މަސްވެރިކަމުގެ ދަފްތަރާއި ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ދޫކުރާ ލުއި ލޯން ޕްރޮގްރާމް އިފްތިތާހްކޮށްފިއެވެ.
މިކަމަށް ށ.ކޮމަންޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މިއިފްތިތާހްކުރެވިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށް މަސްވެރި ސިނާއަތަށް މަސްވެރި މުޖްތަމައަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދުފުޅު ކަމަށެވެ. އެއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނަކީ ދިވެހި ދައުލަތް ދަންނަ ބަޔަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުފުޅުކަމަށެވެ.
އަދި މިއިފްތިތާހް ކުރެވުނު މަސްވެރި ސިނާޢަތާ މަސްވެރި ވުޒާރާއާ ގުޅުންހުރި ދެ ޕްރޮގްރާމަކީވެސް ރާއްޖޭގެ މަސްވެރި ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ވަރަށް މުހިންމު 2 ޕްރޮގްރާމް ކަމަށް ވިދާޅުވިއެވެ. އަދި މިއާއެކު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ގުޅުންހުރި ހަފްތާ 14ގެ ހުރިހާ ޕްރޮގްރާމްތަކެއް އިފްތިތާހް ކުރެވިގެން ދިޔައީ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަސްވެރިންގެ ދަފްތަރު ފުރިހަމަވެގެންދާއިރު މިމައްސަލަ ޖުމްލަކޮށް ހައްލުކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ބޭންކުތަކުން އެހެން އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭ ލުއި ލޯންތަކަށް ލުއި ސްކީމްތައް ފަދަ ހުރިހާ ލުޔެއް މަސްވެރިންގެ ދަފްތަރު ފުރިހަމަ ކުރެވިގެންދާއިރު މަސްވެރިންނަށްވެސް ލިބޭނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތައް ނަގާފައި ހުންނަ ލޯންތައް ޑިއުވެގެން އެލޯންތައް ނުދެއްކޭ ހާލަތަށް ދާކަމަށެވެ. އަދި މަސްވެރި އާޢިލާތަކަށް ދައުލަތް ހިއްސާވާ ނުވަތަ ދައުލަތުން ހިންގާ ބައެއް ކަހަލަ ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދައްކަންޖެހޭ ފީތައް ނުދެއްކި ހުރި ކަމަށާއި ބައެއް ކަހަލަ ޔުޓިލިޓީ ބިލްތައް ނުދެއްކިގެން އެބިލްތަކަށް ޖޫރިމަނާ އަރަމުންދާ ކަމަށެވެ. އަދި ކަރަންޓް ނޫނީ ފެން އެގޭގެއިން ކަނޑާލަމުންދާ ކަމަށެވެ.
"އުއްމީދުކުރަން މިދަފްތަރުގެ އެހީގައި މިދަންނަވާ މުއައްސަސާތަކާ މިދަފްތަރު ގުޅުވޭ ހިސާބުން ފެށިގެން އޭން އެނގޭނެ މިފްކޯއިން އެބައޮތްކަން މިދޯނީގެ މިވެނި މަސްވެރިއަކަށް މިވެނި އަދަދަކަށް މިވެނި މަހެއްގަ ފައިސާއަންނަން. އެހެންވެއްޖެކަމަށްވަނީނަމަ އެއްކަލަ ޔުޓިލިޓީ ކުންފުނި އެއީ ފެނަކަވިޔަސް ސްޓެކްލޯވިޔަސް އެގޭގެ ކަރަންޓް ނޫނީ ފެން ކަނޑާނުލާ ބެހެއްޓޭނެ އިންތިޒާމްތައް ރަނގަޅު މަސައްކަތެއް މިދަފްތަރާއެއްކޮށް ކޮށްފިނަމަ އެކަންތައްތައް ހައްލުކޮށްލެވޭނެ. މިކަހަލަ ބައިވަރު ކަންތައްތައް މަސްވެރިންގެ ދަފްތަރާއެކީގައި ހާސިލްކުރެވިގެންދާނެ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.