ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ބޭނުންވި ޖިންސުގެ ކުއްޖަކަށް ބަލިވެއިނުމުން ވަރަށް ލޯބިން ޚަބަރުދޭން ދިއުމުން އެހެން އަންހެނެއްގެ ހެދުން ހިފައިގެން ނުކުންނަންޖެހުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ޢިބްރަތްތެރި ވާހަކަ: ފިރިމީހާ ބޭނުންވި ޖިންސުގެ ކުއްޖަކަށް ބަލިވެއިނުމުން ވަރަށް ލޯބިން ޚަބަރުދޭން ދިއުމުން އެހެން އަންހެނެއްގެ ހެދުން ހިފައިގެން ނުކުންނަންޖެހުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑުމެންގެ ކައިވެންޏަށް އަދި މިވީ އެންމެ 3 އަހަރެވެ. ދަރިއަކު ނުލިބި ލަސްވާތީ އަޅުގަނޑު ވަރިކުރާނެ ކަމުގެ ބިރު އެބަ ދައްކައެވެ. ބިޓުން ގެންގުޅެންވެސް ފަށައިފިއެވެ. އެކަމަކަށް އެއްބަހެއް ނުވެއެވެ. އެކަމަކު އަޅުގަނޑަށް އެކަން އެނގެއެވެ. 

އަޅުގަނޑަށް ޤަބޫލުކުރަން އުނދަގޫވެގެން މިއުޅެނީ ބިޓުން ގެންގުޅެނީ ދަރިއަކު ލިބުން ލަސްވެގެންކަމެވެ. އެއީ އަދި އެހައިގިނަ ދުވަސްނުވާތީއެވެ. މިކަމުގައި ޚިޔާލަކީ ކޮބައިތޯ؟ 

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ޙަޤީޤަތް ﷲ އަށް ވަކީލެވެ. ތިރީގައިވާ ވާހަކައިން ޢިބްރަތް ޙާޞިލްކުރާށެވެ! 

އަޅުގަނޑުގެ ބައްޕައަކީ ތަނަވަސް މީހެކެވެ. އަޅުގަނޑު އެމީހާ ދެކެ ލޯބިވެ ކައިވެނިކުރަން ބޭނުންވި މީހާ އާއި ކައިވެނިކޮށްދިނުމަށްފަހު އަމިއްލައަށް ވަކިން ދިރިއުޅޭނެ ގެއެއް ދިނެވެ. ވިޔަފާރިއެއް ފެށޭނެ ގޮތް ހަދައިދިނެވެ. އުފަލުގައި ދިރިއުޅެން ބޭނުންވާނެ ހުރިހާ ކަންކަންކޮށްދިނެވެ.

ކައިވެންޏަށް ކިރިޔާ އަހަރުވީތަނާ ފިރިމީހާ އަޅުގަނޑާއި ދުރުހެލިވާންފަށައިފިއެވެ. ސަބަބެއްކަމަށް ބުނަމުން އައީ ދަރިއަކު ލިބުން ލަސްވުމެވެ. ބަލިވެ އިނދެ ލިބެން އުޅެނީ އަންހެންކއްޖެއްކަން އެނގުމުން ބުނީ އަންހެންކުއްޖަކު ބޭނުން ނުވާކަމަށެވެ. ބޭނުންވަނީ ފިރިހެން ކުއްޖެއް ކަމަށެވެ. 

މިފަދަ ގޮތަކަށް ދުވަސްތައް ފާއިތުވަމުން ގޮސް ދެވަނަ ކުއްޖާއަށް ބަލިވެ އިންކަން އެނގުމުން އެވާހަކައެއް ނުބުނަމެވެ. ޖިންސް އެނގުމުން ބުނަންވެގެން މަޑުކުރީއެވެ. ސްކޭންކޮށް ލިބެން އުޅެނީ ފިރިހެން ކުއްޖެއްކަން އެނގުމުން ހޮސްޕިޓަލުން ނުކުމެގެން ގެއަށް ދިއުމުގެ ބަދަލުގައި ދިއައީ ފިރިމީހާ އާއި ބައްދަލުކޮށް އުފާވެރި ޚަބަރުދޭން އޮފީހަށެވެ. ބައްދާލައި ލޯބިކޮށްލާފައި ޚަބަރުދިނުމުގެ ބޭނުމުގައެވެ. 

އޮފީހަށް ވަދެ ކެބިނަށް ގޮސް ދޮރުގައި ހިފާލިއިރު ދޮރުހުރީ ތަޅުލައިފައެވެ. އަޅުގަނޑުގެ އަތުގައި އޮންނަ ތަޅުދަނޑިން ދޮރުހުޅުވާލުމަށްފަހު ޖެހުނީ ދޮރުލައްޕާށެވެ! ލައްޕާލުމަށްފަހު އަނެއްކާވެސް ހުޅުވީމެވެ. އެތެރެއަށް ވަނީމެވެ. ގޮނޑިއެއްގެ މަތީގައި އޮތް ހެދުމެއް ހިފައިގެން ނުކުމެ ރިސިޕްޝަނިސްޓާއި އާއި ޙަވާލުކުރީމެވެ. 

