ރަހުނު ނުބަހައްޓާ 7 ލައްކަ ރުފިޔާއާ ހަމައަށް ފަރުމަސްވެރިކަމަށް ދޫކުރާ ލޯން ލިބޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ދޫކުރާ ލުއި ލޯން ޕްރޮގްރާމާއި މަސްވެރިންގެ ދަފްތަރު އިފްތިތާހް ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު މިހެން ވިދާޅުވީ ފަރުމަސްވެރިކަމަކީ ރާއްޖޭގައި ވަރަށް ފުޅާދާއިރާއެއްގައި ކުރާ މަސްވެރިކަމެއް ކަމަށާއި، މިއީ ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭ ސިނާޢަތެއްކަމަށެވެ.
"މިހުޅުވާލެވޭ ފުރުސަތާ އެކީގައި މިފަދަ ކުދި އައިސްޕްލާންޓްތަކަށްވެސް އިންވެސްޓްކުރުމުގެ އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މިލޯންގެ އެހީތެރިކަން ލިބިގެންދާނެ. މީ ވަރަށް ލުއިކޮށް ދޫކުރެވޭ ލޯނެއް. ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކުރެވޭ ލޯންގައި ކުރިން ރަހުނު ނުބަހައްޓާ 5 ލައްކަ ރުފިޔާ މިއޮތީ. ނަމަވެސް މިފަހަރު ފަރުމަސްވެރިކަމަށް މުހުޅުވާލެވޭ ލޯންގަ 7 ލައްކަ ރުފިޔާއާ ހިސާބަށް ރަހުނެއް ނުބަހައްޓާ ލޯން ލިބުމުގެ ފުރުސަތު". ވަޒީރު ޝިޔާމް ވިދާޅުވިއެވެ.