ޖޭޕީގެ ޑެޕިއުޓީ ލީޑަރު ނަހުލާ، މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފި

ކިޔުމަށް ހޭދަވާނީ 2މ 45ސ
ޖޭޕީގެ ޑެޕިއުޓީ ލީޑަރު ނަހުލާ، މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފި

މި އަހަރު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައީ ވާދަކުރައްވަން ނިންމަވާފައިވާކަން، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކުރީގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ އިއުލާނުކުރައްވައިފިއެވެ.

މިކަން ހާމަކުރައްވައި އެކަމަނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދެކުނުދާއިރާއަށް، ޖުމްހޫރީ ޕާޓީގެ ފަރާތުން މާތް ﷲ ގެ ވާގިފުޅާއިއެކު ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

އެހެންކަމުން، ދާއިރާގެ އެންމެހާ ލޮބުވެތި ރައްޔިތުން އެކަމަނާއަށް ތާއީދުކޮށް، ވޯޓު ދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

ކުރީގެ ވަޒީރު އަޢިޝަތު ނަހުލާ މަޖިލީހަށް ވާދަކުރައްވަން ނިންމެވިއިރު، އެކަމަނާ ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ 2018 ވަނަ އަހަރު އޭރުގެ ސަރުކާރުން އެކަމަނާގެ ފިރިކަލުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މާމިގިލި ދާއިރާ ތަމްސީލުކުރައްވާ މެމްބަރު އޮނަރަބަލް ޤާސިމް އިބްރާހިމްއާއި ދަރިކަލުން ސިޔާދު ގާސިމް ކުށެއްނެތި ޖަލައްލައި ކުރި އަނިޔާތަކާ ގުޅިގެންނެވެ.

އަދި އެކަމަނާ ވަނީ ރައީސް ސާލިހަށް ކެމްޕެއިން ކޮށްދެއްވުމަށް އެމަނިކުފާނާއެކު ގިނަ ރަށްތަކަށް ވަޑައިގެންނެވުމުގެ އިތުރުން، ގިނިކަންޏާވެސް ގިނަ ރަށްތަކަށް ވަޑައިގެން ކެމްޕެއިންކުރައްވާފައެވެ.

އެއަށްފަހު 2018 ވަނަ އަހަރު އުފެދުނު ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓްގައި ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ މިނިސްޓަރގެ މަޤާމް އެކަމަނާ އަދާކުރެއްވިއެވެ. އެކަމަނާއަކީ ރާއްޖޭގެ ތާރީހުގައިވެސް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާ ހިންގެވި ފުރަތަމަ އަންހެން ވަޒީރެވެ.

އަޢިޝާ ވަނީ އެތައް ދުވަހެއް ވަންދެން ވުޒާރާގެ މަސައްކަތް ހުއްޓިފައި ވަނިކޮށް ވުޒާރާއާއި ހަވާލުވެވަޑައިގެން އެތައް ހެޔޮބަދަލުތަކެއް ގެނެސްދެއްވާފައެވެ. އެގޮތުން ދާއިރާއާ ގުޅުންހުރި އެހެންނަމަވެސް އެހާތަނަށް ހުއްޓިފައިހުރި ގަވާއިދުތަކާއި ގާނޫނުތަކަށް އަމަލުކުރަން ފެށުމާއި، ވުޒާރާގެ ހުރިހާ ހިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖައްސަވައި، ޒަމާނުންސުރެއް ބޭނުންކުރަމުންއައި އޮފީސް އައު އިމާރާތަކަށް ބަދަލުކުރައްވާ ހިދުމަތްތައް ޑިޖިޓަލައިޒްކުރައްވާފައިވެއެވެ.

އަޢިޝާގެ ވަޒީރުކަމުގެ ގިޔާދަތުގެ ދަށުގައި ރައްޔިތުން ބަލައިގަތް އެތައް ހިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.

އަޢިޝާވަނީ 2023 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ފުރަތަމަ އަންހެން ޑެޕިއުޓީ ލީޑަރުކަމުގެ ފަހުރުވެރި މަގާމުވެސް ހޯއްދަވާފައެވެ. މީގެއިތުރުން އެކަމަނާއަކީ އިޖްތިމާއީ އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަބޭކަނބަލެކެވެ.

އެގޮތުން އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ) ގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދަވާ ޖަމިއްޔާގެ ފަރާތުން މުޖުތަމައުގެ ދުޅަހެޔޮކަމަށް އެތައް މަސައްކަތެއް އައީ ކޮށްދެއްވަމުންނެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަން އެކަމަނާ ނިންމެވީ، ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުންގެ އަޑުއުފުލައި ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދެއްވުމަށް ބޭނުންވާ މުހިންމު ހިދުމަތްތަކެއް ސަރުކާރާ ގުޅިގެން ގާނުނު ހަދާ މަޖިލީހުގެ ތެެރެއިން ކޮށްދިނުމަށްޓަކައެވެ. އަދި މި ގޮނޑި ކާމިޔާބުކުރުމަށް ދާއިރާގެ ރައްޔިތުންނާ ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުންދެއްވުމަށް އެކަމަނާވަނީ އެދިވަޑައިގެންފައެވެ.

 

ޚަބަރު: ވީނިއުސް

މިއަދު އޮންލައިން