ޢިބްރަތްތެރި ވާހަކަ: ހެދި ޓެސްޓްތަކުން ކެންސަރު 3 ވަނަ ސްޓޭޖްގައި ހުރިކަން އެނގުމުން ޑޮކްޓަރު އަންތަރީސްކޮށްލި އީމާންކަން ވަރުގަދަ މީހާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޢިބްރަތްތެރި ވާހަކަ: ހެދި ޓެސްޓްތަކުން ކެންސަރު 3 ވަނަ ސްޓޭޖްގައި ހުރިކަން އެނގުމުން ޑޮކްޓަރު އަންތަރީސްކޮށްލި އީމާންކަން ވަރުގަދަ މީހާގެ ވާހަކަ-

އާދައިގެމަތިން ޑޮކްޓަރަށް ދެއްކި މީހެކެވެ. ޓެސްޓްތައް ހަދާފައި ޑޮކްޓަރު ދިއައީ ތުރުތުރު އަޅައިގެންނެވެ. އެއީ އޭނާގެ ހަށިގަނޑުގެ ބޭނުން އެއްވެސް ކަމެއް ފެންނަން ނެތްނަމަވެސް އޭނާއަށް ވަނީ ކެންސަރު ޖެހިފައެވެ. 1 ވަނަ ސްޓޭޖާއި 2 ވަނަ ސްޓޭޖް ފަހަނައަޅައިގޮސް 3 ވަނަ ސްތޭޖްގައެވެ.

ޑޮކްޓަރު އެހައި ބޮޑަށް ކަންބޮޑުވީ އޭނާގެ ގާތުގައި އެވާހަކަ ބުނާނެ ގޮތަކާއިމެދުގައެވެ. ބުނުމުން އޭނާއަށް ވެދާނެ ގޮތަކާއިމެދުގައެވެ. ނަމަވެސް ނުބުނެ ނުވާނެތީ ކެތްތެރިވާން ވަރަށް ނަޞޭޙަތްދީފައި އަދި އުންމީދު ކަނޑާނުލަންވެސް ނަޞޭޙަތްދީފައި ބަލިހުރި ގޮތުގެ ވާހަކަ ބުނެފިއެވެ. 

ހާސްވެ ކަންބޮޑުވުމުގެ ބަދަލުގައި ބަލިމީހާގެ މޫނުމަތިން ފެނުނީ ހިނިތުންވުމެވެ. އެހެންވެ ޑޮކްޓަރުގެ ކަންބޮޑުވުން އިތުރުވިއެވެ. ހީކުރީ އޭނާއަށް ޝޮކެއް ލިބި ވިސްނުމަށް ކަމެއް މެދުވެރިވީ ކަމަށެވެ. އެހެންވެ ހިނިތުންވި ސަބަބާއިމެދު ސުވާލުކުރުމުން ބަލިމީހާ ދިން ޖަވާބު އެނގޭހެއްޔެވެ؟ 

"ހިނިތުންވެވުނީ އުފަލުންނެވެ. އެއީ މަރުވުމަށް ތައްޔާރުވެލާނެ ވަޤުތުކޮޅެއް ލިބުނީތީއެވެ. (ކުރިއާލައި އެނގުނީތީއެވެ.) ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ ވަކި މުއްދަތަކަށެވެ. އެމުއްދަތުހަމަވުމުން އެއްވެސް ބައްޔެއް ނުޖެހުނަސް މަރުވާނެއެވެ. 

ދެން އޮތީ ބަލިން ގަދަވުމެވެ. ޝިފާ ލިބުމެވެ. އުންމީދުކަނޑާލައި ވެންޓިލޭޓަރަށްލާ ކިތައް މީހުން މަރުނުވެ ސަލާމަތްވެވި އެތައް އަހަރެއް ވަންދެން ދުނިޔޭގައި އެބައުޅޭ ހެއްޔެވެ؟ ވީމާ އަހުރެންނަށް ކެންސަރުޖެހި 4 ވަނަ ސްޓޭޖްގައި ހުއްޓަސް ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ ޝިފާ ދެއްވެވުމަކަށް އެއްވެސް ހުރަހެއް ނެތެވެ. ހުރަހެއް ނުވެސް އެޅޭނެއެވެ." 

ބަލިމީހާގެ ވާހަކަތައް އަޑުއިވުމުން ޑޮކްޓަރަށް ލިބުނު ޝޮކް ވަކިން ބޮޑުވިއެވެ. ސަބަބަކީ އެފަދަ ވިސްނުމުގެ މީހުންނާއި ބައްދަލުވެވިފައިހުރިލެއް މަދުކަމުންނެވެ. ކޮންމެއަކަސް އެޙާލަތުގައި ދެވެން  ހުރި ފަރުވާދޭން ފެށިއެވެ. ހީވެސް ނުކުރެވޭހައި އަވަހަށް ޝިފާވެސް ލިބުނެވެ. ބަލި އެކުގައި ފިލައިގެންގޮސް ބަލިން އޭނާ ސަލާމަތްވިއެވެ. 

މީސްތަކުންނޭވެ! ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! މިދުނިޔޭގައި ކާމިޔާބު ނުވެވެސް ހިނގައިދާނެއެވެ. އެހެނަސް ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުން ﷲ ތަޢާލާއަށް ވަކީލްކުރާ އަޅަކު މާޔޫސް ނުކުރައްވަވާނެތެވެ. ބަލީގައި މަރުވެއްޖެނަމަ އޭނާގެ ފުރާނަވާހުށީ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތުގައެވެ. އަދި ޤިޔާމަތް ދުވަހު އެމީހަކު ވާހުށީ އެންމެ އުފާކުރާނެ އަޅުންގެ ތެރޭގައެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން