ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތާއެކު ފެށިގެން ދިޔައީ ޒުވާނުން ބާރުވެރިކުރުވުމުގެ މުޅިން އައު ޒަމާނެއްކަމަށް ޔޫތް މިނިސްޓަރ އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެކުނަށްކުރައްވާ ދަތުރުފުޅުގެތެރެއިން ގެނަމަފުށީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ އިބްރާހީމް ވަޙީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތާއެކު ފެށިގެން ދިޔައީ ޒުވާނުން ބާރުވެރިކުރުވުމުގެ މުޅިން އައު ޒަމާނެއްކަމަށެވެ. ނަތީޖާއެއްގެ ގޮތުން މިހާތަނަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ނިންމެވި ކޮންމެ ނިންމެވުމެއްގައި ޒުވާނުންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކަންކަމުގައި ބަސްބުނުމާއި ބައިވެރިކުރުުވުމުގެ ފުރުސަތު އިންތިހާއަށް ފަހިވެގެންގޮސްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ނޮވެމްބަރު 17 ވަނަ ދުވަހު ޒުވާނުންނަށް ޚާއްސަ ވުޒާރާއެއް ޤާއިމުކުރައްވާ އެޒިންމާ އަޅުގަނޑާއިވަނީ ޙަވާލުކުރައްވާފައި. އެދުވަހު ރައީސް އަޅުއްވައިދެއްވީ މިޖީލުގެ ޒުވާނުންގެ ސިޔާސީ ބިންގާ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ނިންމެވި ކޮންމެ ނިންމެވުމެއްގައިވެސް ޒުވާނުންނަށް ފުރުސަތު ހުރި މިންވަރު ބެއްލެވިކަމަށާއި ގެދޮރުވެރިކަމާއި މެޑިކަލް ޗެކަޕް ހެދުމާއި ޙައްޖުގެ އަޅުކަން އަދާކުރުމާއި މިނޫންވެސް ކަންކަމުގައި ޒުވާނުންގެ ދައުރު ހިއްސާ އިތުރުކުރެއްވިކަމަށެވެ.