އަމިއްލަ ފައިދާއަށް ރާއްޖޭގެ އިޤްތިޞާދާ ގުޅޭ ދޮގު ވާހަކަތައް ނުފެތުރުމަށް ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުޙައްމަދު ޢަލީ ޖަނާޙު ވިދާޅުވެއްޖެއެވެ.
ޑރ. މުޙައްމަދު މުޢިއްޒު ގއ. ވިލިނގިލީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަނާޙު ވިދާޅުވީ "ރާއްޖެއަކީ ސްޓޮކް އެކްސްޗޭންޖް އޮތްތަނެއް ނޫން، ބޮޑެތި ބޭންކުތަކެއް އޮތްތަނެއް ނޫން. އަޅުގަނޑުމެންގެ ރަޙުމަތްތެރި ވިޔަފާރިވެރިން ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކޮށް ލާރި ހުރިތަން ތަނުން ލާރި ހޯދައިގެން ގެނެސް މި ޤައުމު ތަރައްޤީ ކުރަމުން ދަނީ. އެހެންވީމަ ރާއްޖޭގެ އިޤްތިޞާދާ ގުޅިގެން ދައުރުކުރާ ނޭދެވޭ ޚަބަރަކީ އިންވެސްޓަރުންގެ މޭޒުމަތީގައި އޮންނާނެ އެކަން." ކަމަށެވެ.
ރައީސް ޑރ.މުޢިއްޒަށް ދިމާވެފައި އޮތް ވަރުގެ އުނދަގޫ ދަތި ޗެލެންޖެއް އެއްވެސް ރައީސްއަކަށް ދިމާވެފައެއް ނެތްކަން ފާހަގަކުރައްވާ ޖަނާހު ވިދާޅުވީ އެޗެލެންޖް ކާމިޔާބު ކުރެއްވުމަށް ރައީސާއެކު މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ރައީސް އެދިވަޑައިގަންނަވަނީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ގޮތްތައް ހޯއްދަވަންކަމަށާއި މިޤައުމު އެހެން ބަޔަކަށް ބަރޯސާ ނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ އިޤްތިޞާދު ދިވެހިންގެ އަތްމަތީގައި ބާއްވަންކަމަށްވެސް ޖަނާހު ވިދާޅުވިއެވެ.
ޖަނާހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ކުރިން ފައްކާވެފައި އޮތް އިޤްތިޞާދު ހޯއްދަވާ ދިވެހިންގެ ފައިމައްޗަށް އިޤްތިޞާދު ނަގަހައްޓަވަންކަމަށެވެ.