ޢިބްރަތްތެރި ވާހަކަ: ސިފަހުތުރުކަމުން ކައިވެނިނުކުރެވިހުރި އަންހެނަކުދެކެ ﷲ އަށް ލޯބިން ކައިވެނިކުރުމުން ސިފަބަދަލުވެ މާރީތިވީ އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ޢިބްރަތްތެރި ވާހަކަ: ސިފަހުތުރުކަމުން ކައިވެނިނުކުރެވިހުރި އަންހެނަކުދެކެ ﷲ އަށް ލޯބިން ކައިވެނިކުރުމުން ސިފަބަދަލުވެ މާރީތިވީ އަންހެނެއްގެ ވާހަކަ-

ޒަވާޖީ ޙަޔާތަސް ހޯދާ ބައިވެރިޔާ ދެކެ ނަމަވެސް އަދި ކޮންމެ މީހަކު ދެކެ ނަމަވެސް ލޯބިވާންވީ ﷲ ތަޢާލާއަށްޓަކައި ކަމަށް ހަދައިފިނަމަ އެކަމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެކަން އެންމެންވެސް ޤަބޫލުކުރެއެވެ. ނަމަވެސް ޢަމަލުނުކުރެވެނީއެވެ. 

ތިރީގައި އެވަނީ ބޭރުފުށުގެ ސިފައަށް ނުބަލައި ﷲ ތަޢާލާއަށްޓަކައި ލޯބިވެގެން ކައިވެނިކުރުމުން ޒުވާނަކަށް ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކައެވެ. 

އަޅުގަނޑު ގެއަކަށް ގޮސް އުޅުނީމެވެ. އެއީ އަޅުގަނޑާއިއެކު ކިޔެވި އެކުވެރިންގެ ތެރެއިން އެންމެ ގާތް އެކުވެރިޔާގެ ޢާއިލީގެއެވެ. އޭނާގެ މައިންބަފައިންނަށް 5 އަންހެންދަރިން ލިބިފައިވެއެވެ. އެއިގެ ތެރެއިން އެންމެ ދޮށީ ދަރިފުޅަކީ ބަލައިލަން އެހައި ރީތިކުއްޖެއް ނޫނެވެ. ހަގަށް ތިބި 4 އަންހެންކުދިންގެ ކައިވެނިކުރެވުނުއިރުވެސް އޭނާއާއި ކައިވެނިކުރަން އެއްވެސް މީހަކު ޝައުޤުވެރިއެއް ނުވެއެވެ. 

ދެސަބަބަކާއިހުރެއެވެ. ފުރަތަމަ ސަބަބަކީ އޭނާގެ މޫނުމަތީގެ ސިފައެވެ. ދެވަނަ ކަމަކީ އެ ޢާއިލާއަކީ އެހާ ތަނަވަސް ޢާއިލާއަކަށް ނުވުން ކަމަށްވެދާނެއެވެ. އެއީ މިޒަމާނުގައި ތަނަވަސްކަން ހުރިނަމަ ސިފައަށް މީހުން ނުބަލާތީއެވެ. 

އެކަމާ އޭނާ ވަރަށް ހިތާމަކުރެއެވެ. އެކަމުގެ ވާހަކަތައް އަޅުގަނޑާއި ހިއްޞާވެސް ކުރެއެވެ. އޭނާޢަކީ ގެވެހި، ކިޔަމަންތެރި އަދި އަޚްލާޤްވެސް ރަނގަޅު ކުއްޖެކެވެ. ހަމައެކަނި މައްސަލައަކީ ޢޭނާގެ މޫނުމަތީގެ ސިފައެވެ. 

އޭނާ އަޅުގަނޑަށވުރެ 5 އަހަރު ދޮށްޓެވެ. އެހެންކަމާއިއެކުވެސް ބައެއް ފަހަރު ޢޭނާ އާއި ކައިވެނިކުރަން ވިސްނެއެވެ. އެއީ ކޮއްކޮމެން ކައިވެނިކޮށް އޭނާއަށް ކައިވެނިނުކުރެވިގެން ކުރާ ހިތާމަ އެނގޭތީއެވެ. ނަމަވެސް ހިތަށް އަރަނީ އަޅުގަނޑަށްވުރެ އުމުރުން ދުވަސްވީ އަދި ސިފަހުތުރު އަންހެނަކާއި ކައިވެނިކޮށްފިނަމަ މީހުން މަލާމާތްކުރާނެ ވަރެވެ. އެހެންވެ އެކަމާއި ކުރިމަތިލާން ފަސްޖެހެވެނީއެވެ. 

އެހެން އުޅެމުން ގޮސް ގޮތެއް ނިންމީމެވެ. އެއީ އޭނާ އާއި ކައިވެނިކުރާށެވެ. ހަމަގައިމުވެސް އޭނާ، އޭނާގެ ފިރިމީހާ ދެކެ ލޯބިވާނެއެވެ. ތެދުވެރިވާނެއެވެ. އަޅައިލާނެއެވެ. އެކަންކަމަށް ވިސްނާފައި އަޅުގަނޑު އޭނާ އާއި ކައިވެނިކުރަން އޭނާގެ މައިންބަފައިންގެ ގާތުގައި އެދުމުން ވަރަށް ފަސޭހައިން ކައިވެނިކޮށްދީފިއެވެ. 

އަޅުގަނޑު މިދަންނަވަނީ ހަމަ ތެދަށެވެ. އޭނާ އަޅުގަނޑާއިމެދު ކަންކަން ކުރާ ގޮތަށްވުރެ ރަނގަޅަށް ހަމަ އެއްވެސް އަންތބަކަށް އޭނާގެ ފިރިމީހާއަށް ކަންކަން ކޮށްދެވޭނެ ކަމަކަށް އަޅުގަޑަކަށް ނުބުނެވޭނެއެވެ. އެހައިވެސް ރަނގަޅެވެ. ހެޔޮކަމުގެ ވާހަކަ ދައްކަން ލަދުގަންނަހައިވެސް ހެޔޮކަންބޮޑެވެ. 

ކައިވެނިކުރިތަނުން ބަލިވެ އިނދެ ދުވަސްފުރައި ވިހައިފިއެވެ. ވިހެއުމަށްފަހު ހަށިގަނޑަށް އައި ބަދަލުތަކާއިއެކު މޫނުމަތީގެ ސިފަވެސް މުޅިން ބަދަލުވެއްޖެއެވެ. ބުނަން ބޭނުންނުވާ މީހާއަށްވެސް ބުނަން ޖެހޭނީ އޭނާގެ ކޮއްކޮމެންނަށްވުރެ އޭނާ މާރީތިވިކަމަށެވެ. އޭނާގެ ސިފަ ރީތިވިނަމަވެސް އަޅުގަނޑާއިމެދު ކަންކަން ކުރާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެއެވެ. 

ކައިވެންޏަށް މިހާރު މިއޮތީ 13 އަހަރަށެވެ. 3 ކުދިން ލިބިއްޖެއެވެ. ކޮންމެފަހަރަކުވެސް ވިހެއުމުން އިތުރަށް ރީތިވެއެވެ.

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. ކައިވެނިކުރިފަހުން އަހަރުދުވަހުގެ ތެރޭގައި އަޅުގަނޑަށް ވަޒީފާގެ ކުރިއެރުން 2 ފަހަރު ލިބުނެވެ. ލިބެމުން އައި މުސާރަ ދެގުނަވިއެވެ. އަދި ކައިވެނީގެ 3 ވަނަ އަހަރު އަމިއްލަ މަސައްކަތެއް ފެށުނެވެ. މަސައްކަތް ދަނީ ކުރިއަރަމުންނެވެ. އިން ޝާ ﷲ 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުމީ ކައިވެނިކުރުމުގައި ސިފައަށް ނުބަލާށެވެ. އޭނާގެ އަޚްލާޤަށް ބަލާށެވެ. އަދި ﷲ އަށް ލޯބިން ކައިވެނިކުރާށެވެ. އަޅުގަނޑު ކައިވެނިކުރީ އެގޮތުންނެވެ. އެކަލާނގެ ރަޙްމަތަށް އެދެމުންނެވެ. އަޅުގަނޑަށް މެދުވެރިވީ އެންމެ ހެޔޮ ރަޙްމަތެވެ. މިހާރު ބަލާބެލުމުގައި އަޅުގަނޑު ފެންނަނީ މާމުސްކުޅިކޮށެވެ. ވީމާ ސިފައަކީ އަބަދުވެސް ބަދަލުވާނެއެއްޗެކެވެ. އެއީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ.

 

- ޙުސައިން އިރުޝާދު / މިއަދުނޫހުގެ ކިޔުންތެރިއެއް.

މިއަދު އޮންލައިން