ފަރެސްމާތޮޑާ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގާތުން ބައްލަވައި، އެކަންކަން ހައްލުކޮށްދެއްވާނަން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ފަރެސްމާތޮޑާ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގާތުން ބައްލަވައި، އެކަންކަން ހައްލުކޮށްދެއްވާނަން: ރައީސް

ފަރެސްމާތޮޑާ ރައްޔިތުންގެ ކަންބޮޑުވުންތައް ވަރަށް ގާތުން ބައްލަވައި، އެކަންކަން ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެންވިދާޅުވީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ)އާ ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ފަރެސްމާތޮޑާ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ބިންހިއްކުމަށްފަހު އެތަނުގައި ހައުސިންގ ޔުނިޓުތައް ހެދުމުގެ މުހިންމުކަމާއި، ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުމާއި، އަދި ރަނގަޅު ފެންވަރަށް މަގުތައް ހަދަން ބޭނުންވާކަމަށާއި، ޖާގަ ބޮޑު ހުކުރު މިސްކިތެއްގެ މުހިންމުކަމާއި، ކުނި މެނޭޖުކުރުމުގައި ދިމާވާ ދަތިތަކާއި، އަދި މިނޫންވެސް ރަށުގެ އިޤުތިޞާދީ އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީން ވަނީ އެރަށަކީ ދާއިމީ ބަލިތަކަށް ބޭސްކުރާ ގިނަ ބަޔަކު ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވައި، އެރަށަށް ސްޕެޝަލިސްޓް ޑޮކްޓަރެއްގެ މުހިންމުކަމާއި ގިނަ ޓެސްޓުތަކެއް ހެދޭގޮތަށް ހަމަޖެހިގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވަރަށް ގާތުން ބައްލަވައި، ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ފޮތް ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލަށް ހަދިޔާކުރައްވާފައެވެ.

މިއަދު އޮންލައިން