މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ބައިވެރިވާ މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް އަންނަ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން އެމް.ޕީ.އެލްއިން އިން ބުނެފައިވަނީ މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް ބޭއްވުމުގެ އެއް ބޭނުމަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންނާއި އެކި ގޮތްގޮތުން ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުން ކަމަށާއި އަދި މިދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަަކާއި މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެ ކަމަށެވެ.
މި ފޯރަމްގެ ސްޕީކަރުންގެ ގޮތުގައި ދިވެހިރާއްޖޭގެ ތަޖުރިބާކާރުންނާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންވެސް ބައިވެރިވާނެއެވެ.
ދިވެހިރާއްޖެއަކީ ކުރިއަރަމުން އަންނަ ޖަޒީރާ ޤައުމަކަށްވާއިރު، މެރިޓައިމްގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ ނެޓްވޯކްތަކާ ގުޅުވައިދޭ މުހިންމު ދާއިރާއެއްކަމަށް އެމްޕީއެލްއިން ބުނެއެވެ.