ޢިބްރަތްތެރި ވާހަކަ: ފަޤީރުންނަށް އަޅާލައި އެހީތެރިވާ މީހަކަށްވުމުން ލެއްވެވި ބޮޑުރަޙްމަތުން ކުއްލިއަކަށް ބޮޑު މިލިއަނަރަކަށްވެވުނު ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
ޢިބްރަތްތެރި ވާހަކަ: ފަޤީރުންނަށް އަޅާލައި އެހީތެރިވާ މީހަކަށްވުމުން ލެއްވެވި ބޮޑުރަޙްމަތުން ކުއްލިއަކަށް ބޮޑު މިލިއަނަރަކަށްވެވުނު ޒުވާނެއްގެ ވާހަކަ-

ދުނިޔޭގެ ފެންވަރުގެ ފަޤީރުން ނެތްނަމަވެސް އަދި ފަޤީރުން މަދުނަމަވެސް ރާއްޖޭގައިވެސް ވަރަށް ފަޤީރު ޙާލުގައިވެސް މިޙުން އެބައުޅެއެވެ. އެފަދަ މީހަކު ކަމަކު އެދިއްޖެނަމަ ގިނަ ބައަކު އެހީތެރިވިނަމަވެސް ނުބައިބަސްބުނެ އެމީހާގެ ހިތުގައި ޖައްސުވާ މީހުންވެސް އުޅެއެވެ. 

ފަޤީރަކު ސަލާންޖަހައިފިނަމަ އޮތީ އެހީތެރިވުމެވެ. އެމީހާގެ ޢަމަލާއިމެދު ޝައްކު އުފެދިގެން އެހީތެރިނުވި ނަމަވެސް ނުބައިބަސްތައް ބުނުމެއް ނެތެވެ. ވެވުނު މިންވަރަކުން ފަޤީރުންނަށް އެހީތެރިވެދިނުމަކީ ވަރަށް ގިނަ ގޮތްގޮތުން ރަޙްމަތް ލައްވަވާ ކަމެކެވެ. ތިރީގައި އެވަނީ އެފަދަ ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެވެ. 

އޭނާއަކީ މިލިއަނަރެކެވެ. މެކްސިކޯގައި އެންމެ ފުޅައުދާއިރާއެއްގައި ރެސްޓޯރަންޓްތައް ހިންގާ އެއް ޗޭނުގެ ވެރިޔާއެވެ. އޭނާއަށް ކެންސަރުޖެހި ފަރުވާ ހޯދަމުން ދިއަ ދުވަސްތަކުގައި އެއްވެސް ރެސްޓޯރަންޓަކަށް ނުގޮސް ދުވަސްތަކެއް ހޭދަކޮށްލުމަށްފަހު އެއް ދުވަހަކު ފަޤީރެއްގެ ހެދުން އަޅައި ފަޤީރަކަށް ހެދިގެން ރެސްޓޯރަންޓަކަށް ދިއައެވެ. 

ނަމަވެސް އެތަނަކަށް އޭނާ ނުވެއްދިއެވެ. ހަޑިބަސްތައް ބުނެ ބޭރުކޮށްލީއެވެ. ދެވަނަ ރެސްޓޯރަންޓަށް ދިއުމުންވެސް ކަންތައްކުރީ ހަމަ އެފަދަ ގޮތަކަށެވެ. އެތަނުގެ ބޮޑު ކައްކާ އައިސް އޭނާ ދެންމެ އުކާލި ކާތަކެތި ކުނިވަށިގަނޑުގައި ހުންނާނެކަމަށާއި ހޮވައިގެން ކެއުން މާރަނގަޅުވާނެކަމަށްވެސް ބުންޏެވެ. 

އެބަސްތައް އަޑުއިވުމުން ވަރަށް އަސަރުކުރިއެވެ. މިފަދަ ބަސްތައް އެބުނަނީ ހަމަ އޭނާގެ މުވައްޒިފުންކަމަށްވުމުން ވަރަށް ދެރަވިއެވެ. 3 ވަނަ ރެސްޓޯރަންޓަށް ދިއުމުން ވެސް ކަންތައްކުރީ ހަމަ އެފަދަ ގޮތަކަށެވެ. 4 ވަނަ ރެސްޓޯރަންޓުގެ މެނޭޖަރު ވަރަށް ތަފާތެވެ. 

