ފޮތެއްގައި ލިޔެވިފައި ނެތަސް އެތައް ބައެއްގެ ތަޖުރިބާއިން އެނގޭ އެއް ކަމަކީ ނިކަމެތި ޙާލުގައި ތިބޭ ކުދިންނަށް އެހީތެރިވެ އެކުދިން ބަލައިދިނުމަކީ ނުވަތަ ބަލަހައްޓަން އެހީތެރިވުމަކީ ތިމާއަށް ދަރިން ލިބެން މަގުފަހިވާކަމެއް ކަމެވެ. އެއީ އެގޮތަށް އެކަން ތަޖުރިބާކުރެވުނު އަދި ތަޖުރިބާކުރެވޭ މީހުން ގިނަކަމުންނެވެ.
ބައެއް ތަފާތު ސަބަބުތައް ކުރިމަތިވެ ބައެއް ޙާލަތްތަކުގައި ކުދިންގެ މައިންމަފައިން ނުވަތަ ޢާއިލާގެ މީހުންގެ ގާތުގައި ކުދިން ބައިތިއްބައިގެން ބަލަންވެސް މީހުން އެހީތެރިވެދެއެވެ. އެއީވެސް ހަމަ ވަރަށް ރަނގަޅު ގޮތެކެވެ. އެއިރުން ކުއްޖާ ހުންނާނީ އެކުއްޖަކަށް އެންމެ ބޮޑަށް ލޯބިލިބެންޖެހޭނެ މީހުންގެ ގާތުގައެވެ. އަދި އޭނާގެ ބޭނުންތައް ފުދިގެންނެވެ.
ތިރީގައިވާ ވާހަކައަކީ ކުޑަކުއްޖަކަށް އެހީތެރިވި ދެމަފިރިއެއްގެ ވާހަކައެވެ. ދެމަފިރިން ދުނިޔޭގައި ތިބެ މިހާރުވެސް ދަނީ އެކަމަށް އުފާކުރަމުންނެވެ. އަދި އާޚިރަތް ދުވަހުވެސް އެކަމަށް އެދެމަފިރިންނަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
އަޅުގަނޑު ކައިވެނިކޮށްގެން ފިރިމީހާގެއަށް ބަދަލުވުމާއި ގުޅިގެން ކޮންމެ ދުވަހަކުހެން މަސައްކަތުން އެނބުރި ގެއަށް އަންނަ މަގުމަތީގައި ކޮންމެ ދުވަހަކުހެން ގެއެއްގެ ދޮރާށިކައިރިން 4 ވަރަކަށް އަހަރުގެ ކުޑަކުއްޖަކާއި ބައްދަލުވެއެވެ. އޭނާއަށް އަޅުގަނޑު ފެނުމާއިއެކު ކޮންމެވެސް އެއްޗެއް ބުނަން އުޅެވެއެވެ، ނަމަވެސް ދުވަހަކުވެސް އަނގައަކުން ނުބުނެއެވެ.
އެކަން ކޮންމެ ދުވަހަކުހެން ތަކުރާރުވާތީ އެކުއްޖާ އާއިމެދު ވިސްނެން ފެށުނެވެ. އެހެންވެ އެއްދުވަހަކު އެކުއްޖާ ގާތު ހުއްޓިފައި މަންމަ ކޮބައިތޯ ސުވާލުކުރުމުން ދުވަމުން އެތެރެއަށް ވަދެއްޖެއެވެ. ފަހަތުން އަޅުގަނޑުވެސް ވަނީމެވެ. އެއިރު އެތަން ބަލަން މުސްކުޅި އަންހެންކު ހުއްޓާ ފެނުމުން އޭނާގެ ގާތަށް ގޮސް ދަބަހުން ޗޮކްލެޓެއް ނަގާފައި އެޗޮކްލެޓް އެކޮއްކޮއަށް ދިނުމަށް އެދުނީމެވެ. އެވަގުތު އެކޮއްކޮ ދުވެފައި އައިސް ޗޮކްލެޓް އަތުލައިގެން ކާންފެށިއެވެ.
އެދައްތަ ކިޔައިދިނެވެ. "މިކުއްޖާގެ މަންމަ މިކުއްޖާ ވިހާފައި ފިލި ގޮތަށް ޚަބަރެއް ނުވެއެވެ. ބައްޕައަކީ އަޅުގަނޑުގެ ދަރިފުޅެވެ. ދަރިފުޅަކީ ބޯޓުދަތުރުކުރާ މީހެކެވެ. ދަތުރުކުރަން ދިއަ ގޮތަށް އެއްވެސް ޚަބަރެއްނުވާތާ މިހާރު 2 އަހަރަށްވުރެ ގިނަދުވަސްވެއްޖެއެވެ. އަހަރެމެން ދެމަފިރިން މިތިބީ މުސްކުޅިވެފައެވެ. މުސްކުޅިންނަށް ދޭ އިނާޔަތުން ކެއުމާއި ގޭގެ ބިލްތައް ދެއްކެނީ ވަރަށް ދަތިޙާލުންނެވެ. އެހެންވެގެންނާއި ސްކޫލަށް ގެންގޮސް ގެނެސް ހަދާނެ މީހަކު ނެތުމުން މިއުޅެނީ ސްކޫލަށް ވެސް ނުފޮނުވިގެންނެވެ."
އެވާހަކަތައް އަޑުއަހާފައި ވަރަށް ދެރަވިއެވެ. މިފަދަ ޒަމާނެއްގައިވެސް ކުޑަކުދިންނަށް ލިބޭ ނިކަމެތިކަން އެނގުމުން ވަރަށް އަސަރުކުރިއެވެ. އެހެންވެ އެވާހަކަ ފިރިމީހާ އާއިވެސް ހިއްޞާކުރީމެވެ. ފިރިމީހާ ބުނީ ދެމަފިރިން މަސައްކަތްކުރަމުން ކުއްޖަކު ނުބެލޭނެ ކަމަށާއި ނަމަވެސް އެކުއްޖާއަށް ލޯބިދީ އެހީތެރިވެވިދާނެ ކަމަށެވެ. އަދި އެއީ ކުރަން ރަނގަޅުކަމެއްވެސް ކަމަށެވެ.
އެހިސާބުން ދެމަފިރިން އެކުއްޖާއަށް ބޭނުންވާ ކަންކަން ކޮށްދޭންފެށީމެވެ. ހުސްވަގުތުތަކުގައި ގެއަށް ގެނެސްގެން ގެންގުޅެންވެސް ފެށީމެވެ. އަދި ސްކޫލަކަށް ދެވޭނެ ގޮތްވެސް ހަމަޖައްސައިދިނީމެވެ. އޭނާ ކިޔަވަން ބޭނުންވި ފެންވަރަށް ކިޔަވައިދޭން މަސައްކަތްކުރީމެވެ.
ކުރުކޮށްލާނަމެވެ. މިއަދު އެކުއްޖާއަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޑޮކްޓަރުކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހައިވެސް ގިނަ ބައަކު އޭނާއަށް ދައްކައިގެން ފަރުވާ ހޯދައެވެ.
މިއަދު އަހަރެމެން ދެމަފިރިން މިތިބީ މުސްކުޅިވެފައެވެ. ދަރިންގެ އެހީތެރިކަމަށް ބޭނުންވެފައެވެ. އަހަރެމެންގެ 2 ދަރިން އެބަތިއްބެވެ. 2 ދަރިންގެ އެހީތެރިކަންވެސް ލިބެއެވެ. ނަމަވެސް މިއީ ދަރިންނަށް ބުނާ ދެރަބަހެއް ނޫނެވެ. ހުރިހާ ގޮތަކަށް ބެލިނަމަވެސް އަހަރެމެން ދެމަފިރިންނާއި އެންމެ ބޮޑަށް އަޅައިލަނީ ގެންގުޅެ ބޮޑުކުރެވުނު ދަރިފުޅެވެ. ދަރިއަކު މައިންބަފައިންނާއި އަޅައިލާނެ އެންމެ ބޮޑަށް އޭނާ އަހަރެމެންނާއި އަޅާލައެވެ. އެހީތެރިވެއެވެ. އަހަރެމެންގެ ޙާލު ކޮންމެ ދުވަހަކުވެސް ބަލައެވެ.
މިއަދުނޫހުގައި ޝާއިޢުކުރަމުން އަންނަ "ޙަޤީޤީ ޙާދިސާ" ސިލްސިލާއަށް އަޅުގަނޑު މިވާހަކަކޮޅު ހިއްޞާ މިކުރީ ކިޔުންތެރިންނަށް ޢިބްރަތަކަށްވާނެ ކަމަށެވެ. ފައިދާކުރާނެ ކަމަށެވެ.
ބުނެލަން ބޭނުމީ ނިކަމެތި ޙާލުގައި ތިބޭ ކުޑަކުދިންނަށް އަޅައިލާށެވެ! ލޯބިދޭށެވެ. އެއީ އެއްވެސް ގޮތަކުން ގެއްލިގެންދާނެ ކަމެއް ނޫނެވެ. ދިމާވާ ގޮތަކުން ފަހަރެއްގައި މިދުނިޔޭގައި އެކަމުގެ ފައިދާ ނުފެނިދާނެއެވެ. ނަމަމަވެސް ފައިދާ ނުފެނިނުދާނެ ދުވަސް އެބައޮތެވެ. ވީމާ ނިކަމެތި ކުއްޖަކަށް އެހީތެރިވާން ހޭދަކުރާ އެންމެ ލާރީގެ ފައިދާވެސް ފެންނާނެއެވެ. ކޮށްދެވޭ ކިތަންމެ ކުޑަ ހެޔޮ ކަންތައްވެސް ގެއްލިގެން ނުދާނެއެވެ.
- އާމިނަތު / މިއަދުނޫހުގެ ކިޔުންތެރިއެއް