ރާއްޖޭގައި ބާއްވާ އިންތިހާބުތަކާ ދިމާކޮށް ރިޝްވަތުގެ ގޮތުގައި ބަހާ ފައިސާ ހިފުމުން ލިބޭ އަޒާބުގެ ވާހަކަ ރައްޔިތުންނަށް ކިޔައިދީ ރިޝްވަތުގައި ނުހިފުމަށާއި ރިޝްވަތު ނުބެހުމަށް އަންގައި މައުލޫމާތުދީ ހޭލުންތެރިކުރުވުމަށް ތައްޔާރަށް ތިބި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހަބީބު ވިދާޅުވީ އިންތިހާބުތަކާ ދިމާކޮށް ފައިސާ ބަހާ ވާހަކަތަކަކީ ވަރަށް ގިނައިން ފެންމަތިވާ މައްސަލައެއް ކަމަށާއި އެ ރިޝްވަތު ހިފާ މީހުންނަށް ހުރި ގެއްލުމާއި އަޒާބުގެ ވާހަކަ ކިޔައިދޭން އީސީން އޮތީ ތައްޔާރަށް ކަމަށެވެ.
"އަބަދުވެސް ރިޝްވަތު ދޭ ވާހަކަ އަންނަނީ، ދުވަހަކު ވެސް ރިޝްވަތު ހިފާ މީހާ ތިމަންނައަށް ރިޝްވަތުދީފިއޭ ކިޔާފައި އޭނައެއް ނުއެއް އާދޭ. އެކަމަކު ރިޝްވަތު ބަހާ ވާހަކައަކީ އާންމު ވާހަކައެއް. އެހެންވީމަ އެކަމުގައި ހުރި ގޮންޖެހުންތަކާއި އެކަން ހިނގާ ގޮތާއި ގުޅިގެން ބޭނުންވޭ ހޭލުންތެރިކުރުވަން، ފައިސާ ނުބެހުން އެއީ ކެންޑިޑޭޓުންގެ ފަރާތުންވެސް އަދި އެ ސަޕޯޓަރުންގެ ފަރާތުންވެސް ނުބެހުން އޭގެ ހައްލަކަށް ވާނީ. ފައިސާ ހިފާ މީހުންނަށް ހުރި އަޒާބުގެ ވާހަކަވެސް އަޅުގަނޑުމެން ކިޔައިދޭން ތައްޔާރަށް މިފަހަރު މިތިބީ." ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އިންތިހާބުތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ އެކްޝަން ޕްލޭންގައި ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައި ހިމެނޭ ރިޝްވަތު ދިނުމާއި ރިޝްވަތުގައި ހިފުމާއި ގުޅޭގޮތުން ހޭލުންތެރިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް ކަމަށެވެ. މިފަދަ ކަންތައްތަކަކީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަންތައްތަކަށްވާތީ އެ ނުފޫޒުން ސަލާމަތް ވުމަށް ދުރާލާ އިރުޝާދުތައްދީ ހޭލުންތެރިކުރާނެ ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.
އިންތިހާބުތަކުގައި ޒުވާނުންނާއި އަންހެނުން ނުކުތުމަށް ހަބީބް ވަނީ އެދިވަޑައިގެންފައެވެ. އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި މިކަމަށްވެސް ބާރުއަޅާނެ ކަމަށާއި މަގާމުތަކަށް މީހުން ހޮވާއިރުވެސް އެކަމަށް އެންމެ ގާބިލް ތަޖުރިބާ ހުންނަ ޒުވާނުންނާއި އަންހެނުންނަށް އިސްކަންދޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
މީޑިއާތަކުންވެސް ވަކި ކެންޑިޑޭޓަކު ނަގައިގެން އެ ކެންޑިޑޭޓަކަށް ކެމްޕެއިން ކުރުމަކީވެސް ގޯހެއް ކަމަށާއި ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތުދީ މިނިވަން ނޫސްވެރިކަމެއް ކުރުމަށް ހަބީބު ވަނީ އެދިވަޑައިގެންފައެވެ.