ސިޙުރުވެރިންދެކެ ބިރުގަނޭތަ؟ އަވަށުގެ އެންމެން ބިރުގަންނަވަމުން ދިއަ ސިހުރިވެރިއަކު ކުޑަކުދިންކޮޅެއްގެ މަޅީގަ ޖެހި އަވަށުން ފިލައިގެންދާންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 52ސ
ސިޙުރުވެރިންދެކެ ބިރުގަނޭތަ؟ އަވަށުގެ އެންމެން ބިރުގަންނަވަމުން ދިއަ ސިހުރިވެރިއަކު ކުޑަކުދިންކޮޅެއްގެ މަޅީގަ ޖެހި އަވަށުން ފިލައިގެންދާންޖެހުނު ގޮތުގެ ވާހަކަ-

މީހަކު ސިޙުރުވެރިއެއްގެ ގޮތުގަ މަޝްހޫރުވެއްޖެނަމަ އެމީހަކު ދެކެ ގިނަ ބައަކު ބިރުގަނެވެ. އޭނާ ބުނާހައި ކަމެއް ކުރެއެވެ. އަބަދުހެން ތިބެނީ އޭނާ ހަދައިފާނެ ސިޙުރަކަށް ބިރުންނެވެ. އެކަމުން ލިބިދާނެ ގެއްލުމަށެވެ. މިއީ ވަރަށް ދެރަކަމެކެވެ. މިއީ ވަރަށް ބޮޑަށް ހޭލުންތެރިކަން އިތުރުކުރަންޖެހިފައިވާ ކަމެކެވެ. އެހެންކަމުން މިގެނެސްދެނީ ސިޙުރުވެރިއަކާއި ގުޅުންހުރި ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.  

އެއީ އުމުރުން ދުވަސްވީ އަންހެނެކެވެ. އޭނާ ބުނާ ގޮތުން އެނާއަށް ޣައިބު އެނގެއެވެ. ވާންހުރި ކަންކަންވެސް އެނގެއެވެ. އަދި އޭނާއަށް ލިބިގެންވާ ރޫޙާނީ ބާރުގެ ސަބަބުން އެއްވެސް މީހަކަށް އޭނާއަށް ލަނޑެއް، ދެރައެއް ނުދެވޭނެއެވެ.  

ޙަޤީޤަތުގައި އޭނާއަކީ ސިހުރުވެރިއެކެވެ. ޖިންނިންނާއި ގުޅުން އޮންނާތީ ބައެއް ކަންކަން އޭނާއަށް އެނގެއެވެ. ޖިންނި ބުނެދޭތީއެވެ. އެހެންވެ އަވަށުގެ މީހުން އޭނާދެކެ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އޭނާ ބުނެފިނަމަ ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. ގޭގައި ފެންއަޅަން ބަހައްޓާފައި ހުންނަ ތާނގީވެސް ތަޅާލައިފާނެއެވެ. އެނދުގައި ނުނިދާ ބިންމަތީގައިވެސް ނިދައިފާނެއެވެ. މިފަދަ ހެއްވާ އެތައް ކަމެއް އަވަށުގެ މީހުން އޭނާ ބުނުމުން ކުރެއެވެ.  

ޢުމުރުން 12 އަހަރާ 15 އަހަރާ ދެމެދުގެ ކުދިންކޮޅަކަށް މިކަންކަން ވަރަށް ބޮޑުވިއެވެ. އަދި ސައްލާ ކޮށްފައި ގޮސް އޭނާ ނިދަން އޮއްވާ އެގެއަށް ހިކިމިރުސް ބަސްތާއެއް ވައްދާފައި އަލިފާން ރޯކޮށްލިއެވެ.  

ސިހުރުވެރިޔާއަށް ނޭވާ ހާސވެގެން ހޭލެވުނުއިރުވެސް ގަދައަށް ކޮށިއަރަނީއެވެ. ކިނބިހި އެޅެނީއެވެ.  ކެއްވަނީ ވަކިވަރަކަށް ނޫނެވެ. އެހާލުގައި ދުންތަކުތެރެއިން ގެއިން ނުކުމެ ވާހަކަ ދެއްކުނީވެސް ވަރަށް ގިނަ އިރުވީފަހުންނެވެ. އެއިރު އަވަށުގެ އެންމެންހެން ވަނީ އެގޭދޮށަށް ޖަމާވެފައެވެ.  

ސިހުރުވެރިޔާ ފުރަތަމަވެސް ބުނީ އެކަންކުރި ބައަކު ހޯދާނެކަމަށާއި އެބައަކަށް ދުނިޔޭގައި ނުއުޅެވޭނެ ވަރުގެ އަދަބެއް ދޭނެ ކަމަށެވެ.  

2،3 ދުވަސް ފާއިތުވުމުން ކުދިންތައް އެމީހުންގެ މައިންބަފައިންނާއި ސުވާލުކުރަން ފަށައިފިއެވެ.  

"އޭނާއަށް ޣައިބު އެނގޭނަމަ އެކަންކުރި ބައަކު އަދިވެސް ނޭނގިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ވާންހުރި ކަންކަން އެނގޭއިރު އެރޭ އެގޭގައި މިރުސްބަސްތާއެއްގައި ރޯކޮށްލާނެކަން އެނގި އެކަމުން ސަލާމަތްނުވީ ކީއްވެގެން ހެއްޔެވެ؟ އެކަންކުރި މީހުން ނޭނގިގެން އަދިވެސް އެއުޅެނީ އޭނާ ގެންގުޅޭ ޖިންނިތައް އެކަންކުރި ވަގުތު ނިދާފައި ތިބުމުން އެކަންކުރިތަން ނުފެންނާތީހެއްޔެވެ؟"  

މިސުވާލުތަކުގެ އަޑު އަވަށުގައި ވަރަށް ގަދަވެ އެންމެންހެން މިވާހަކަތައް ދައްކަން ފަށައިފިއެވެ. އެންމެފަހުން އެކަންކުރި ކުޑަކުދިންތައް ގޮސް ސިހުރުވެރިޔާ ގާތުގައި މިސުވާލުތައް ކުރަން ފަށައިފިއެވެ. އެކުދިން ބުނެއެވެ. "އަހަރެމެން މިސުވާލުކުރާތީ ހަދާ ސިހުރަކުން އަހަރެމެން މަރުވިނަމަވެސް އެއީ އެކަންކުރި ބައަކު ކަލެއަށް އެނގުނުކަން ސާބިތުކޮށްދެވޭނެ ހެއްކެއް ނޫނެވެ."  

ކޮންމެ ދުވަހަކު އިރުއަރާތަނުން އަވަށުގެ ހުރިހާ ކުޑަކުދިންގޮސް ސިހުރުވެރިޔާއަށް ފުރައްސާރަކުރަން ފެށުމުން އެންމެފަހުން ސިހުރުވެރިޔާ އަވަށް ދޫކޮށް ފިލައިގެން ދިއައީއެވެ.  

ސިހުރުވެރިންގެ ބަސް ޤަބޫލުކޮށް ޝަރީކުރާ މީހުންނަށް މިވާހަކައިގައި ޢިބްރަތެއްވެއެވެ. ފުންކޮށް ވިސްނައިލާށެވެ! އެއިރުން ޢިބްރަތް ޙާޞިލުކުރެވޭނެއެވެ.  

ސޯޝަލް މީޑިއާއިން މިވާހަކަ ފެނުމުން ހިތަށްވަނީ ހަމަ މިފުރަ މާލޭގައި ބޮކިއަލީގައި ދާދިފަހުން ލޯމަތީގައި ހިނގައިދިއަ ކަމެކެވެ. 6000 ރުފިޔާ ދީފައި ގަތް ގޮދަޑިއެއް ކޮންމެވެސް މީހަކު ބުނެގެން އަންދައިލީ ގަތްތާ މަހެއްވެސް ނުވަނީހެވެ. އަޅުގަނޑުގެ ސުވާލަކީ ގޮދަޑިއަށް ޖެހުނު ސިހުރު ގޮދަޑި ބާއްވާފައި އޮތް އެނދަށް ނުޖެހުނީ ކީއްވެގެންބާވައެވެ؟ އެނދު ބަހައްޓާފައި ހުރި ތަޅުންގަނޑަށް ނުޖެހުނީ ކީއްވެގެންބާވައެވެ؟   

- އިބްރާހީމް ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން