ޢިބްރަތްތެރި ވާހަކަ: އަނިޔާ ލިބެމުން އައި އަނބިމީހާ ކުރީ ދުޢާއެވެ! އަނިޔާވެރިޔާގެ ހިތްބަދަލުވެ އަނބިމީހާގެ ލޯބިވެރިޔާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެވޭނެގޮތް ހަދައިދޭންޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 29ސ
ޢިބްރަތްތެރި ވާހަކަ: އަނިޔާ ލިބެމުން އައި އަނބިމީހާ ކުރީ ދުޢާއެވެ! އަނިޔާވެރިޔާގެ ހިތްބަދަލުވެ އަނބިމީހާގެ ލޯބިވެރިޔާއާއެކު އުފާވެރި ދިރިއުޅުމެއް އުޅެވޭނެގޮތް ހަދައިދޭންޖެހުނު ގޮތުގެ ވާހަކަ-

ކަންކަން ދިމާވާގޮތުން މަޖުބޫރުވާޙާލަތުގައި ހިތް އެއްވެސް ވަރަކަށް ނުއެދޭ މީހަކާއި ކައިވެނިކުރަން މަޖުބޫރުވެދާނެއެވެ. އެޙާލަތުގައި ކައިވެނިކުރި ނަމަވެސް ތިމާ ބޭނުންވާ އުފާވެރިކަން ދެއްވެވުން އެދި ދުޢާކުރުން ހުއްޓައިނުލާށެވެ! 

ތިރީގައި އެވަނީ އެފަދަ ހިތްދަތިކަން ތަޖުރިބާކުރަންޖެހުނު އަންހެނެއްގެ ވާހަކައެވެ. އޭނާއަށް އެންމެ ބޮޑު ގޮންޖެހުން ކުރިމަތިވުމުންވެސް ﷲ ތަޢާލާގެ ޙަޟްރަތުން ނާއުންމީދެއް ނުވެއެވެ. އަދި މަޖުބޫރުވުމުން ހަށިގަނޑު އެހެންމީހަކާއި ޙަވާލުކުރިނަމަވެސް ހިތް ޙަވާލެއް ނުކުރެއެވެ. ހިތްދީގެންހުރީ ލޯބިވެރިޔާއަށެވެ. އަދި ލޯބިވރިޔާވެސް ހުރީ ދެމީހުންނަށް ގުޅެވޭނެ ދުވަހެއްގެ އިންތިޒާރުގައި ކެތްތެރިވެގެންނެވެ. ލިބުނު ކާމިޔާބީގެ ވާހަކަ ވިދާޅުވެލައްވާށެވެ! 

އަޅުގަނޑު ނިޞްބަތްވަނީ މާލޭގެ ފަޤީރު ޢާއިލާއަކަށެވެ. އެއީ ފައިސާ ނެތުމުން ކުރަން ބޭނުންވާ ކަންކަން ނުކުރެވޭތީއެވެ. ނަމަވެސް މަންމަ އާއި ބައްޕައަކީ ވަރަށް ހިތް ތަނަވަސް ދެމަފިރިންނެވެ. ފައިސާ ނެތިގެން އެއްވެސް ކަމެއް ނުކުރެވުމަކީ އެއްވެސް މައްސަލައެއް ކަމަކަށް ނުދެކެއެވެ. 

އަޅުގަނޑާއިއެކު ދެމަފިރިންގެ 5 ދަރިން ތިބެއެވެ. ސްކޫލަށްދާއިރު އިންޓޯލްހަމަށް އަޅާނެ ޖޫސްފޮދެއް ނުހުންނަ ދުވަސްތަކުގައި ދަނީ ފެންއަޅައިގެންނެވެ. މަންމަ ބުނަނީ އެއިރުން ހަމުގައި ޖޫސް ނެތްކަން ކުދިންނަށް ނުއެނގޭނެ ކަމަށެވެ. 

"ދަރިންނޭވެ! ތަނަވަސްކަން ލިބިފައިވާނަމަ އެކަން ފޮރުވުމަކީ ދަހިމީހުންގެ ސިފައެކެވެ. ފަޤީރުކަން ފޮރުވުމަކީ ހތުގެ ތަނަވަސްކަން އިތުރުވާކަމެކެވެ. ކިތަންމެ ގާތް އެކުވެރިއެއްގެ ގާތުގައިވެސް އެއްވެސް އެއްޗެއް ދޭން ނުބުނާށެވެ. ކަމަކަށް ބޭނުންވެގެން ހުރިކަން ނާންގާށެވެ! ނަމާދުކޮށް ދުޢާކުރީމާ އެކަމުގެ ވަގުތު ޖެހުމުން ﷲ ތަޢާލާ ކަންކަން ފުއްދަވައިދެއްވަވާނެތެވެ." ކޮންމެ ދުވަހަކުހެން މިފަދަ ނަޞޭޙަތްތައް ދެއެވެ. 

ކޮންމެއަކަސް ކިޔަވައި ނިމުނުތަނާ ބައްދަލުވި ޒުވާނަކާއި ލޯބީގެ ގޮތުން ގުޅުނީމެވެ. ކައިވެނިކުރަން މަސައްކަތްކުރަމުންދަނިކޮށް ކުރިމަތިވީ ބޮޑު ބިރުވެރިކަމެކެވެ. މުސްކުޅި އުމުރުގެ ފިރިހެނަކު އަޅުގަނޑުގެ ފަހަތުން އަޅައިގަތީއެވެ. އޭނާއަކީ ސިޔާސީ ގޮތުން ބާރުގަދަ މީހެކެވެ. ތަނަވަސްކަމާއި ގެދޮރު ހުރިމީހެކެވެ. އެހެންވެ އޭނާގެ ހިތުގައި އެއްވެސް މީހަކަށް ރަޙުމެއް ހަމްދަރުދީއެއް ނުއޮވެއެވެ. 

އަޅުގަނޑަކީ އެއްވެސް ވަރަކަށް ތަނަވަސްކަން ބޭނުން އަންހެނެއް ނޫނެވެ. މައިންބަފައިން އަޅުގަނޑު ތަރުބިއްޔަތުކޮށްފައިހުރީ ދެއްވަވާ މިންވަރަށް ފުދިގެން އުޅެން ދަސްވާ ގޮތަށެވެ. ވީމާ އޭނާގެ ތަނަވަސްކަމުގައި އަޅުގަނޑަށް އެއްވެސް މުހިންމުކަމެއް ނެތެވެ. 

އަޅުގަނޑު އޭނާ އާއި ކައިވެނިކުރަން އެއްބަސްނުވުމުން ބުނީ އަޅުގަނޑުގެ ލޯބިވެރިޔާގެ ބޮލުގައި ބޮޑު އިލްޒާމެއް އަޅުވައި ބަންދުކުރުވާނެކަމަށެވެ. ދިގު މުއްދަތަކަށް ޖަލަށްލައްވުވާނެ ކަމަށެވެ. އެއިރު އޭނާއަކީ ސަރުކާރުގެ ކުންފުންޏެއްގެ ޒިންމާދާރު، އިސް މަޤާމެއްގައި ހުރި މުވައްޒިފެކެވެ. އެހެންކަމުން މިނުބައިމީހާގެ ކިބައިން ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތިގެން ކައިވެނިކުރަން އެއްބަސްވީމެވެ. ލޯބިވެރިޔާ އަޅުގަނޑުދެކެ ވާލޯބީގެ ޙައްޤުގައެވެ. 

އެއްބަސްވީ އެންމެ ސަބަބަކަށްޓަކައެވެ. އެއީ ލޯބިވެރިޔާއަށް ދީފާނެ އަނިޔާއަކުން އޭނާ ސަލާމަތްކުރުމެވެ. ކޮންމެއަކަސް ކައިވެނިކުރެވިއްޖެއެވެ. ފުރަތަމަ ރޭ ވެސް ބުނީ އަޅުގަނޑަކީ އޭނާގެ އަޅެއް ކަމަށެވެ. ބުނާ ގޮތަކާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފިނަމަ އޭނާގެ އެކުވެރިންނަށް "ހަވަރަށް"ދީ ދުވަސްދުއްވައިލާނެ ކަމަށެވެ. 

ކަންކަން ދިމާވިގޮތުން ކައިވެންޏަށް އަހަރުވީތަނާ ބަލިވެ އިނދެ ދަރިއަކު ލިބިއްޖެއެވެ. އުންމީދުކޮށްގެންހުރީ އެހިސާބުން އޭނާގެ ޖަނަވާރުކަން ކެނޑި ކޮންމެވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ. ނަމަވެސް ކަންކަން ބަދަލުވަމުން ދިއައީ ގޯހުން ގޯހަށެވެ. 

ކެތް ނުކުރެވިގެން އެއްދުވަހު ފިލައިގެން ގެއަށް ދިއައީމެވެ. ދިއައީ ދަރިފުޅުވެސް ގޮވައިގެންނެވެ. އެއީ އަޅުގަނޑުގެ ޙާލަތު މައިންބަފައިންނަށް ކިޔައިދޭން ލިބުނު ފުރަތަމަ ފުރުޞަތެވެ. ފާއިތުވި 2،3 އަހަރު ހުންނަން ޖެހުނީ ބިރުވެރިކަމެއްގައެވެ. ގޭގައި ބަންދުވެގެންނެވެ. 

ހަމަ އެދުވަހު ލޯބިވެރިޔާއަށް ވެސް ފޯނުކުރީމެވެ. އޭނާއަކީ ކަންކަން ވަރަށް ވިސްނޭ މީހެއްކަމުން އޭނާހުރީ ހަމަ އަޅުގަނޑުގެ އިންތިޒާރުގައެވެ. ގެއަށް ގެނުވައި ދެމީހުން މަޝްވަރާކުރުމަށްފަހު ފިރިމީހާއަށް މެސެޖެއް ކުރީމެވެ. 

"ފުރޭތައެއް ފަދަ ފިރިމީހާއެވެ! ދެން ޕަވަރު ދައްކަން ނޫޅޭށެވެ! 3 އަަހރުކުރި އަނިޔާގެ ބަދަލު ހަމަ މިހާރު ދޭށެވެ! ވަރިވެސް ކުރާށެވެ. ކަލޭ އަހަރެންނާ ކައިވެނިކުރީ އަަހރެންގެ ލޯބިވެރިޔާ ނުކުރާ ކަންކަމުގެ އިލްޒާމް އަޅުވައި ޖަލަށް ލައްވުވާނެ ކަމުގެ ބިރު ދައްކައިގެންނެވެ. އަހަރެން ކަލޭގެ ކިބައިން ވަރިއަށް މިއެދެނީ ކަލޭކުރި އެއް ސަތޭކަ ކުށް ޢާންމުންނަށް ހާމަކުރާނެ ކަމަށް ބުނަމުންނެވެ. އަހަރެން 3 އަހަރުވަންދެން ހުރީ މަރުވެފައެއް ނޫނެވެ. ހުރީ ހޭލައެވެ. އިތުރަށް ބިރުދައްކަން އުޅެފިނަމަ ވާނެ ގޮތް އެނގޭނީ ވާފަހުންނެވެ. އެއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ."   

ކުރުކޮށްލާނަމެވެ. އެހިސާބުން އޭނާ ބަދަލުވެއްޖެއެވެ. ވަރިވެސްކޮށްދިނެވެ. އޭނާގެ ގެތަކުގެ ތެރެއިން ގެއެއް ދަރިފުޅުގެ ނަމުގައި ރަޖިސްޓްރީކޮށްދީ އެގޭގައި އަޅުގަނޑަށް ދިރިއުޅެވޭނެ ގޮތް ހަދައިދިނެވެ. އަދި ކޮންމެ މަހަކު ޚަރަދުކުރާނެ ފައިސާވެސް ދޭންފެށިއެވެ. އެގޭގައި އަޅުގަނޑު ދިރިއުޅެމުން މިދަނީ އަޅުގަނޑުގެ ލޯބިވެރިޔާ އާއި ކައިވެނިކޮށްގެން އޭނާ އާއިއެކުގައެވެ. 

މީހުން ބުނާގޮތުން މިހާރު އޭނާ އިޞްލާޙްވެ ނަމާދުވެސް ކުރެއެވެ. އެހެން މީހުންނަށް ރަޙުމްވެސް ކުރެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށ ބުނެލަން އޮތީ ކަންކަން ދިމާވާގޮތުން ހިތްދަތި ދުވަސްތައް ކުރިމަތިވެދާނެއެވެ. ނަމަވެސް ﷲ އަށް ކިޔަމަންތެރިވެ ދުޢާކުރުމުގައި ސާބިތުވާށެވެ! އަނިޔާވެރިކަން އަބަދަކަށް ދެމިގެނެއް ނުދާނެއެވެ. ކޮންމެވެސް ހިސާބަކުން ނިމޭނެއެވެ. ލިބޭ އުފާވެރިކަން މާބޮޑުވެސް ވާނެއެވެ. އަޅުގަނޑަށް ލިބުނު ކާމިޔާބީގެ ސިއްރަކީ އަޅުގަނޑުކުރި ދުޢާއެވެ. ބެހެއްޓި ކެތްތެރިކަމެވެ. 

އަދިވެސް އެއްކަންތައް ފާހަގަކޮށްލާނަމެވެ. ލޯބި ޠޯހިރުކުރާށެވެ! ޙަލާލް ލޯތްބަށް ހަދާށެވެ! އެކަމުގައި ބަރަކާތް ލައްވަވާނެތެވެ އިން ޝާ ﷲ

 

--ޒުހުދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން