މިއަހަރުގެ ރަމަޟާން މަހުން ފެށިގެން ރަމަޟާން މަހުގެ ފަހުދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
މިކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކޭންޕޭނުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިކަން މިގޮތަށް ހަމަޖެއްސީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން އެކަން ފާސްކުރުމުންނެވެ.
މިގޮތަށް ހަމަޖެއްސި ނަމަވެސް ކޮންމެ ދުވަހަކު ޚިދުމަތްދޭންޖެހޭ ތަންތަނުން (މިހާރުވެސް ބަންދު ދުވަސްތަކުގައި ޚިދުމަތްދޭ އުޞޫލުން) ޑިޔުޓީ ކަނޑައަޅައިގެން ޚިދުމަތްދެމުން ގެންދާނެއެވެ. އެހެންކަމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ބަންދުދުވަސްތަކުގައި މިހާރުވެސް ދެމުން ގެންދާ އުޞޫލުން ދެމުން ގެންދާނެއެވެ.
މީގެ އިތުރުން ވަޒިރުންގެ މަޖިލީހުން މިއަދު ފާސްކުރި ކަންކަމުގެ ތެރޭގައި:
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ސިޔާސަތު ކަނޑައަޅުއްވާފައިވާ ތާވަލާ އެއްގޮތަށް ތަންފީޒުކުރައްވަން ފެށްޓެވުން
- މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަންގެ ނަމުގައި %100 ސަރުކާރު ޙިއްސާވާ ކުންފުންޏެއް އުފެއްދެވުން
- ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ޙައްޖުކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވުން
- ވައިޑް-ބޮޑީ އެއަރކްރާފްޓް ޚިދުމަތް އައިލެންޑް އޭވިއޭޝަނުން ފަށައިގަތުމަށް ބޭނުންވާނެ ފަންޑް ހަމަޖައްސަވައިދެއްވުން
- ރަމަޟާންމަހު ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައެޅުއްވުން