ތިނަދޫ ފަޅުން ބައެއް ހިއްކައިގެން ބައިނަލްއަގުވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމަށް ތައިލެންޑުގެ ޕޭން ޕެސިފިކް ތައިލެންޑް ކޮމްޕެނީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒު މިހާރު ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަޝްރޫޢޫއަށް ދިވެހި ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރާއިރު މިމަޝްރޫޢުގެ ހުރިހާ ޚަރަދެއްކުރާނީ އެއަރޕޯޓު ތަރައްޤީކުރާ ކުންފުނިންނެވެ.
ތިނަދޫ ފަޅު ތެރެއިން ބައެއް ހިއްކައިގެން ތަރައްގީކުރާ އެއަރޕޯޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށޭނެކަމަށެވެ. އަދި މި އެ އެއަރޕޯޓު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެންމެ ބޮޑެތި މަތިންދާބޯޓުތަކަށްވެސް ޖެއްސޭނެ ރަންވޭއަކާއެކުކަމަށް ވަޒީރު ވިދާޅުވިއެވެ.