އެތަނުގައި ވަކިން މޭޒެއް ބަހައްޓައި އޭނާ ބޭނުންވާހައި އެއްޗެއް ކާން ދިނުމަށްފަހު ބިލްވެސް އަދާކުރީއޭނާއެވެ. އެހެންވެ އެ ޒުވާނާ އެގޮތަށް ކަންތައްކުރީ ކީއްވެގެންތޯ ސުވާލުކުރުމުން ޒުވާނާ ކިޔައިދިނެވެ. "އަހަރެންނަކީ ކުރިން ހަމަ މިވިޔަފާރި އަމިއްލައަށް ކުރި މީހެކެވެ. ވިޔަފާރި ބަނގުރޫޓްވުމުން ވަޒީފާއެއް ހޯދަން ހިނގަނިކޮށް މިތަނުން ވަޒީފާއެއް ލިބުނީއެވެ. އަހަރެން އަބަދުވެސް ފަޤީރުންނާއިމެދު ހަމްދަރުދީވަމެވެ. ފޯރުކޮށްދެވެން އޮންނަ އެހީތެރިކަމެއްވެސް ފޯރުކޮށްދެމެވެ." 

"ފަޤީރު" މީހާ އެތަނުން ނުކުތީ ޒުވާނާގެ ނަމާއި އިތުރު މައުލޫމާތު އޮޅުންފިލުވައިގެންނެވެ. އަނެއް ދުވަހު އޭނާ މައި އޮފީހަށް ގެންގޮސް ކުންފުނީގެ ސީއީއޯގެ މަޤާމް އޭނާއަށް ދިނެވެ. އަދި ދެން އޭނާ ތިއަ 3 ރެސްޓޯރަންޓުގެ ހުރިހާ މުވައްޒިފުން މަޤާމުން ވަކިކޮށް އަލުން މުވައްޒިފުން ވެއްދިއެވެ. 

މީގެ އިތުރުން މިލިއަނަރަކީ ދަރިއެއް ނެތް މީހަކަށްވާތީ އެ ޒުވާނާއަކީ އޭނާގެ ދަރިއެއްކަމުގައި ކަނޑައެޅިއެވެ. އެއްފަހަރުން ބޮޑު މިލިއަނަރަކަށްވެވުނީއެވެ. 

މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑު ކިޔާފައިވާ ވާހަކައެއްގެ ޚުލާޞާއެކެވެ. އަޅުގަނޑު މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިނާ ހިއްޞާ މިކުރީ ފަޤީރުން ފެނުމުން ކައިރިވާންވެސް ޖެހިލުންވާ މީހުން އަޅުގަނޑުމެންގެ ތެރޭގައިވެސް އެބަ އުޅެއެވެ. އޭނާއަށް ރުފިޔާއެއް ދިއްކޮށްލައިފިނަމަ ބައްޔެއް އަރައިފާނެ ކަމަށް ބިރުގަންނަ މީހުން އެބައުޅެއެވެ. އަދި ފަޤީރަކު ސަލާންޖަހައިފިނަމަ ނުބައި ބަސްތައް ބުނާ މީހުންވެސް އެބައުޅެއެވެ.

އަޅުގަނޑުގެ އާދޭހަކީ މިވާހަކައިން ޢިބްރަތް ޙާޞިލުކުރުމެވެ. ނިކަމެތިންނަށް އެހީތެރިވާށެވެ! އެކަމުގެ ފައިދާ ތިމާއަށް ކުރާނީ ކޮންފަދައަކުންކަން ނުވެސް އެނގޭނެއެވެ! ނުވެސް އެނގިހުއްޓައި ކޮންމެ ފަދަ ނިޢްމަތެއްވެސް ދެއްވަވައިފާނެއެވެ. ކިތަންމެ ބޮޑު ރަޙްމަތެއްވެސް ލައްވަވައިފާނެއެވެ. 

--އަމީނާ އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން