ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އަމިއްލައަށް ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އަމިއްލައަށް ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އަމިއްލައަށް ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، އެ ފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 21 ވާ އާދީއްތަ ދުވަހުން ފެށިގެން 4 ފެބުރުވަރީވާ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން ބޭނުންވާ ފަރާތްތަކުން 1414 އަށް ގުޅައިގެން ރަޖިސްޓްރީކުރެވޭނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، 1414 ގެ ޚިދުމަތްދޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް، އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށްކަމަށެވެ. މީގެއިތުރުން ހުކުރު ދުވަހު ހިދުމަތް ލިބޭނީ މެންދުރުފަހު 3:00 އިން ހަވީރު 6:00އަށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ރާއްޖޭގައި މީގެކުރިން ލޮލަށް ނުފެންނަ މީހުން ވޯޓް ލަމުންދިޔައީ އެހެން މީހެއްގެ އެހީތެރިކަމާއެކުއެވެ. ނަމަވެސް އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މިދިޔަ ރިޔާސީ އިންތިހާބުގައި ވަނީ ލޮލަށް ނުފެންނަ މީހުންނަށް އަމިއްލައަށް ވޯޓްލެވޭނެ ގޮތަށް ޕްލާސްޓިކް ޓެމްޕްލޭޓެއް ތައްޔާރުކޮށްފައެވެ.

 

މިއަދު އޮންލައިން