ޝަހީރު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުން އިސްތިޢްފާ ދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޝަހީރު އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުން އިސްތިޢްފާ ދެއްވައިފި

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން އަޙްމަދު ޝަހީރު އިސްތިޢްފާ ދެއްވައި ވަގުތީ ގޮތުން އެސްޓީއޯ ހިންގުން ސީއެފްއޯ މުޙައްމަދު މިހާދު ޢާއި ޙަވާލުކުރައްވައިފިއެވެ.

 

ޝަހީރު ވަނީ އެސްޓީއޯގައި 25 އަހަރު ހޭދަ ކުރައްވައިފައެވެ. އެ މުއްދަތުގެ ތެރޭގައި އެސްޓީއޯގެ އެންމެ އިސް މަޤާމުތައް ފުރުއްވުމުގެ އިތުރުން ޝަހީރު ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ލަފާޖް ސިމެންތި، އެސްޓީއޯ ގޭސް، އަދި ޓިނު އުފައްދާ ކުންފުނި އުފެއްދުމުގައިވެސް އިސްދައުރެއް އަދާކުރައްވައިފައެވެ. އަދި އެކުންފުނިތަކުގެ ބޯޑުގައި ވެސް ޚިދުމަތް ކުރައްވައިފައެވެ.

 

ޝަހީރަކީ ބިޒްނަސް މެނޭޖްމަންޓްގެ އިތުރުން އެމްބީއޭ ވެސް އޮސްޓްރޭލިއާ އިން ޙާޞިލުކުރައްވައިގެން ހުންނެވި ތައުލީމީ، ހިންގުންތެރިއެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

 

އެސްޓީއޯއަށް މާލީ ދަތިތައް ކުރިމަތިވެފައިވަނީ ސަރުކާރުގެ ކުންފުނިތަކަށް ކްރެޑިޓަށް ގެންދާ މުދަލުގެ އަގު އަދާނުކުރުމުންނެވެ. އެސްޓީއޯގައި ހިންގާނެ ބޯޑެއް އޮތް ނަމަވެސް އެސްޓީއޯގެ ތެރެއަށް އަތްޕުޅު ބާނުއްވައި މިފަދަ ދަތިތައް އެސްޓީއޯއަށް ކުރިމަތިކުރުވީ އެންމެ މޮޅު އިޤްޠިޞާދީ މާހިރު ރައީސް ޢަބްދުﷲ ޔާމީން އެވެ. ބޯޑަށް މަސައްކަތް ކުރަންޖެހެނީ މަތިން އަންނަ ކޮމާންޑަށް ކަމަށްވާތީއެވެ.

 

މިއަހަރުގެ މާލީ ބަޔާން އިއްވަވަމުން މާލީ ވަޒީރު އަޙްމަދު މުނައްވަރު ފާހަގަކުރެއްވި "އެންމެ ފައިދާވާ" އަދި ހިންގުން އެންމެ ރަނގަޅު ސަރުކާރުގެ 3 ކުންފުނީގެ ތެރޭގައި ހިމެނެނީ އެސްޓީއޯ ޢާއި ބީއެމްއެލް އަދި ދިރާގެވެ.

މިއަދު އޮންލައިން