ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ މީހަކުކަން ޢަމަލުން ދައްކަން ބޭނުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ މީހަކުކަން ޢަމަލުން ދައްކަން ބޭނުން ހެއްޔެވެ؟

ﷲ ތަޢާލާގެ ޙަޟްރަތަށް ފުރިހަމަ ގޮތުގައި ލޯބިވާ މީހަކު ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެގަންނާނެއެވެ. އެހެން މީހުންނަށްވުރެ ކުރިން އެޢަމަލެއް ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާނެއެވެ.

"އޭ މޫސާގެފާނެވެ! ކަލޭގެފާނުގެ ޤައުމުގެމީހުންނަށްވުރެން އަވަސްވެވަޑައިގެން ވަޑައިގަންނަވަންޖެހުނީ ކީއްވެގެންތޯއެވެ؟"

"އެކަލޭގެފާނު ދެންނެވިއެވެ. އެއުރެން މިއަޅާގެ ފަހަތުން އެބައާދެތެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޙަޟްރަތަށް އައުމަށް ތިމަންއަޅާ އަވަސްވެގަތީ، އިބަރަސްކަލާނގެ (މިއަޅާއަށް) ރުއްސެވުން އިތުރުވުމަށްޓަކައެވެ."

(ޠާހާ: 83. 84) 

މިއީ މިކަންތައް މެދުވެރިވާނެ ގޮތެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ފުރިހަމަ ގޮތުގައި ލޯބިވެވިއްޖެނަމަ އެންމެ ބޮޑު އިސްކަމެއް ދެވޭނީ ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވާނެ ގޮތަށް މަސައްކަތްކުރުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ތިމާއަށް އިތުރުވާނެ ގޮތަށް ކަންކަން ކުރުމަށެވެ. 

ވީމާ ފުރަތަމަ ކަމެއްގެ ގޮތުން އެމީހަކު ސަމާލުކަންދޭނީ ނަމާދަށެވެ. ނަމާދުކުރަން އަވަސްވެގަތުމަށެވެ. ކޮންމެ ނަމާދެއްގައިވެސް އެންމެ ކުރީ ސަފުން ޖާގަހޯދައި އިމާމް މީހާ އާއި ވީހައި ގާތުގައި ހުންނަން މަސައްކަތްކުރާނެއެވެ. 

ނަމާދަށް ކަންނެތްވެ ޖަމާޢަތަށް ފަރުވާކުޑަކުރެވޭނަމަ އެއިގެ މާނައަކީ އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބިކުޑަކަމެވެ. ސަމާލުކަން ކުޑަކަމެވެ. އެފަދަ މީހަކު ކަމުގައި ނުވާށެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ކުއްތަންވުމުގައި ކުރިއަރައިދާން އެހެން މީހުންނާއި ވާދަކުރާ މީހަކަށްވާށެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދާނީ ލިބެމުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން