ހުދުހެދުމުގަ ހުރި މީހާ ދިން މެސެޖް: ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް ބަލައި ތައްޔާރުނުވާ ކޮންމެ މީހަކަށް ޚާއްޞަ މެސެޖެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ހުދުހެދުމުގަ ހުރި މީހާ ދިން މެސެޖް: ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަމަށް ބަލައި ތައްޔާރުނުވާ  ކޮންމެ މީހަކަށް ޚާއްޞަ މެސެޖެއް!

އޭނާއަކީ ވަރަށް ހެޔޮލަފާ މީހެކެވެ. އަޅުވެރި ތަޤްވާވެރިއެކެވެ. ދީލަތިވެސް މީހެކެވެ. ނަމަވެސް އޭނާގެ ކިބައިގައި ބަލިފައެއް ވެއެވެ. އެއީ އެކުވެރިންނާއިއެކު ވަޤުތުތައް ބޭކާރުކުރުމެވެ.

އެއްރެއެކެވެ. ކުޑަކޮށް ވިއްސާރަވެސް ރެއެކެވެ. ޢިޝާ ނަމާދުން ފައިބައިގެން ގޮސް ކައިހަދައިގެން އެކުވެރިންގާތަށްދާން ގެއިން ނުކުތްތަނާ ގޯތި ތެރެއިން ހުދުހެދުމެއްގައި ހުރި މީހަކާއި ބައްދަލުވިއެވެ. އޭނާ ބުނީ އޭނާއަކީ މަރުގެ މަލާއިކަތާކަމަށެވެ. ބޭނުމަކީ ފުރާނަ ހިފުން ކަމަށެވެ.

އޭނާ ވަރަށް އާދޭސްކޮށްފައި ދެންނެވިއެވެ. "އަޅުގަނޑަށް ވަޤުތުކޮޅެއް ދެއްވާށެވެ! ނުކުރެވިހުރި ކަންކަން ވަރަށް ގިނައެވެ." ޖަވާބުގައި އެމީހާ ބުނީ މިރޭ 12 ޖަހާއިރި އެނބުރި އަންނާނެ ކަމަށެވެ.

އެ ހިސާބުން ބޭރަށް ދިއުން ހުއްޓާލާފައި ގެއަށް ވަދެ ޢާއިލާ އާއިއެކު ވަޤުތު ހޭދަކުރިއެވެ. އަޅުކަންކުރިއެވެ. ކުރަންހުރި ވަޞިއްޔަތްތައްވެސް އަނބިމީހާ އަށާއި ދަރިންނަށްކުރިއެވެ. ނަމަވެސް ކީއްވެގެންކަން އޮތީ ސިއްރުކޮށްފައެވެ.

ބާރަޖަހަން ގާތްވުމުން ގޯތިތެރެއަށް ނުކުމެ ގޮނޑިއެއްގައި އޮށޯވެލިއެވެ. އަދި އުޑުމައްޗަށް ބަލަން އޮވެ ބުނެވުނެވެ. "މަރަށް ތައްޔާރުވާން އެކަށީގެންވާވަރާއި ގާތަކަށްވެސް މަސައްކަތެއް ނުކުރެވުނެވެ. ކުރެވުނީ ވަރަށް މަދު އަޅުކަމެކެވެ. ޞަދަޤާތް ކުރެވިފައިވީވެސް ވަރަށް މަދުންނެވެ. ނަމަވެސް ދެން ކުރާނެ ކަމެއް ނެތެވެ. އޮތީ ހެޔޮރަޙްމަތް ލެއްވެވުން އެދި ދުޢާކުރުންތާއެވެ."

އެވަގުތު ޕްރައިވެޓް ނަމްބަރަކުން ފޯނުކޯލެއް އައެވެ. ޖަވާބުދިނުމުން ބުންޏެވެ. "ރަޙްމަތްތެރިޔާއެވެ. ތިބާ އަދި މިވަގުތު މަރުނުވެދާނެއެވެ. ތިބާއާއި ބައްދަލުކުރީ މަލަކުލްމައުތެއް ނޫނެވެ. އަހަރެންނެވެ. އަހަރެންގެ މަޤްޞަދު ޙާޞިލުކުރެވިއްޖެއެވެ. ތިބާއަށް އެއްޗެއް ވިސްނައިދެވިއްޖެއެވެ. ދެންވެސް އުޅުން އިޞްލާޙްކޮށްލާށެވެ. ތަޤްވާވެރިކަން އިތުރުކުރާށެވެ. އަޅުކަންކުރުން ގިނަކުރާށެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ. މަލަކުލްމައުތު ތިބާއާއި ބައްދަލުކޮށް ފުރާނަ ހިއްޕަވާނީ ކޮންއިރަކުކަމެއް ނޭނގޭނެއެވެ. އެއީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫނެވެ. މަލަކުލްމައުތު ވަޑައިގެންފިނަމަ ތިބާ ރޮއި އާދޭސްކުރިޔަސް އިތުރު ފުރުޞަތެއްވެސް ނުދެއްވަވާނެއެވެ. ވީމާ އަގުހުރި ވަގުތުތައް ތިއަގޮތަށް ބޭކާރުކޮށްނުލައި މިރޭ ފަދައިން ޢާއިލާ އާއިއެކުގައި ވަޤުތުހޭދަކުރާށެވެ! ވީހައިގިނައިން ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރާށެވެ." އެހެން ބުނެފައި ފޯނުި ކަނޑާލައިފިއެވެ.

ޙަޤީޤަތުގައި މިއީ އޭނާގެ އެކުވެރިއަކު އޭނާ އިޞްލާޙްކުރަން ދިން ވަރަށް މުހިންމު ފިލާވަޅެކެވެ. ހަމައެކަނި އޭނާއަކަށް ނޫނެވެ. އަހަރެމެން އެންމެންނަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން