ރާއްޖޭގައި ދަނޑުވެރިކަމާއި ގުޅޭ ކޯސްތައް ހިންގުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އާއި ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގައި އެ ވުޒާރާގެ ފަރާތުން ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.އާއިޝަތު ރަމީލާ އެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސްޗާންސެލަރ ޑރ. އަލީ ޒާހިރެވެ.
އެ ވުޒާރާއިން ވިދާޅުވީ މި އެމްއޯޔޫގެ މަގްސަދަކީ އެ ވުޒާރާއާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުމުގައި ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލުމަށާއި، ދަނޑުވެރިކަމުގެ ދާއިރާގެ މަސައްކަތްކުރުމަށް ފަހި މާޙައުލެއް ގާއިމުކުރުމަށްޓަކައި ދިރާސާކުރުމުގެ ސަގާފަތެއް ގާއިމުކޮށް ކުރިއެރުވުމާއި، މިފަދަ ދިރާސާތައް ކުރުމުގައި ދެ މުއައްސަސާގެ ތަޖުރިބާ އާއި ފަންނުވެރިކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ގާއިމުކުރެވިފައިވާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުން ހިފުމަށް މަގުފަހި ކުރުމާއި ދެމުއައްސަސާގެ މުވައްޒަފުންނަށާއި އާންމުންނަށް ބޭނުންވާ ތަމްރީންތައް ދިނުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.
އަދި މި އެމްއޯޔޫގެ ދަށުން ކުރިއަށްގެންދާނެ ބައެއް މަސައްކަތްތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ކޯސްތައް އެމްކިއުއޭ ގަބޫލުކުރާ ފެންވަރަށް ދެ އިދާރާ ގުޅިގެން ފަރުމާކޮށް ހިންގަން ފެށުމާއި، ދެ އިދާރާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި ކޯސްތަކުގައި ދެ އިދާރާގެ ފަންނީ މުވައްޒަފުންގެ އެހީތެރިކަން ދެފަރާތުން އެއްވަރަކަށް ޙިއްޞާކުރުމާއި، ދަނޑުވެރިކަން ވިޔަފާރީގެ(އެގްރި-ބިޒްނަސް) ގޮތުގައި ކިޔަވައިދޭނެ މަގުތައް ފަހިކުރުން ހިމެނެއެވެ.
މި އެމްއޯޔޫގެ މުއްދަތަކީ ސޮއިކުރާ ދުވަހުން ފެށިގެން ތިން އަހަރެެވެ.