އެއަށްފަހު ވަދެ ފުރަތަމަ ފަހަރަށް ސީއީއޯގެ ގޮނޑީގައި އިށީނީމެވެ. ބައްޕައަށް ގުޅައި އަންނަން ބުނީމެވެ. ބޭންކަށް ވަގުތުން ސިޓީ ފޮނުވައި ފިރިމިހާގެ ސޮޔަށް އެއްވެސް މުޢާމަލާތެއް ނުކުރަން އެންގީމެވެ. ކުންފުނީގެ ހުރިހާ ކަމެއް އަޅުގަނޑުގެ ބާރުގެދަށަށް ގެނުވީމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! އަޅުގަނޑަށް ދަރިއަކުން ލިބުން ލަސްވުން ބަހަނާއަކަށް ދެއްކީވެސް އަދި އަންހެން ދަރިއަކު ލިބުން ބަހަނާއަކަށް ދެއްކީވެސް މިގަނޑު ގަންނާތީއެވެ. އޭނާ ރާވައިގެންހުރީ ގިނަ އަދަދެއްގެ ފައިސާ ހިފައިގެން އޭނާގެ ސެކެޓްރީ އާއިއެކު ފިލާށެވެ! ނަމަވެސް އެގޮތަށް އެކަން ނުކުރެވި ބުޅާ ގޯނިން ބޭރުވީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! ރަނގަޅު ފިރިން ނެތެކޭ ނޫނެވެ. ހުރިހާ ފިރިން އެއްގޮތެކޭވެސް ނޫނެވެ. ނަމަވެސް އަނބިމިހާގެ އިޚްތިޔާރާއި ބާރު ނެތްކަންކަމަކީ ސަބަބުކަމުގައި ހިފައިދަމާ ފިރިންނަށް ސަމާލުވާށެވެ! ފޮރުވިފައިވާ ސިއްރެއް އޮންނާނެއެވެ. ދަރިން ލިބުމާ ލިބޭ ދަރީގެ ޖިންސް ކަނޑައެޅުމުގައި އަނބިމިހާގެ އޮތީ ކޮންދައުރެއް ހެއްޔެވެ؟ އެއީ ދެމަފިރިންގެ މެދުގައި ފޫހިކަން އުފެދެންޖެހޭ މައްސަލައަކަށްވާނަމަ އެކަމުގެ ޒިންމާ އުފުލުން ޙައްޤުކަން ބޮޑީވެސް ފިރިން ނޫންހެއްޔެވެ؟ އަނބިމީހާގެ މައްސަލައެއް ހުރެގެން ދަރިން ނުލިބޭނަމަ ކޮންމެހެން ބާކީކޮށްނުލައި ރިވެތި ގޮތުގައި ދޫކޮށްލެވިދާނެ ނޫން ހެއްޔެވެ؟ 

އަޅުގަނޑަކީ ފިރިމީހާގެ ބޭވަފާތެރިކަން ލޮލަށް ފެންނަންދެން އިތުބާރުކުރި އަންހެނަކީމެވެ. ޢުމުރަށް ފިރިމީހާ ޢާއިއެކު ދިރިއުޅެން ބޭނުންވި އަންހެނަކީމެވެ. ނަމަވެސް ކަންކަން މެދުވެރިވި ގޮތް މިކިޔައިދިނީއެވެ. ވީމާ މިކަންކަމަށް ކުރިމަތިލެވޭވަރުގެ ބައަކަށްވާން އަނބިންނަށް އެބަޖެހެއެވެ. އެކަމަށްޓަކައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނެ އެއްކަމަކީ ކައިވެންޏަށްފަހު ވަޒީފާއެއް އަދާނުކުރި ނަމަވެސް ތައުލީމްވެސް ލިބިގެން ހުރުމެވެ. 

އެދުވަހު ކަންކަންކުރަންވީ ގޮތް ވިސްނި ޢަމަލުކުރެވުނީ ކަންކަން ކުރަންވީ ގޮތް އެނގިފައި ހުރީތީއެވެ. ރޮއި ކަރުނައަޅަމުން ނުކުމެގެންދިއަނަމަ އެއިރު އެކައުންޓުގައި ހުރިނަމަ ހުރި ހުރިހާ ފައިސާއެއް ހިފައިގެން ލޯބިވެރިޔާއާއެކު ފިރިމީހާ ފިލާނެއެވެ.

 

- މަރްޔަމް މުޙައްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން