އިންތިހާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ މައްސަލައެއް ނޫން ކަމަށާއި އެފަދަ ދަރަންޏެއް އޮތަސް އިންތިހާބުގައި ބައިވެރިވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެކްސް.ކޮމްގައި އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޕޯސްޓެއްގައެވެ.
"އިންތިހާބުތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ސާބިތު ދަރަންޏެއް އޮތުމަކީ މައްސަލައެއް ނޫން. މައްސަލައަކަށް ވާނީ، ސާބިތު ދަރަނީގެ ޙުކުމްގައި އޮންނަ މުއްދަތަށް، ޙުކުމާ އެއްގޮތަށް ފައިސާ ދައްކަވަމުން ނުގެންދަވާނަމަ،" ހަބީބުގެ އެކްސް ޕޯސްޓުގައި ވިސާޅުވެފައި ވެއެވެ.
ހަބީބް މިހެން ވިދާޅުވީ މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާ ބައެއް ކެނޑިޑޭޓުންގެ ސާބިތު ދަރަނި ހުރެގެން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދަނިކޮށެވެ.
އެގޮތުން އާޒިމާގެ މައްޗަށް ހަތަރު މިލިޔަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި ލޯން ސްކީމަކަށް ފައިސާ ނުދައްކާ އޮތުމުން އެ ބޭންކުން ވަނީ އާޒިމާގެ މައްޗަށް ދައުވާ ކޮށްފައެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަމުންދާތީވެ އާޒިމާ ވަނީ ރައްދު ޒުވާބުވެސް ދެއްވާފައެވެ.
އާޒިމާ ނުހަނު ސާބިތުކަމާއެކު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ހަރުދަނާކަމާއެކު ކެރިހުންނަވައިގެންނެވެ. އަދި ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭންކަށް ދައްކަން ސިވިލް ކޯޓަށް ކުރި ހުކުމާ ގުޅިގެން އޭނާ ކުރައްވާ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ ކަމަށާއި ފަހަތަށް ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް އާޒިމާ ވަނީ ވިދާޅުވެފައެވެ.