރަކޮށްލައި ހިތުގަ ޖެއްސުވުމަކީ ކުރެވޭ ބޮޑު ފާފައެއް!

މީސްތަކުންނޭވެ! އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ކަމެއް ނުކުރާށެވެ! އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ނުދޭށެވެ. ދުވަސް އެބައައުދެއެވެ. އެދުވަހަކީ ތިބާ އެހެން މީހުންނަށް ަކންތައް ކުރި ގޮތަށް ތިބާ އާއިމެދު ކަންތައް ކުރެވިގެންދާނެ ދުވަހަށް ވެއްޖެނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ 

އަހުރެންގެ އުސްތާޛަކު އެއްދުވަހަކު ވިދާޅުވިއެވެ. ސަމާސައަކަށް ހަދާފައިވެސް މީހަކު ދެރަކޮށްނުލާށެވެ. މީހެއްގެ ހިތުގައި ޖެހިދާނެފަދަ ބަހެއް  ނުބުނާށެވެ. އެންމެންނަކީ އެއްވަރަކަށް ކަންކަން ޙަޖަމްކުރުމުގެ ބާރު ލިބިގެން ތިބޭ ބައެއް ނޫނެވެ. ބުނެވޭ ވަރަށް ކުޑަކުޑަ ބަހަކާއި ގުޅިގެންވެސް ވަރަށް ބޮޑަށް ހިތުގައި ޖެހޭނެ މީހުން ތިބޭނެއެވެ. އެކަމަށްވެސް ޤިޔާމަތް ދުވަހު ބަދަލުދޭންޖެހޭނެއެވެ. 

ޚާއްޞަކޮށް މީހުންގެ ނިކަމެތިކަން ބަޔާން ނުކުރާށެވެ. އެންމެ ދެރަ ނިކަމެތި މީހާވެސް ހުރިހާ ނިޢުމަތްތަކެއްވެސް ބޭނުންވާނެއެވެ. އެހެނަސް ﷲ ތަޢާލާ އެކިމީހުންނަށް ނިޢުމަތް ދެއްވަވަނީ އެކިވަރަށެވެ. އަދި އެންމެންނަށް ހުރިހާ ނިޢުމަތްތަކެއްވެސް ނުދެއްވަވަތެވެ. މިޘާލަކަށް ވަރަށް ތަނަވަސް މީހަކަށްވެދާނެއެވެ. ނަމަވެސް އޭނާއަކީ ވަރަށް ބަލިމީހަކަށްވެދާނެއެވެ. 

އަދިކީއްހެއްޔެވެ؟ ﷲ ތަޢަލާގެ ޙަޟްރަތުގައި މީހާގެ ދަރަޖަ އުފުލިގެންދަނީ އޭނާއަށް ދެއްވެވި ނިޢުމަތްތަކާއި ދަރަޖައިގެ ބޮޑުކަމަކުން ނޫނެވެ. އޭނާގެ ތަޤްވާވެރިކަމުންނެވެ. ވީމާ ކިތަންމެ ދެރަ މީހަކު ކަމަށް އަހުރެމެންނަށް ޤަބޫލުކުރެވޭ މީހާއަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ އުފުލިގެންވާ މީހަކަށްވެދާނެއެވެ. އެއްވެސް މީހަކީ ދެރަ ނިކަމެތި މީހެއްކަމުގައި ހީކޮށް އެމީހާގެ ހިތުގައި ޖެއްސުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު ފާފަތަކުގެ ތެރެއިން ފާފައެކެވެ. ވީމާ އެއްވެސް މީހެއްގެ ހިތުގައި ޖެހިދާނެ ފަދަ ކަމެއް ނުކުރުމުގެ އިތުރުން އެފަދަ ބަހެއްވެސް ނުބުނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން