ކ. ގުޅިފަޅު ހިއްކުން މަޝްރޫއު މަޑުޖައްސާލުމަށް ހައިކޯޓުން ނެރުނު އަމުރަށް އަމަލު ކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.
ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރެވެ. އެކަމަކު، އެ ކޯޓުން ނިންމީ މަޝްރޫއު މަޑުޖައްސާލަން ޖެހޭ ފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނީ ސިވިލް ކޯޓުން މައްސަލަ ނިމެންދެން އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އަންގާ ކަމަށެވެ.
މިއަމުރު ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ފަހު ހައި ކޯޓުގެ އަމުރަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދުނެވެ.
ސުޕްރީމް ކޯޓުގެ އެންގުމުގައި ވަނީ ހައިކޯޓުގެ ގަޟިއްޔާއިން ކުރި ހުކުމް ތަންފީޒު ކުރުން މިވަގުތު ފަސްނުކޮށްފި ނަމަ އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހައަށް ބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަން ފާޅުކަން ބޮޑުގޮތަކަށް ފެންނަން އޮތުމާ އެކު އެ ކޯޓުން ވަކި ގޮތެއް އަންގަން ދެން ނުވަތަ ސުޕްރީމް ކޯޓުން ގޮތެއް ނިންނަން ދެން ހައިކޯޓުގެ ހުކުމް ތަންފިޒު ކުރުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަންގާކަމަށް އަމުރުގައި ވެއެވެ.
މި ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ރޭ ވިދާޅުވީ، ގުޅިފަޅު މަޝްރޫއު ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.