ފުވައްމުލައް ސިޓީގައި އަންނަމަހުގެ 7 ވަނަ ދުވަހު 2 މިސްކިތެއް ހުޅުވަން ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު ފުވައްމުލައް ސިޓީއަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވަން ބޭއްވެވި ޖަލްސާގައި ޑރ. ޝަހީމް ވިދާޅުވީ އެ މަނިކުފާނު ވަޒީރުކަން އަދާކުރައްވާ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފުވައްމުލައް ސިޓީގައި އަންނަމާޗްމަހުގެ 7 ވަނަ ދުވަހު 2 މިސްކިތެއް ހުޅުވަން ހަމަޖެހިފައިވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި އަންނަ ޖޫން މަހުގެ ތެރޭގައި އެރަށުގައި ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒެއް ހުޅުވޭނެކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
"މިރަށުގައި ހުރި މަޝްރޫތައްވެސް އަޅުގަނޑު ވާނީ މިދިޔަ ހަފްތާގެ ތެރޭގައި ޓީމެއް ފޮނުވާގެން ބަލާފަ. ލަސްވެފަ ހުރީ ކޮން ކަންތައް ތަކެއްތޯ. އަވަހަށް ނިންމަންޖެހެނީ ކޮންކޮން ކަންކަން ތަކެއްތޯ. މިފެށޭ މާޗްމަހުގެ 7 ވަނަ ދުވަހުގައި 2 މިސްކިތް ހުޅުވިގެންދާނެ." ވަޒީރު ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ވަޙުދަތު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާކަމަށެވެ.