ވީހާ ގިނައިން އަޅުކަންކޮށް، ޢާއިލާއަށް ވީހާ ގިނަ ވަޤުތު ދޭންޖެހޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ވީހާ ގިނައިން އަޅުކަންކޮށް، ޢާއިލާއަށް ވީހާ ގިނަ ވަޤުތު ދޭންޖެހޭ ސަބަބު-

ކައިވެނިކޮށް ތިބޭ ފިރިހެނުން ބަލިޙާލުގައި ހޮސްޕިޓަލުގައި ނުވަތަ ގޭގައި ނަމަވެސް އެނދެއްގައި އޮންނަން ޖެހިއްޖެނަމަ އެމީހާ އެންމެ ބޮޑަށް ދެރަވާ ކަންތައް ދެނެގަތުމަށް ވަނީ ދިރާސާތަކެއް ކުރެވިފައެވެ. އެދިރާސާތަކުން އެނގުނު ގޮތުގައި އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ދެރަވަނީ އޭނާގެ އަނބިމީހާއަށް، ދަރިންނަށް އަދި ދުނިޔޭގައި ތިބިނަމަ މައިންބަފައިންނަށް ދޭންޖެހޭ ވަޤުތު ނުދެވުނީތީއެވެ. 

ވީމާ މިއީ ވަރަށް ބޮޑަށް އިޞްލާޙްކުރަންޖެހިފައިވާ ކަމެއްކަން މިއޮތީ އެނގިފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ އޭނާއަށް ބަލިޙާލުގައި އޮންނަންޖެހުމަށްވުރެ އެކަމަށް ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. ބަލިވާނެކަމާއި ބަލިޙާލުގައި އޮންނަން ޖެހޭނެކަން، ނުވަތަ ޖެހިދާނެކަން ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރާނެއެވެ. އަދި މަރުވާނެކަންވެސް ޤަބޫލުކުރެވޭނެއެވެ. ވީމާ އެކަމަށް ކަންބޮޑެއް ނުވާނެއެވެ. 

ދެން އުފެދޭ ސުވާލަކީ ކުރެވުނު އަޅުކަން މަދުވެގެން ކަންބޮޑުވާވަރަށްވުރެ ބޮޑަށް ޢާއިލާއަށް ވަޤުތު ނުދެވުނީތީ ކަންބޮޑުވަނީ ކީއްވެގެން ހެއްޔެވެ؟ މިއީ ވަރަށް މުހިންމު ސުވާލެކެވެ. މިސުވާލުގެ ސީދާ ޖަވާބުދޭކަށް އަހުރެންނަކަށް ނުއެނގެއެވެ. 

ނަމަވެސް އަހުރެންގެ ވިސްނުމުން ބުނާނަމަ ބުނެވެން އޮތީ އޭނާ ރަނގަޅު ގޮތުގައި ދުނިޔޭގައި އުޅެފައިވާނަމަ ކުރެވުނު އަޅުކަން ތަންކޮޅެއް މަދުނަމަވެސް ﷲ ތަޢާލާ އޭނާއަށް ރަޙުމް ކުރައްވަވާނެ ކަމަށް ކުރެވޭ އުންމީދު ބޮޑުވަނީއެވެ. އެހެންކަމުން އަހުރެންގެ ނަޞޭހަތެއް އެބައޮތެވެ. 

އެނަޞޭޙަތަކީ ކޮންމެ ވަޤުތަކުވެސް ކޮންމެ ފަދަ ޙާލަތެއްވެސް ކުރިމަތިވެދާނެކަމަށްޓަކައި 2 ކަމަކަށް އަބަދުވެސް ސަމާލުކަންދޭށެވެ. ފުރަތަމަ ކަމަކީ ވީހައި ގިނައިން އަޅުކަންކުރުމެވެ. ދެވަނަ ކަމަކީ ޢާއިލާއަށް ވަޤުތު ދިނުމެވެ. އެއިރުން ބަލިޙާލަތެއް މެދުވެރިވެ ބަލިއެނދުގައި އޮންނަން ޖެހުނަސް ކަންބޮޑުވުންތައް މަދުވާނެއެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން