ޢިބްރަތްތެރި ވާހަކަ: ދަރިންނަކީ ބައްޕަފަދަ އަނިޔާވެރި ބައަކަށްވުމުން ދަރިން ސަލާމަތްކުރަން މަންމަވީ ޤުރްބާނީން ޙާޞިލްވި ފޮނި ނަތީޖާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 56ސ
ޢިބްރަތްތެރި ވާހަކަ: ދަރިންނަކީ ބައްޕަފަދަ އަނިޔާވެރި ބައަކަށްވުމުން ދަރިން ސަލާމަތްކުރަން މަންމަވީ ޤުރްބާނީން ޙާޞިލްވި ފޮނި ނަތީޖާގެ ވާހަކަ-

ދަރިން ލިބުމުން ބައިވެރިޔާގެ ސަބަބުން ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވޭނެކަން ޔަޤީންވެއްޖެނަމަ ދަރިންނަށްޓަކައި ކައިވެނި ރޫޅައިލުމަކީ ކުރަންޖެހޭނެ ކަމެއްކަމަށް ޤަބޫލުކުރަންޖެހެއެވެ. 

ތަރުބިއްޔަތެއް ނުލިބި މަގުމަތީގައި ހޫރެމުންދާ ކުދިންގެ ޢަދަދު ގިނަވަމުން އަންނައިރު މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ ކަމަކަށްވާތީ މިގެނެސްދެނީ ދަރިންގެ ޙައްޤުގައި ކައިވެނި ރޫޅާލައި ދަރިން ތަރުބިއްޔަތުކުރަން މަސައްކަތްކުރި ހިތްވަރުގަދަ މަންމައެއްގެ ވާހަކައެވެ. 

އަޅުގަނޑުގެ ޢުމުރުން 28 އަހަރު ފުރުނުއިރު ކައިވެންޏަށް 8 އަހަރެވެ. 3 ދަރިން ތިއްބެވެ. ހިތާމައަކީ އަޅުގަނޑުގެ ފިރިމީހާއަކީ ނުވަތަ ދަރިންގެ ބައްޕައަކީ ދަރިންނަށް ލޯތްބެއް ކުލުނެއް ހުންނަ މީހަކު ނޫންކަމެވެ. ކުރާނީ ކުރާނެ ކަމެކެވެ. ބުނާނީ ބުނާނެ ބަހެކެވެ. ބައްޕަގެ ހިނިތުންވުން ފެނުނު ދަރިއަކު ހުންނާނެ ހެނެއް ހިއެއްވެސް ނުވެއެވެ. 

އަޅުގަނޑު ވިސްނަންފެށީމެވެ. ފިރިމީހާ އާއިއެކު ދިރިއުޅޭނަމަ ދަރިން ބޮޑެތިވާނެ ޙާލާއިމެދުގައެވެ. އެމީޙުންނަށް ނުލިބުނު ލޯބި އެމީހުންގެ ބައިވެރިޔާއަށް އަދި ދަރިން ލިބުމުން ދަރިންނަށް ނުދެވޭނެ ކަމާއިމެދުގައެވެ. ފިރިމީހާގެ މިޒާޖާއި އުޅުން ބަދަލުކުރަން އެތައް ހާސް ފަހަރު އާދޭސްކުރުމުންވެސް އައި ބަދަލެއް ނެތެވެ. 

އެތައްފަހަރަކު އަޅުގަނޑު ބުނީމެވެ. "ތިއަ އަންނަ ރުޅި އަހރެންނަށް ބާލާށެވެ! ދަރިންނަށް ހަރުކަށިނުވާށެވެ! އެކުދިންނަށް ހިނިތުންވާށެވެ. ލޯބިދޭށެވެ. އަޅައިލާށެވެ.!" މިފަދަ ވާހަކަތައް ދައްކާ ކޮންމެ ފަހަރަކު ވަރަށް ފަސޭހައިން އާނއެކެވެ ބުނެ އެއްބަސްވާނެއެވެ. ނަމަވެސް އަންނަ އެއްވެސް ކަމެއް ބަދަލެއް ނުކުރެއެވެ. 

ލަފާ އަހާ ކޮންމެ މީހަކުވެސް ބުނަނީ ދަރިންނަށް ބައްޕަގެ ލޯތްބާއި އަޅައިލުން އަދި އެހީތެރިކަން ވަރަށް މުހިންމުވާނެކަމަށެވެ. ދޮންބައްޕައެއްގެ ކިބައިން ލިބޭނީ އަނިޔާ ކަމަށެވެ. ވީމާ ދެމަފިރިން ވަކިވެގެން ނުވާނެކަމަށެވެ. މިއަޑު އަހައިއަހައި ކެތް ނުކުރެވުމުން އަމިއްލައަށް ގޮތެއް ނިންމީމެވެ. އެއީ " ދަރިންނަށް ބައްޕަގެ ލޯތްބާއި އަޅައިލުން އަދި އެހީތެރިކަން ވަރަށް މުހިންމުވާނެ" އިރު އެކަންކަން ނުލިބި ކުދިން ނަފްސާނީވުމުން ދަރިން ސަލާމަތްކުރުމަށެވެ. ދަރިން ދެކެ ލޯބިވާނެ ދޮންބައްޕައަކު ލިބެންދެން ހިތްވަރުކުރުމަށެވެ. ނުލިބިއްޖެނަމަ އެކަނިވެރި މައެއްގެ ގޮތުގައި ޙަޔާތް ހޭދަކުރުމަށެވެ. 

ކޮންމެއަކަސް އަޅުގަނޑު ވަރިވީމެވެ. ގެއަކީ އަޅުގަނޑުގެ މައިންބަފައިންގެ ގެކަމަށްވުމުން ނުކުންނަން ޖެހުނީ އޭނާއެވެ. 

އަޅުގަނޑު އެހިސާބުން މަސައްކަތްފެށީ ފިރިއެއްގެ އެހީތެރިކަމާއި ނުލައި އަމިއްލަ ފައިމައްޗަށް ތެދުވާށެވެ! ކޭކު އެޅުމަކީ ދަސްވެފައިހުރި މަސައްކަތަކަށްވުމުން ކޭކުއަޅަންފެށީމެވެ. ފުރަތަމަ މާބޮޑު އިޝްތިހާރެއްވެސް ނުކުރަމެވެ. އަޅުގަނޑުގެ ފޭސްބުކް ސްޓޭޓަސްގައި ޖަހައިލީއެވެ.  

ނަޞީބު ވަރަށް ރަނގަޅެވެ. ފުރަތަމަ ދުވަހުވެސް ކޭކަކަށް އޯޑަރެއް ލިބުނެވެ. ރައްޓެއްސަކު ކުރި އޯޑަރެކެވެ. މަޑުމަޑުން އިތުރުވާން ފެށިއެވެ. ކޭކް ޑިޒައިންކުރުމަކީ ގިނަވަގުތު ބޭނުންވާ ކަމަކަށްވާތީ އެހީތެރިއަކުވެސް ހޯދަންޖެހުނެވެ. ދުވަސްކޮޅަކުން 2،3 ކުދިން ގެންގުޅެން ފެށީމެވެ. އެހިސާބުން ޚަރަދުތައް ކުރުމަށްފަހު އިތުރުވާ ފައިސާއިން އުފަލުގައި ދިރިއުޅެލެވޭނެވަރުވިއެވެ. 

އެއިރު އަޅުގަނޑު ލައްވައި ބައެއް ރެސްޓޯރަންޓްތަކުންވެސް ކޭކު އަޅުވައެވެ. އެގޮތުން އަޅުގަނޑު ލައްވައި ކޭކު އަޅުވާ ރެސްޓޯރަންޓެއްގެ ވެރިމީހާ އާއި އަޅުގަނޑާއި ދެމެދު ގާތްގުޅުމެއް އުފެދުނެވެ. އޭނާއަކީ 2 ދަރިންގެ ބައްޕައެވެ. އަނބިމީހާ ވަނީ ވަރިވެގެން ގޮސްފައެވެ. އަޅުގަނޑު ހުށަހެޅީ އެންމެ ޝަރުޠެކެވެ. "ބޭނުންވަނީ 3 ދަރިންނަށް ބައްޕައެއްގެ ލޯބި ދޭނެ މީހަކު ކަމަށެވެ." 

އޭނާ އެ ޝަރުޠު ޤަބޫލުކުރުމުން ކައިވެނިކުރީމެވެ. އޭނާވީ ޖަވާހިރެއް ފަދަ ފިރިއަކަށެވެ. އޭނާއަކީ ރެސްޓޯރަންޓެއް ހިންގިނަމަވެސް ގޮސް އެތަނުގައި މަސައްކަތްކުރާ މީހެއް ނޫނެވެ. ބާޒާރުކުރުމާއި އެހެންވެސް ބައެއް ކަންކަން ކޮށްފައި އައިސް އުޅެނީ ގޭގައެވެ. ގިނަ ވަގުތު ހޭދަކުރަނީ ފަސްދަރިންނާއިއެކުގައެވެ. ދުވާލު އަޅުގަނޑު ވަގުތު ހުސްކުރިނަމަވެސް އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. އަޅުގަނޑަށް ސަމާލުކަންދެނީ ރޭގަނޑު ކުދިން ނިދުމުންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ މުހިންމީ ނަމެއްގައި ބައްޕައެއް ނޫނެވެ. ދަރިންނަށް ލޯބިދޭނެ މީހެކެވެ. ހަމަ މިބަސް މައިންނަށްވެސް ރައްދުކުރެވިދާނެއެވެ. ބޭނުންވަނީ ނަމެއްގައި މަންމައެއް ނޫނެވެ. ދަރިންނަށް ލޯބިދޭނެ އަންހެނެކެވެ. ހަމައެކަނި ނަމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

އަޅުގަނޑުގެ ތަޖުރިބާއިން މިކަންވަނީ ވަރަށް ބޮޑަށް ޔަޤީންކުރެވިފައެވެ. 3 ދަރިންގެ ބައްޕައާއިއެކުގައި އަޅުގަނޑު އުޅުނުނަމަ 3 ދަރިން ބޮޑުވީހީ އެއްވެސް މީހަކަށް ލޯތްބެއް ކުލުނެއް ނެތް ބައެއްގެ ގޮތުގައެވެ. އެކުދިން ކައިވެނިކުރާ މީހުންނަށްވެސް ލިބޭ ދަރިންނަށްވެސް ޖެހުނީހީ ލޯބި ނުލިބިގެން ރޯށެވެ. 

މިހާރު އަޅުގަނޑުގެ މާމަދަރިން އެބަތިއްބެވެ. ދަރިން ލިބުމުން ދަރިންނަށް ލޯބިދޭތަން ފެނުމުން ހިތަށް ލިބޭ އުފާވެރިކަން ބަޔާންވެސް ނުކުރެވޭނެއެވެ. މިއީ އަޅުގަނޑުގެ ތަޖުރިބާއެވެ. އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ހިނގައިދިއަ ގޮތެވެ. ހަމައެކަނި މައުލޫމާތަށްޓަކައި ހިއްޞާކޮށްލީއެވެ.

 

- މަރްޔަމް ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން