މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު ތިންލައްކައާ ގާތްކޮށްފި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 294،923 ފަތުރުވެރިން އައިސްފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 253،841 ފަތުރުވެރިންނަށްވުރެ %16.2 އިތުރު ޢަދަދެކެވެ.
ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7،888 ފަތުރުވެރިން ރާއްޖެއަށް އަންނައިރު މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް ވަނީ 192،385 ފަތުރުވެރިން އައިސްފައެވެ. އަދި މި މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް 102،538 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިހާރު އެންމެ ގިނަ ޢަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. ތިންވަނައިގައި އުޅެނީ އިޓަލީ އެވެ. އިނގިރޭސިވިލާތް ހަތަރުވަނާގައި އުޅޭއިރު އިންޑިއާ އުޅެނީ ފަސްވަނައިގަ އެވެ.