ލޮބުވެތި އަހުން ލޮބުވެތި އުހުތުން. ޤިޔާމަތް ދުވަހުގައި އެމީހުންނަށް ލިބޭ ސަވާބުގެ ވާހަކަޔާއި ދަރުމައިގެ ވާހަކަ އެއީ އައިސްފައިވާ ކަންތައްތައް. އޭގެތެރެއިން ޟަޢީފް ޙަދީޘެއްގައި އައިސްފައިވާ ކަމެއް އަޅުގަނޑު ދަންނަވާލާނަން. މިކަހަލަ ތަނެއްގައި އެގޮތަށް ޟަޢީފު ޙަދީޘެއްގެ އިސްތިދާލު ކޮށްލުންވެސް މައްސަލައެއްނޫން ކަންނޭނގެ. އެއީ ޢިލްމުވެރިން ބަޔާންކުރައްވާފަ އެބަހުރި އިނގޭތޯ.
އަލް ޢިއްޒު ބުން ޢަބްދުއްސަލާމް ފަދަ ބޭފުޅުންވެސް. އެއީ ސުލްޠާނުލް ޢުލަމާ އިނގޭތޯ. ވިދާޅުވަނީ ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވޭ. މި ޙަދީޘްގެ މާނަ ދަންނަވާލާނަން. " ތިން މީހަކު ގޮމަކަސްތޫރީގެ ފުނިވަރެއްގެ މަތީގައި ތިބޭނޭ ޤިޔާމަތް ދުވަހުން. އޭގެތެރެއިން އެ ތިންމިހުންގެ ތެރެއިން ދެ މީހުންނަކީ އަޅުގަނޑުމެން މިއަދު މި މުޚާތަބުކުރާ އިމާމުންނާއި މުދިމުން. ދެވަނަ މީހަކީ ކޮބައިތޯ. ފުރަތަމަ މީހަކީ އަޅެއް. ފުރަތަމަ މީހަކީ އަޅެއް. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙައްޤުތައް އަދާކޮށް އޭނާގެ ސައްޔިދު މީހާގެ ޙައްޤުތައް އަދާކުރާ މީހެއް. ދެވަނަ މީހަކީ ބައެއްގެ އިމާމަކަށް އެމީހުން ރުހިގެންވާ ހާލު އިމާމުކަން ކޮށްދޭ މީހާ.
އޭގެ މާނައަކީ އަޅުގަނޑުމެން ވިސްނަން އެބަޖެހެއޭ މިތިބަ އަޅުގަނޑުމެންގެ އިމާމުން އަޅުގަނޑުމެންގެ ސްލޫކު އަޅުގަނޑުމެންގެ އަޚްލާޤު އަޅުގނަޑުމެން ނަމާދަށް މިދާ މިސްކިތުގައި އަހުލުވެރިންނާ މެދުގައި އަޅުގަނޑުމެން ވިސްނަންޖެހޭ. ނަމާދަށް ވަގުތަށް ބަންގި ގޮވަން އެބަޖެހޭ.
އަޅުގަނޑުމެންނަށް ވަރަށް ގިނައިން އަންނަ ޝަކުވާއެއް މީ އިނގޭތޯ ވަގުތަށް ބަންގި ނުގޮވާ ވާހަކަޔާ، ފަރުވާކުޑަކުރާ ވާހަކަޔާ ރީތިކޮށް ނުތިބެ މިސްކިތަށް އަންނަ ވާހަކަޔާ މިކަހަލަ ވާހަކަތައް އެބައާދެ. އަޅުގަނޑުމެން މިކަމާ ހަވާލުވެގެން ތިބޭތީ މި ޝަކުވާތައް އެބައާދެ. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ މިވަރުގެ އަހަންމިއްޔަތުކަމެއް ދީނުގައި އަޅުގަނޑުމެނަށް ދީފައިވާއިރުގައި އަޅުގަނޑުމެން މިކަންކަމަށް ސަމާލުކަންދޭންޖެހޭ.
އަޅުގަނޑުމެން ނަމާދުކޮށްދޭ ބަޔަކީ އަޅުގަނޑުމެންދެކެ ރުހިގެންވާ ބަޔަކަށް ވަންޖެހޭ. އޭރުން އަޅުގަނޑުމެންނަށް ދޯ އެ ދަރަޖައެއް މި ލިބެނީ. އެމަތިވެރިކަން މިލިބެނީ . އަޅުގަނޑުމެން ވަރަށް އިޚްލާޞްތެރިކަމާއެކު ކުރާ ކަމަކަށް ވާންޖެހޭނެ. އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.އެއީ އަޅުގަނޑުމެންކޮށް އަދި އެހެންބަޔަކަށް މިކޮށްދެނީ . އެހެންވީމަ ވީ އެންމެ ފުރިހަމަގޮތުގައި މިކަން ކޮށްދެވޭތޯ ބަލަންޖެހޭ. ވަގުތަށް ހާޟިރުވާން އެބަޖެހޭ. އޭރުން އަޅުގަނޑުމެންނަށް އެ ސަވާބާއި ދަރުމަ ލިބޭނީ. އެހެންނޫނިއްޔާ އަޅުގަނޑުމެންނަށް ކިހިނެއްތޯ އެ ސަވާބާއި ދަރުމަ ލިބޭނީ.
ދެން އަނެއް މީހަކީ ކޮބައިތޯ؟ ފަރުޟު ފަސްނަމާދަށް ބަންގިގޮވާ މީހާ. އެހެންވީމަ ޤިޔާމަތްދުވަހުގައި ފާހަގަކޮށްލެވޭ ބައެއްމީ. މި ތިން މީހުންނަކީ. ގޮމަކަސްތޫރީގެ ފުނިވަރެއްގެ މަތީގައި ތިބޭނީ . އޭގެ މާނައަކީ އެމީހުންގެ ސަވަބާއި ދަރުމަޔާއި އެމީހުނަށް ލިބޭ ހެޔޮކަން މީ އެހެންމީހުންގެ ތެރެއަށް ފެތުރިގެންދާނެ އެއްޗެއްކަން މީން މި ދޭހަވަނީ. އެހެންވީމަ ލޮބުވެތި އިމާމުން، މުދިމުން މިކަމަށް ވަރަށް ސަމާލުވާންޖެހޭ.
- އިސްލާމީ މަރުކަޒުގެ އިމާމް ޝައިޚް މުޙައްމަދު ލަޠީފްގެ ވާހަކަފުޅުން